ވާހަކަ

ބުނެދޭށޭރުހެމޭ

(12 އޭޕްރީލް 2018 އާ ގުޅޭ) -- "މިރޭ ކުރަންއުޅުނުކަހަލަ ކަމެއް ނުކުރަންޏާ އޯކޭ" ރާދިންއަށް ބަލަން އިނދެ އަރްސަލް ބުނެލިއެވެ.

"ޑޯންޓް ޓެލް މީ... އައި ޑޯންޓް ވޯންޓު ހިއާ" ނިކަން އަވަހަށް ރާދިން ބުނެލިއެވެ.

އަރްސަލް އިތުރު ވާހަކައެއް ނުދެއްކުމުން ރާދިން އިން ތަނުން ތެދުވެގެން އައިސް ވަނީ އޭނާގެ ކޮޓަރިއަށެވެ. އެނދުގެ އަރިމަތީ އިށީނދެލައިގެން އިރުކޮޅަކު އޭނާ އިނެވެ. ސިކުނޑީގައިވާ ޚިޔާލުތަކުން އެއްފަރާތްވެލުމަށް ޓަކައި ފައިގާ އުޅަންބޮށިކޮޅު ވިއްދާލަމުން ކުރިއަށް ގުދުވެލާ ދެއަތްތިލައިގެ ތެރޭ ރާދިން ފޮރުވާލިއެވެ. އެގޮތުގައި ގިނައިރަކު ނީނެވެ. މޫނުގައި ދެއަތްތިލަ ހާކާލުމާއެކު ދެއަތުގެ އިނގިލިތައް އިސްތަށިގަނޑުގައި ހިންގާލާފައި ކޮޅަށް ތެދުވިއެވެ. ލައިގެން ހުރި ހެދުން ބަދަލުކޮއްލުމަށްފަހު ފާޚާނާކޮއްލައިގެން ކޮޓަރިން ނުކުތެވެ.

ސިޓިންރޫމުގައި ދެ ޒުވާނުން އެތައްއިރެއް ވަންދެން މަސައްކަތުގައި ތިއްބެވެ. އެގޮތުގައި އުޅެންޖެހޭ ރޭތައް ގިނަވާނޭކަން ދެ މީހުންނަށް ވެސް އެނގެއެވެ. އެހެންވިޔަސް އެންމެ މުހިންމުކަމަކަށްވެފައި އޮތީ ފަށަން އުޅޭ ޕްރޮޖެކްޓު ނުހުއްޓި ކުރިއަށް ގެންދިއުމެވެ. ލަގްޒަރީ ފެންވަރުގެ ހޮޓެލްއެއް އެޅުމަކީ ފަސޭހަކަމެއްނޫންކަން ދެ ޒުވާނުންނަށް ވެސް އެނގެއެވެ. އިމާރާތްކުރުމާ ހަމައަށް ދިއުމުގެ ކުރީން ނިންމަންޖެހޭ އެތައްކަމެއް އެބަހުއްޓެވެ. ލީގަލް ލިޔުންތައް ނިންމުމާއި ފައިނޭންސްގެ ކަންތައްތައް މުޅިން ނުނިމެއެވެ. ހަމައެއާއެކު އިމާރާތުގެ ޑިޒައިނާއި ޚަރަދުވާނޭ ވަރާއި ހޮޓެލްއެއްގެ ސިފަ ޖެހޭނޭ މުއްދަތު ވެސް އެނގެންޖެހެއެވެ.

ދެގަޑި ބައިވުމާއެކު ރާދިން ލެޕްޓޮޕް ލައްޕާލާފައި ތެދުވީ ނިދަން ދާށެވެ. އޭނާ ގެންގުޅުނު އެކައުންޓިން ފައިލްތައް ލައްޕާލާފައި ކޮފީ މޭޒުމަތި ކުޑަކޮށް ތަރުތީބު ކޮއްލިއެވެ. އަދި އަރްސަލް ގާތުގައި ނިދަން ދަނީ ކަމުގައި ބުނެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.

"އަހަރެން އަދި އިރުކޮޅަކުން ދާނީ" ރާދިންއަށް ބޯޖަހާލަމުން އަރްސަލް ބުނެލިއެވެ.

