ވެންބްލީ ސްޓޭޑިއަމްގައި ޓޮޓެންހަމް ހޮޓްސްޕާސް 1-3 ބަލިކޮށް ޕެޕް ގާޑިއޯލާގެ ޓީމުން ލީގު ހޯދުމާ ތިން ޕޮއިންޓް ގާތަށް ޖެހިލައިފި އެވެ.
ސިޓީ ލީގު ހޯދަން ތިން ޕޮއިންޓް ބޭނުންވި ނަމަވެސް މިއަދު މެންޗެސްޓާ ޔުނައިޓެޑާއި ވެސްޓް ބްރޮމިޗް އަލްބިއަން ބައްދަލުކުރާ މެޗުން ޔުނައިޓެޑު ބލިވެއްޖެނަމަ ސިޓީއަށް ލީގު ލިބޭނެ އެވެ. ބުދަ ދުވަހުގެ ރޭ ޔުނައިޓެޑު ބޯންމަތު އަތުން ބަލިވެއްޖެ ކަމަށްވާނަމަވެސް ސިޓީއަށް ލީގު ލިބޭނެ އެވެ.
ޔުނައިޓެޑު މިދެމެޗުން މޮޅު ވެއްޖެނަމަ ސިޓީއަށް މިމަހުގެ 22 ވަނަ ދުވަހު ސްވަންސީ ބަލިކޮށް ލީގު ލިބޭނެ އެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ސީޓިންނެވެ. މިލަނޑު އެޓީމަށް ޖަހައިދީނީ ބްރެޒިލް ފޯވާޑް ގެބްރިއަލް ޖީސެސް އެވެ. ޑިފެންޑަރު ވިންސެންޓް ކޮމްޕެނީ ކުޅުނު ބޯޅަ ޖީސެސް ގޯލްގެ ތެރެއަށް ވައްދާލީ ކީޕަރު ހޫގޯ ލޮރިސް އަތް ކާރިންނެވެ.
ސިޓީ ލީޑު ނެގިތާ ތިން މިނިޓު ފަހުން އެޓީމަށް ޕެނެލްޓީއެއް ލިބުނެވެ. ޓޮޓެންހަމްގެ ކީޕަރު ހޫގޯ ލޮރިސް ރަހީމް ސްޓާލިންއަށް ކުރި ފައުލަކާ ގުޅިގެން ރެފްރީ ޕެނެލްޓީ ދިން ނަމަވެސް މިފައުލް ލޮރިސް ކޮށްފައިވަނީ އޭރިއާ ބޭރުން ކަން ރިޕްލޭއިން ފެނެއެވެ. ސިޓީގެ ޕެނެލްޓީ ޖެހީ ގުންޑުގާން އެވެ. އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ކަނަށެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ސްޕާސްއިން ފަރަގު ކުޑަކުރި އެވެ. އޭރިއާ ތެރެއަށް ހެރީ ކޭން ކުޅުނު ބޯޅަ ސިޓީގެ ޑިފެންޑަރު އައިމެރިކް ލަޕޯޓެ ސާފު ކޮށްލި ބޯޅަ ގޯލްގެ ތެރެއަށް ވަނީ ޓޮޓެންހަމްގެ މިޑްފިލްޑަރު އެރިކްސަން ފައިގައި ޖެހިފަ އެވެ.
ޓޮޓެންހަމް ދެވަނަ ހާފު ވަރުގަދަކޮށް ފަށައި މެޗުގެ ނަތީޖާ އެއްވަރުކުރަން މަސައްކަތް ކުރި އެވެ. ނަމަވެސް 72 ވަނަ މިނިޓުގައި ރަހީމް ސްޓާލިން ސިޓީ ލީޑު ދެގޯލަށް ފުޅާކޮށް މެޗުގެ ނަތީޖާ 1-3 ބަދަލުކޮށްލި އެވެ.
މިމެޗުން ބަލިވުމާއެކު ޓޮޓެންހަމް 14 މެޗުން ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑައް މިވަނީ ނިމުން އައިސްފަ އެވެ. މިދިޔަ ޑިސެމްބަރުގައި ސިޓީ އަތުން 1-4 ބަލިވި މެޗަށްފަހު މިއީ ޓޯޓެންހަމް ލީގުގައި ބަލިވި ފުރަތަމަ މެޗެވެ. މެޗުން ބަލިވި ނަމަވެސް ޓޮޓެންހަމް ތާވަލުގެ ހަތަރު ވަނަ މަގާމުގައި އޮތީ 60 ޕޮއިންޓާއެކު އެވެ. ފަސް ވަނަ މަގާމުގައި އޮތް ޗެލްސީ އާއި ޓޮޓެންހަމްއާ ދެމެދު ހަ ޕޮއިންޓު ތަފާތެއް އެބައޮތެވެ.