ހޮލީވުޑް

ސްޓްރީމިން ހިދުމަތްތަކާ އަހަރެން ދެކޮޅު: ހެލެން މިރެން

ނެޓްފްލިކް، އެމެޒޯން އަދި ހުލު ފަދަ އޮންލައިން ފިލްމު ސްޓްރީމިންގް ހިދުމަތްތަކާއި ދެކޮޅުކަމަށް ހޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ޑެމީ ހެލެން މިރެން ބުނެފި އެވެ. ހެލެން ބުނީ މި ހިދުމަތްތަކަކީ ފިލްމު އުފައްދާ ފަރާތްތަކަށާއި ބެލުންތެރިންނަށް "ހިތާމަވެރި" ކަމެއް ކަމަށެވެ. ހެެލެން މިހެން ބުނީ "ޓޯޓަލް ފިލްމު މެގަޒިން" އަށް ދިން އިންޓަވިއުއެއްގަ އެވެ.

"ދަ ކުއީން" ފިލްމުގެ އެކްޓްރެސް ހެެލެން ބުނީ ސިނެމާއެއްގައި ފިލްމެއް ބަލަން އިނުމަކީ ވަރަށް ތަފާތު އަދި އެއްބައިވަންތަކަމުގެ އިހުސާސެއް ގެނެސްދޭ ކަމެއް ކަމަށެވެ. ނަމަވެސް މިހާރު ޑިޖިޓަލް ހިދުމަތްތައް ފުޅާވެ ސިނަމާތަކަށާއި ފިލްމު އުފައްދާ މީހުނަށް ގެއްލުންވަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.

"މިއީ އަސްލު އަހަރެން ފިރިމީހާ ކަހަލަ މީހުން، މި ބުނީ ޑައިރެކްޓަރުންނަށް ވަރަށް ހިތާމަވެރިކަމެކޭ. އެ މީހުން ބޭނުންވަނީ އެ މީހުންގެ ފިލްމުތައް ގިނަ ބަޔަކު ސިނަމާއަށް ގޮސްގެން ބަލަން." ހެލެން ބުންޏެވެ.

"ސިނަމާއެއްގައި ވެއްޖެއްޔާ އޯޑިއެންސެއް ތިބޭނެ، ފިލްމެއް އަޅުވާފައި ހުންނާނެ. އެންމެ އެކީގައި ހީލާނީ، މަޖާކުރާނީ އަދި ރޯނީވެސް. އިހުސާސްވާނީ އެއްބައިވަންތަކަމުގެ ގުޅުމެއް. އެކަމަކު މިއަދު އެ މަންޒަރު މި ވަނީ ބަދަލުވާ ފަށާފަ."

މިހާރު 72 އަހަރުވެފައިވާ ހެލެން ކައިވެނިކޮށްގެން އުޅެނީ ޑައިރެކްޓަރު ޓެއިލާ ހެކްފޯޑްއާ އެވެ. ޓެއިލާ އެންމެ މަޝްހޫރުވީ 2004 ގައި އޭނާ ނެރުނު ބަޔޮޕިކް ފިލްމު "ރޭ" އިންނެވެ.

އޮސްކާ އެވޯޑު ހޯދާފައިވާ ހެލެން، ސްޓްރީމިން ހިދުމަތްތަކާއި ދެކޮޅަށް ވާހަކަ މި ދެއްކީ އަންނަ މަހު ފަށާ ކާންސް ފިލްމު ފެސްޓިވަލާއި ނެޓްފިލްކްސް އާއި ދެމެދު ދެ ބަސްވުންތަކެއް އުފެދިފައި ވަނިކޮށެވެ. ކާންސް ފިލްމު ފެސްޓިވަލް ހިންގާ ފަރާތުން ވަނީ އޮންލައިން ސްޓްރީމިންގް ފިލްމުތައް ސިނަމާތަކުގައި ނަޅުވަނީސް އެ ފިލްމުތަކަށް ފެސްޓިވަލުގައި ފުރުސަތު ނުދޭނެ ކަމަށް ބުނެފަ އެވެ.

ނެޓްފިލްކްސް އިން މިކަމާއި މެދު ހިތްހަމަނުޖެހި މި ފަހަރު ފެސްޓިވަލުގައި އެ ނެޓްވޯކުގެ އެއްވެސް ފިލްމެއް ބައިވެރި ނުކުރާ ގޮތަށް މިހާރު ވަނީ ނިންމާފަ އެެވެ. ފްރާންސުގައި އޮންނަ މި ފެސްޓިވަލް ފަށާނީ އަންނަ މަހު 8 ގަ އެވެ.