* * * *

ފަތިސް ނަމާދުކޮށްގެން ރާދިން އެޕާޓްމެންޓަށް ވަންގޮތަށް ނުކުތީ ހެދުނު އޮފީހަށް ދާން ލާން އޮތް ހެދުން ހިފައިގެން އިސްތިރިކުރާށެވެ. ބިއްދޮށުގައި އެއްޗެހި ދޮންނަ މެޝިނާއި ސާފުކުރުމަށް ބޭނުންވާނޭ އެހެނިހެން ސާމާނުތައް ލާފައި ހުރި ކޮޓަރިއަށް ރާދިން އައިސް ވަނެވެ. ވެކިއުމް ކްލީނާ ކައިރީ ހުރި "ވާޓިކަލް ސްޓީމް އަޔަން" ރާދިން ނަގައިގެން އެތަނުން ނުކުތެވެ. އަދި ފާރުގައި ހުރިކޮއްފައި ހުރި އެލްމިނިއަމް ހޮޅި ކައިރިއަށް އައިސް ކޮނޑުމައްޗަށް އެއްލާފައި އޮތް ފަޓުލޫނު އެ ހޮޅީގައި އަޅުވާފައި އިސްތިކުރާ ސްޓޭންޓުގައި ހުރި ގޮނޑުގައި ގަމީސް އަޅުވާލިއެވެ.

"ރާދު..." ކޮޓަރިން ނުކުތް ނިމްރާއަށް އިސްތިރިކުރަން އުޅޭ ރާދިން ފެނުމުން ގޮވާލިއެވެ.

"ގުޑް މޯނިންގ ޑާލިންގް... ރަނގަޅަށް ނިދުނުތަ؟ ރޭގަ ކާން ވެސް ނުނިކުންނަމެއްނު" ރާދިން އާދައިގެ މަތިން ވާހަކަދައްކާ އުސޫލުން ވާހަކަދެއްކިއެވެ. އެހެންނަމަވެސް އޭނާގެ ހަރަކާތްތަކަށް މަޑުޖެހުމެއް ނާދެއެވެ.

"ގެނޭ އަހަރެން ތިކަންކޮށްލަ ދޭނަން" ނިމްރާއަށް ބަލަން ނުހުރެވިގެން އައިސް ބުންޏެވެ.

"މީ އެވަރުކަމެއްނޫނޭ... އިސްތިރިކުރުމަކީ މިހާރު އުނދަގޫ ކަމެއްނޫން" ރާދިން ހިނިތުންވެލަމުން ބުނެލިއެވެ. އެހެންވިޔަސް އޭނާ ހުއްޓުނީ ނިމްރާ އައިސް އޭނާގެ އަތުގައި ހިފުމުންނެވެ.

"އަހަރެން ގާތުގައި ރާދިން އެއްވެސް ކަމަކު ނުބުނޭ. އަހަރެން މިގޭގެ ކަންތައްތައް ކުރާއިރު ރާދުގެ ކަންތައްތައް ކުރާކަށް ވެސް އުނދަގުލެއްނުވާނެ. ރާދުއަށް ވެސް ފަސޭހަވާނެއެއްނު މީހަކު ކޮށްދެންޏާ" ނިމްރާ މަޑުމަޑުން ބުނެލިއެވެ. ރާދިން ހިނިތުންވެލަމުން ދުރަށް ޖެހިލިއެވެ. އެއާއެކު ނިމްރާ ސްޓީމާގައި ފެންހުރިތޯ ބެލުމަށްފަހު އޭތި ޖެއްސުމާއެކު ރާދިންގެ އެއްޗެހި އިސްތިރިކޮށްދެން ފެށިއެވެ.

"މީހަކު ކޮށްދެންޏާ އެކަމަށް އާދަވެދާނެ... އޭރުން އޭނާއަށް ނުކޮށްދެވޭ ދުވަހެއް އަތުވެއްޖެއްޔާ އެކަން އަލުން ކުރަންވީމާ ބުރައަކަށްވާނީ. އެއަށްވުރެ މީހަކަށް ޑިޕެންޑުނުވެ އަމިއްލައަށް ކުރެވެން އޮތްކަމެއްވިއްޔާ ކުރީމާ ފަހުން ޑިސެޕޮއިންޓެއްނުވާނެ" ދެއަތް އުރާލައިގެން ނިމްރާއަށް ބަލަން ހުރެ ރާދިން ބުނެލިއެވެ.

