ކުޅިވަރު

ޒަމާންވީ ބޮޑު ރެކޯޑެއް ބާސާއިން މުގުރާލައިފި

ވެލެންސިއާގެ މައްޗަށް 2-1 ން މޮޅުވި މެޗުގައި، މީގެ 38 އަހަރު ކުރިން ސްޕެނިޝް ލީގްގައި ހަދާފައިވާ ބޮޑުރެކޯޑެއް ބާސެލޯނާއިން މުގުރާލައިފި އެވެ.

ސްޕެނިޝް ލީގްގައި 1979/1980 ވަނަ އަހަރުގެ ސީޒަންގައި، ރެއާލް ސޮސިއެދާދުން ހަދާފައިވާ، ބަލިނުވެ 38 މެޗު ފުރިހަމަ ކުރި ރެކޯޑް ބާސާއިން ވަނީ މުގުރާލާފަ އެވެ. މިއީ ބާސެލޯނާއި ސްޕެނިޝް ލީގްގައި ބަލި ނުވެ ފުރިހަމަ ކުރި 39 ވަނަ މެޗެވެ.

ބާސާގެ ކޯޗް އެރުނަސްޓޭ ވަލްވަރުޑޭ މި ރެކޯޑު ފުރިހަމަ ކުރި ނަމަވެސް އޭނާއަށް މި ރެކޯޑް ފުރިހަމަ ކުރެވުނީ، މިދިޔަ ސީޒަނަށް ފަހު ބާސާ ދޫކޮށްލި ލުއިސް އެންރީކޭގެ އެހީތެރިކަން ލިބިގެންނެވެ. މި ރެކޯޑާ ހަމަޔަށް ވާސިލު ވުމުގައި މިދިޔަ ސީޒަންގައި އެންމެ ފަހުން ބާސެލޯނާ ކުޅުނު ހަތް މެޗުވެސް ހިމެނެ އެވެ.

ބާސާގެ 39 މެޗުގެ ރޭހުގައި، އެ ޓީމުން ވަނީ 32 މެޗު ކާމިޔާބު ކޮށްފަ އެވެ. ހަތް މެޗުން އެއްވަރުވީ އެވެ. މި ރޭހުގައި ބަލިނުވެ ކިރިކިރިޔާ ސަލާމަތްވި މެޗުތަށްވެސް ހިމެނެއެވެ. އޭގެ ތެރެއިން އެއް މެޗަކީ، މިދިޔަ މަހު ފަހު ކޮޅު ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗެވެ. ސެވިއްޔާ 2-0 ން މޮޅުވާން ދަނިކޮށް ބާސާއިން ދެ ލަނޑު ޖަހައި، ނަތީޖާ ހަމަހަމަ ކުރީ މެޗުގެ އެންމެ ފަހު ވަގުތުގައެވެ.

މި ރޭހުގައި ބާސާގެ އެންމެ ބޮޑު ތަފާތަކަށްވީ، ވައިސްކެޕްޓަން ލިއޮނަލް މެސީ އެވެ. މި 39 މެޗުގައި، އޭނާ ވަނީ 108 ގޯލް ޖާހަފަ އެވެ. މި ރެކޯޑު ހެދުމަށް ހޭދަވި މުއްދަތުގައި، ބާސާއަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ، އެ ޓީމަށް ކުޅެމުން ދިޔަ، ބްރެޒިލްގެ ނޭމާ ޖޫނިއާ، އެ ޓީމު ދޫކޮށް ޕީއެސްޖީއަށް ބަދަލުވުމެވެ. ނޭމާ ނެތްތަން ފޫބެއްދުން ހަގީގަތުގައިވެސް ބާސާ އަށް އުނދަގޫވި އެވެ. ނަމަވެސް، އެޓީމުގެ މިހާރުގެ ކޯޗު ވަލްވަރުޑޭ ބާސާގެ ގޭމް ސިސްޓަމް 4-4-2 ށް ފައްތާލުމުން، ނޭމާ ނެތުމުގެ މާބޮޑު އަސަރެއް ނުކިރި އެވެ. ނަމަވެސް މުޅި އޯވަރޯލް ސީޒަންގައި ބާސާއަށް އެ މައްސަލަ ކުރިމަތި ވިއެވެ.

ބާސެލޯނާގެ ދަނޑުގައި، ވެލެންސިއާ އާ ދެކޮޅަށް ކުޅުނު މެޗުގައި، ފުރަތަމަ ދެ ލަނޑު ޖެހީވެސް ބާސާއިންނެވެ. ފުރަތަމަ ލަނޑު މެޗުގެ 15 މިނެޓްތެރޭގައި ކާމިޔާބު ކުރީ، ލުއިސް ސުއަރޭޒް އެވެ. އޭނާ ލަނޑު ޖެހީ ފިލިޕޭ ކުޓީނިއޯ ތަނަވަސް ކޮށްދިން ފުރުސަތެއްގަ އެވެ.

ދެ ވަނަ ލަނޑު ޖަހަންވެސް ފުރުސަތު ތަނަވަސް ކޮށްދިނީވެސް ކުޓީނިއޯ އެވެ. އޭނާ ދިން ފުރުސަތަކުން ދެ ވަނަ ލަނޑު 51 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ސެމިއުލް އުމްޓިޓީ އެވެ.

ވެލެންސިއާގެ ލަނޑު ލިބުނު ޕެނަލްޓީ އަކުން މެޗުގެ 81 ވަނަ މިނެޓްގައި، ކާމިޔާބު ކުރީ ޑެނީ ޕަރޭހޯ އެވެ.