ކުޅިވަރު

"ދާދުގެ ކިބައިގައި މިހާރު ހުންނާނީ މާޒިޔާގެ ފެހިކަން"

މިދިޔަ ތިން އަހަރު، ޓީސީއަށް ކުޅުނު ނާއިޒް ހަސަން (ދާދު) ގެ ކިބައިގައި މިހާރު ހުންނާނީ މާޒިޔާގެ ރޫހް ކަމަށް، މާޒިޔާގެ ކޯޗް އިސްމާއީލް މަހްފޫޒު (އިންމަ) ބުނެފި އެވެ.

މާލޭ ލީގްގައި، މިއަދު ހަވީރު މާޒިޔާ ނިކުންނާނީ ޓީސީއާ ދެކޮޅަށެވެ. މި މެޗަކީ ދާދުގެ އިތުރުން، މިދިޔަ އަހަރު އޭނާ އާއެކު ޓީސީއަށް ކުޅުނު ސްޓެވާޓް ކޯނޭލިއަސް (ކޯނޭ) އަށް ހާއްސަ މެޗެކެވެ. އެ ދެކުޅުންތެރިންގެ ކުރީގެ ކުލަބާ ދެކޮޅަށް މާޒިޔާގެ ޖޯޒީގައި ނިކުންނަ މެޗެވެ.

"އެކި އަހަރުތަކުގެތެރޭ އެކި ކުޅުންތެރިން ޓީމުތަކަށް ބަދަލުވާނެ، އޭގެ މާނައަކީ ކުރިން ހުރި ޓީމަށް ތައްގަނޑު ޖެހުނީކީ ނޫން، ދާދު އާއި ކޯނޭ އަކީ މިދިޔަ އަހަރު ޓީސީގައި ވަރަށް މުހިންމު ދައުރެއް އަދާ ކުރި ކުޅުންތެރިން، އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި، (މިއަދު) ޓީސީއާ ދެކޮޅަށްވެސް އެ ކުޅުންތެރިން އެކަން ދައްކާނެ،" ނިޒާމް ބުންޏެވެ.

"އެ ދެ ކުޅުންތެރިންނަކީ އަޅުގަނޑުމެން ވަރަށް އިތުބާރު ކުރާ ދެކުޅުންތެރިން، ސީޒަންގެ މިދިޔަ މެޗުތަކުގައިވެސް، ވަރަށް ރަނގަޅު އަދި ސީޒަންގެ ބާކީ އޮތްތަނުގައިވެސް ވަރަށް ރަނގަޅު ކުޅުމެއް ދައްކާނެ ދެ ކުޅުންތެރިން."

އިންމަ ބުނީ، ޓީސީއާ ދެކޮޅަށް ނިކުންނަން ޖެހުނަސް، ސައިކޮލަޖިކަލީ އެ ދެ ކުޅުންތެރިންނަށް އޭގެ އަސަރު ނުކުރާނެ ކަމަށެވެ. ސީޒަންގެ ފުރަތަމަ ނުވަތަ ދެ މެޗު ނަމަ އެހެން ދިމާވުމުގެ ފުރުސަތު އޮތީސް ކަމަށެވެ.

އޭނާ ބުނީ ޓީސީއާ ދެކޮޅަށް ނިކުންނާނީ އެޓީމުގެ ފެންވަރު ދެނެގަނެގެން ކަމަށެވެ. އެކަމަށް އެ ޓީމަށް ދޭން ޖެހޭ ފުރިހަމަ އިހްތިރާމު މާޒޔާއިން ދޭނެ ކަމަށެވެ.

މި މެޗު، ޓީސީގެ ކޯޗު މުހައްމަދު ނިޒާމު އާއި އިންމައަށްވެސް ހާއްސަ އެވެ. ދެ ކޯޗުންނަކީވެސް، އެއްކުލާހެއްގައި ކިޔަވައި އިންޓަ ސްކޫލްގައި އެއް ކޮށް ކުޅުނު ދެ ކުޅުންތެރިން ކަމަށް ނިޒާމް ފާހަގަ ކުރި އެވެ. ކުލަބު ކެރިއާގައިވެސް، ވެލެންސިއާގައި ދެ މީހުންވެސް އެކުގައި ގިނަ ދުވަސްތަކެއް ވަންދެން ކުޅުނެވެ.

ވެލެންސިއާއަށް ގިނަ ކާމިޔާބުތަކެއް ހޯދައިދިން ވިކްޓަރީ ސްޕޯޓްސް ކުލަބުގެ މިހާރުގެ ކޯޗް ލާޒްލޯ ކިސްގެ ކޯޗު ކަމުގެ ދަށުން ނިޒާމް އާއި އިންމަ ވަނީ ވެލެންސިއާ އަށް ކުޅެފަ އެވެ. ކިސް ވަނީ ކޯޗެއްގެ ގޮތުގައި އެ ނިޒާމު އާއި އިންމަ ކުރަމުންދާ މަސައްކަތް ފާހަގަ ކޮށްފަ އެވެ. އެއްކޮށް ގިނަ ދުވަސްތަކެއް ވަންދެން ކުޅުނު ނަމަވެސް ނިޒާމު އާއި އިންމަވެސް ފާހަގަ ކުރެވިފައިވަނީ ތާފަތު ފިލޮސަފީއެއް ގެންގުޅޭ ދެ ކޯޗުންގެ ގޮތުގައެވެ.