"ތިވެސް ތެދެއް... އަހަރެން ހުންނާނީ ކިހާ ދުވަހަކުކަމެއް އަހަންނަކަށް ވެސް ބުނާކަށް ނޭނގޭ. އެހެންވިޔަސް އަހަރެން ހުރިހާ ދުވަހަކު ރާދުއަށް އެހީތެރިވެދޭނަން. އެގޮތް އެންމެ ރަނގަޅެއްނު... އެއްޗެހި ދޮންނަން ހުރިއްޔާ އަހަރެން ގާތުގައި ބުނޭ. ވަކިގޮތަށް ދޮންނަން ޖެހޭ ހެދުމެއް ހުރިއްޔާ ވެސް ބުނެލައްޗޭ... އަހަރެން އެކަން ކޮއްދޭނަން. މުސާރަ ދޭއިރު އެ މުސާރަ ހައްޤުވާވަރަށް މަސައްކަތް ވެސް ކުރަންވާނެއެއްނު" ނިމްރާ ބުނެލިއެވެ.

"އޯކޭ... ޑާލިންގް ތިހާ ލޯބިން ބުނީމަ ނޫނެކޭ ބުނާކަށް ބޭނުމެއްނޫން. އެކަމަކު ހުރިހާ އެއްޗެއް ނުދެވޭނެއިނގޭ" ރާދިން ހިނިތުންވެލައިގެން ހުރެ އެއްލޯ މަރާލިއެވެ.

ދެ މީހުން ވާހަކައިގައި ތިބެ އިސްތިރިކޮށް ނިމްރާ ނިންމާލިއެވެ. އަޔަން ސްޓޭންޑް އިހު ހުރިތަނަށް ލާފައި ރާދިން ނުކުތްއިރު ނިމްރާ ހުރީ އެއްއަތުން ގަމީސް ހިފަހައްޓާލައިގެން އަނެއްއަތުން ފަޓުލޫނު ހިފަހައްޓާލައިގެންނެވެ. ނިމްރާގެ އަތުން ގަމީސް ނަގައިގެން އޭނާ ކޮޓަރިއަށް ދިއުމަށް އައެވެ. އޭނާގެ ފަހަތުން ފަޓުލޫނު ހިފަހައްޓާލައިގެން ހުރެ ނިމްރާއައެވެ.

"ލަވް!... ދޮރުމަތީ ނުހުރެ ވަނަސް އޯކޭއޭ" ކޮޓަރިތެރޭގައި ހުރެފައި ރާދިން ގޮވާލިއެވެ. އެއާއެކު ނުކެރިފައި ހުރެ ނިމްރާ އެތެރެއަށް ވަނެވެ. އަލަމާރި ކައިރީ ހުރި ސްޓޭންޑުގައި އަރްސަލް ގަމީސް އަޅުވާފައި ހުރި ކޮނޑު އަޅުވާފައި ހުއްޓެވެ. އަލަމާރީގެ އެއްދޮރުފަތް ހުޅުވާލާފައި ހުރިއިރު ވަތްގަނޑެއް ބޭރަށް ދަމާލާފައި ހުއްޓެވެ. އޭގެ ތެރެއިން ގަމީހާ ގުޅޭ ޓައީ ރާދިން ނަގައި އެނބުރިލުމުން ނިމްރާ ފަޓުލޫނު ދިއްކޮށްލިއެވެ. ރާދިން އަވަހަށް ފަޓުލޫނު ނަގާ ކޮޓަރީގައި ހުރި ލިޔާ މޭޒު ދޮށުގައި ހުރި ގޮނޑީގެ ލެނގޭ ބައިގައި އަޅުވާލިއެވެ.

"ކޮން ކަފްލިންއެއް ރީތީ" ގަމީހުގައި ޓައީ އަޅުވާލާފައި ވަތްގަނޑުގެ ތެރެއަށް ބަލަން ހުރެ ރާދިން އަހާލިއެވެ. އަދި ނިމްރާއަށް އަވަސް ނަޒަރެއްދީފައި އަތުން އިޝާރާތްކޮއްލީ އޭނާގެ ގާތަށް އައުމަށެވެ.

