ބޮލީވުޑް

26 އަހަރު ފަހުން މާދުރީ އާއި އަނިލް އެއް ފިލްމަކަށް

ބޮލީވުޑްގެ އޮންސްކްރީން ފޭވަރިޓް ޖޯޑެއް ކަމަށްވާ މާދުރީ ދިކްޝިތް އާއި އަނިލް ކަޕޫރް، 26 އަހަރު ފަހުން އެ ފިލްމެއްގައި މަސައްކަތް ކުރަން ނިންމައިފި އެވެ. މި ދެ ތަރިން އެއްކޮށް ފެނިގެންދާނީ ކޮމެޑީ ޑްރާމާ ފިލްމު "ޓޯޓަލް ދަމާލް" އިންނެވެ.

މި ހަބަރު އަނިލް ވަނީ އިއްޔެ އޭނާ ކުރި ޓުވީޓެއްގައި ކަށަވަރުކޮށްދީފަ އެވެ. ފިލްމުގެ ޝޫޓިންގެ މަސައްކަތްވެސް މިހާރު ވަނީ ފަށާފަ އެވެ. ފޯސްޓުގައި އަނިލް ބުނެފައި ވަނީ މާދުރީއާއެކު ފިލްމެއް ނުކުޅޭތާ ގިނަ އަހަރުތަކެއް ވީނަމަވެސް ދެ މީހުންގެ ގުޅުމަށް އަދިވެސް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.

ޑައިރެކްޓަރު އިންދްރާވެސް ވަނީ ފިލްމާއި ބެހޭގޮތުން ޓުވީޓެއް ކޮށްފަ އެވެ. ގިނަ ދުވަސްތަކަށްފަހު މާދުރީ އަދި އަނިލްއާއެކު މަސައްކަތްކުރަން ފުރުސަތު ލިބުން އޭނާވެސް ހުރީ އުފަލުންނެވެ. އިންދްރާ ވަނީ މީގެ ކުރިން މި ތަރިން އެއްކޮށް ފެނިގެންދިޔަ ފިލްމު "ބޭޓާ" ޑައިރެކްޓުކޮށްފަ އެވެ.

އަނިލް ކަޕޫރް ކޮށްފައިވާ ޓުވީޓެއް.

އިންދްރާގެ ޓުވީޓަށް ޖަވާބުދީ މާދުރީ ކުރި ޓުވީޓުގައި ބުނީ، "މި ދެމީހުނާއެކު އެއްކޮށް މަސައްކަތްކުރާއިރު އަބަދުވެސް ހީހީ ހަލާކުވާނެ. އަހަރުތަކެއް ފަހުންވެސް މިކަމަކަށް އަދިވެސް ބަދަލެއް ނާދެ." އެވެ.

މި ފިލްމު ގެނެސްދެނީ އޭޑީއެފް ފިލްމްސްއާއި ފޮކްސް ސްޓާ އިންޑިއާ ގުޅިގެންނެވެ. މި ފިލްމަކީ "ދަމާލް" ފިލްމު ފްރެންޗައިޒްގެ ތިން ވަނަ ފިލްމެވެ. ކުރީ ދެ ފިލްމުގައި ފެނިގެންދިޔަ ސަންޖޭ ދަތް މި ފިލްމުގައި ފެނިގެނެއް ނުދާނެ އެވެ.

"ޓޯޓަލް ދަމާލް" ސިނަމާތަކުގައި ދެއްކުމަށް ހަމަޖެހިފައި ވަނީ އަންނަ ޑިސެމްބަރު މަހު 7 ފެށިގެންނެވެ.