އަމިއްލަ ދަނޑުގައި ބޯންމޮތު 0-3 ބަލިކޮށް ދެވަނަ މަގާމުގައި އޮތް މެންޗެސްޓާ ޔުނައިޓެޑާއި ޕޮއިންޓެއް ގާތަށް ލިވަޕޫލް ޖެހިލިއިރު ސައުތުހެމްޓަން އާއި ޗެލްސީ ބައްދަލުކުރި މެޗުގެ ދެވަނަ ހާފުގައި ކުޅެން ނިކުމެ އޮލިވިއޭ ޖިރޫ ޗެލްސީ މޮޅު ކޮށްދީފި އެވެ.
ލިވަޕޫލް އާއި ބޯންމަތު ބައްދަލުކުރި މެޗުގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ މެޗުގެ 7 ވަނަ މިނިޓުގައި މިގޯލް ލިވަޕޫލްއަށް ޖަހައިދިނީ ފޯވާޑް ސަޑިއޯ މާނޭ އެވެ. އަރިމަތިން ނަގައިދިން ހުރަހަކުން މާނޭ ފޮނުވާލި ބޯޅަ ބޯންމަތުގެ ކީޕަރު ބެގޮވިޗް މަތަކުރި ބޯޅަ ދެވަނަ ފަހަރަށްވެސް ލިބުނީ މާނޭއަށެވެ. އޭނާ ވަނީ އެބޯޅަ އެއްފަހަރުން ގޯލްގެ ތެރެއަށް ވައްދާލާފަ އެވެ.
ލިވަޕޫލް މެޗުގެ ދެވަނަ ލަނޑު ޖެހީ 69 ވަނަ މިނިޓުގަ އެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ މިސްރު ފޯވާޑް މުހައްމަދު ސަލާހު އެވެ. އަރިމަތިން އެލެކްސެންޑާ އާނޯލްޑް ކުރިއަށް ކުޅުނު ބޮޑު ބޯޅައިން ސަލާހު އެއްފަހަރުން ބޮލުން ޖެއްސި ބޯޅަ ގޯލްގެ ތެރެއަށް އޮއްސުނީ ބޯންމަތު ކީޕަރު ބެގޮވިޗް ބޯމަތިންނެވެ. މިގޯލާއެކު ސަލާހު މިވަނީ މިސީޒަނުގައި 40 ގޯލް ޖަހާފަ އެވެ. މިއީ އޭނާ ޕްރިމިއާ ލީގުގައި ޖެހި 30 ވަނަ ލަނޑެވެ. މިއާއެކު ސަހާު ވެގެންގޮސްފައި މިވަނީ ޕްރިމިއާ ލީގުގައި 30 ގޯލް ޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ.
މިސީޒަނުގައި މިހާތަނަށް ލިވަޕޫލްގެ ތިން ފޯވާޑުން ކަމަށްވާ ސަލާހް، ފިރްމީނޯ އަދި މާނޭ ވަނީ ޖުމްލަ 83 ލަނޑު ޖަހާފަ އެވެ. މިއަދަދު އިތުރުވެގެންދިޔައީ މެޗުގެ 90 ވަނަ މިނިޓުގައި ބްރެޒިލް ފޯވާޑް ފިރްމީނޯ ޖެހި ލަނޑާއެކު އެވެ.
ސައުތުހެމްޓަން އާއި ޗެލްސީ ވާދަކުރި މެޗުގައި ޗެލްސީ 0-2 ބަލިވާން ދަނިކޮށް އެޓީމު މޮޅުކޮށްދިނީ ޖިރޫ އެވެ. މިމޮޅާއެކު ޗެލްސީ މިހާރު އޮތީ ލީގު ތާވަލުގެ ފަސް ވަނަ މަގާމުގައި 60 ޕޮއިންޓާއެކު އެެވެ. އަނެއްކޮޅުން ސައުތުހެމްޓަން އޮތީ ރެލިގޭޝަން ޒޯނުގައި 28 ޕޮއިންޓާއެކު އެވެ. އެޓީމު ރެލިގޭޝަން ޒޯނުން ސަލާމަތްވާން ފަސް ޕޮއިންޓް ބޭނުންވެ އެވެ.
ސައުތުހެމްޓަންއަށް މެޗުގެ ލީޑު ނަގައިދިނީ 21 ވަނަ މިނިޓުގައި ސާބިއާ މިޑްފިލްޑަރު ޑުސާން ޓަޑިޗް އެވެ. ރަޔަން ބާޓްރާންޑް ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ ފަހަތަށް ކުޅުނު ބޯޅަ ޓަޑިޗް ވަނީ އެއްފަހަރުން ގޯލްގެ ތެރެއަށް ފޮނުވާލާފަ އެވެ.
މެޗުގެ 60 ވަނަ މިނިޓުގައި ސައުތުހެމްޓައިން ނަތީޖާ އިތުރަށް ފުޅާކޮށް 2 ލަނޑިހެ ލީޑެއް ނެގި އެވެ. މިލަނޑު ޖެހީ ޑިފެންޑަރު ބެޑްނަރެކް އެވެ.
ޗެލްސީއަށް މެޗުގެ ފުރަތަމަ ލަނޑު ޖަހާދީ ފަރަގު ކުޑަކޮށްދިނީ 70 ވަނަ މިނިޓުގައި ޖިރޫ އެވެ. އޭގެ ފަސް މިނިޓު ފަހުން އެޓީމު އެޑެން ހަޒާޑް ޗެލްސީއަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނެވެ. ހަޒާޑް ގޯލް ޖެހިތާ ތިން މިނިޓު ފަހުން ޖިރޫ ޗެލްސީ މޮޅުކޮށްދިން ލަނޑު ޖަހައި މެޗުގެ ނަތީޖާ 2-3 ބަދަލުކޮށްލި އެވެ.
0-2 ބަލިވާން ދަނިކޮށް ފަހަތުން އަރައި ޗެލްސީ ޕްރިމިއާ ލީގު ތާރީހުގައިވެސް މީގެކުރިން މޮޅުވެފައި ވަނީ އެންމެ ފަހަރަކު އެވެ. އެއީ 2002 ވަނަ އަހަރު ކްލައުޑިއޯ ރަންރޭރީގެ އިރުޝާދުގެ ދަށުން 2-3 ޗާލްޓަން ބަލިކުރި މެޗެވެ. އަނެއްކޮޅުން އެޑެން ހަޒާޑް މިވަނީ ޗެލްސީއަށް ތިން ވަނައަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިއާއަށް ވެފަ އެވެ. ހަޒާޑް ވަނީ މިހާތަނަށް ޗެލްސީއަށް 69 ލަނޑު ޖަހާދީފަ އެވެ.