"މީތި" އިރުކޮޅަކު ބަލަން ހުރެފައި ރިހިކުލައިގެ ޑިޒައިންއެޅި ވަށް ކަފްލިންގްއަށް އިޝާރާތްކޮށް ނިމްރާ ބުނެލިއެވެ.

"ގުޑް ޗޮއިސް... ދެން ހިނގާ ބްރޭކްފަސްޓް ހަދަން. އެކަމަކު ކޮފީއެއް ބޮއެގެން ދޯ އުޅޭނީ. ހިޔެއްނުވޭ އަރްސަލް އަވަހަކާ ތެދުވާނޭހެން މިއަދު. ރޭގައި ވަރަށް ލަސްވަންދެން އިން. މޫޑު ހުންނާނޭ ގޮތެއް ބުނާކަށް އެއްގޮތަކަށް ވެސް ނޭނގޭ" ގަމީހުގެ އަތްކުރިއަށް ކަފްލިންގް ލައްވަމުން ބުންޏެވެ. އަދި އަލަމާރީ ލައްޕާލާފައި ކޮޓަރިން ނުކުންނަން ހިނގައިގަތީ ނިމްރާއާ ވެސް އެކުއެވެ.

"ކޮންއިރަކުތަ ޑެވިލްގެ މޫޑު ރަނގަޅީ" ނިމްރާ މަޑުމަޑުން ބުނެލި ނަމަވެސް އޭނާގެ ފަހަތުގައި ހުރި ރާދިންއަށް އިވުނެވެ. އޭނާ ނިކަން ބާރަށް ހީނގަތުމުން ނިމްރާއަށް ވެސް ހީނނުލާ ނުހުރެވުނެވެ. ގަސްދުގައި ނޫނަސް އޭނާގެ ދުލުން ބޭރުވި ބަސްތަކުން ހިސާބަކަށް ނިމްރާ ހުރީ ޖެހިލުންވެފައެވެ.

ކޮޓަރީގެ ދޮރުހުޅުވާލާއި ހޭވިފައި ހުރި އިސްތަށިގަނޑުގައި އަތްފުނާ އަޅަމުން ނުކުތް އަރްސަލްއަށް ހުއްޓެވުނީ ލިބުނު ހައިރާންކަމާއެކުއެވެ. ހެމުންހެމުން ރާދިން ކޮޓަރިން ނުކުތްއިރު އޭނާގެ ކުރިއަށް ހުރެ ނިމްރާ އެ ކޮޓަރިން ނުކުންނަނީއެވެ. އެ މޫނުގައިވި ހިނިތުންވުން ފެނި އިތުރަށް އަޖައިބުވިއެވެ. ވަގުތުން އޭނާގެ ނިތަށް ރޫޖެހި ދެ ބުމަ ކައިރިކޮއްލިއެވެ. ހިފަހައްޓައިގެން ހުރި ކޮޓަރީގެ ތަޅުގެ އަތްގަނޑަށް ބާރުލެވުނެވެ. އަނެއްއަތުގައި އޮތް ފޯނަށް އަރްސަލް އަވަސް ނަޒަރެއް ދިނެވެ. ހައެއްޖަހަން ފަނަރަވަރަކަށް މިނެޓު ހުއްޓެވެ. ކުއްލިއަކަށް އަރްސަލްގެ ސިކުނޑީގައި ތަފާތު ޚިޔާލުތައް އުފެދެންފެށިއެވެ. ކޮޓަރީގެ ދޮރުލައްޕާލަމުން ނިމްރާއާއެކު ސިޓިންރޫމަށް ރާދިން ނުކުތުމުން އަރްސަލް ދަތްކުނޑިވިކާލިއެވެ.

"ވަޓް ދަ.... އަހަރެން ފެންނަކަމަށް ވެސް ނުވީތަ؟" އަރްސަލް އަމިއްލަ ހިތާ ވާހަކަދެއްކިއެވެ. އޭނާގެ ވަރުބަލިކަމާއި ނިދީގެ އަސަރު ވެސް ފިލައިގެން ހިނގައްޖެއެވެ. ފެންފުޅިއެއް ހިފައިގެން އެނބުރި ކޮޓަރިއަށް އައުމުގެ ޚިޔާލު މުޅިން ބަދަލުވީއެވެ. އޭގެ ބަދަލުގައި ބަންލާފައި ކޮޓަރީގެ ދޮރުޖެހުމާއެކު ހަރުކޮށް ހިނގާފައި ސިޓިންރޫމަށް އައެވެ.

"މޯނިންގް" އަރްސަލް ފެނުމާއެކު ރާދިން ގޮވާލިއެވެ. ރާދިންއަށް ޖަވާބެއް ނުދީ ކައުންޓަރު ދޮށުގައި ހުރި ސްޓޫލްގައި އަރްސަލް އިށީނެވެ. އޭނާގެ ނަޒަރު ހުރީ ނިމްރާއަށެވެ. އޭނާ އައިކަން އެނގުމުން ވެސް ނިމްރާގެ ނަޒަރު އަރްސަލްއަކަށް ނުހުއްޓުނެވެ. އެކަން އެނގި ކައުންޓަރުމަތީ ބާއްވާލައިގެން އިން އަރްސަލްގެ ދެއަތްތިލަ މުއްކަވާލެވުނެވެ.

"އޭތް! ރަތްޖިންނި... ފެން ގެނޭ" ބިސްއަޅާފައި ހުރި ތަށްޓެއް ރާދިންއަށް ނިމްރާ ދިއްކޮށްލުމާއެކު އަރްސަލް ބުނެލިއެވެ. އެ އަޑަށް ނިމްރާ ޢަމަލު ކުރިއެވެ. އައިސްއަލަމާރިން ފެންފުޅިއެއް ނަގައި ބިއްލޫރި ތަށްޓަކަށް ފެންއަޅައިގެން ގެނެސް އަރްސަލްގެ ކުރިމަތީ ބެހެއްޓިއެވެ. މިފަހަރު ވެސް ނިމްރާގެ ނަޒަރު އަރްސަލްއާ ހަމައަށް އުފުލާނުލިއެވެ.

"ކާކު ބުނީ ދާށޭ... އަހަރެން އަދި ފެންބޮއެ ނުނިމޭ" ނިމްރާ އެނބުރިލުމާއެކު އަރްސަލްގެ ހަރުކަށި އަޑު އިވިގެންދިޔައެވެ. ފަރުވާކުޑަ ގޮތަކަށް ފުންނޭވާއެއް ނިމްރާ ދޫކޮށްލުމާއެކު ކައުންޓަރު ކައިރީ މަޑުކުރިއެވެ. އެވަގުތު ރާދިންގެ ސަމާލުކަން ވެސް އަރްސަލްއަށް ހުއްޓިއްޖެއެވެ.

"ޔޫ އޯލްރައިޓް މޭން" އަރްސަލްއަށް ބަލަންހުރެ ރާދިން އަހާލިއެވެ. ވަކިއެއްޗެއް އަރްސަލް ނުބުންޏެވެ.

"ހާދަ ހެނދުނަކާ މިއަދު ތި ތެދުވީ. ކޮފީ ބޭނުންތަ؟" ރާދިން އަނެއްކާ ވެސް ވާހަކަދެއްކިއެވެ. އަރްސަލް އަނގައިން ނުބުނުމުން އެކަމަށް ފަރުވާލެއް ނުބުހައްޓައެވެ.

"ޑާލިންގް... ކޮފީ..." ދެ ކޮފީތަށި ނަގަމުން އެއް ކޮފީތަށި ނިމްރާއަށް ރާދިން ދިއްކޮށްލިއެވެ. ހަމައެވަގުތު ފެންބޮއެ ހުސްކުރި ތަށިން ދެފަހަރަކަށް ކައުންޓަރުމަތީ އަރްސަލް ޖަހާލިއެވެ. ނިމްރާ ފެންފުޅިން އަރްސަލްގެ ތަށްޓައް ފެންއަޅައިދޭން އުޅުމުން ރާދިން ކޮފީތަށި ބެހެއްޓީ ކާމޭޒު މަތީއެވެ. އަދި އޭނާ ކާމޭޒުދޮށުން ގޮނޑިއެއް ދަމާލައި އިށީނެވެ.

ނިމްރާ ކުއްލިއަކަށް ނުރުހުމުގެ އަޑެއް ލައްވާލިއެވެ. ހަމައެވަގުތު ރާދިން ވެސް އަރްސަލްގެ ނަމުން ގޮވާލިއެވެ. ނިމްރާ އެޅި ފެންތަށިން އެތި ފޮދެއް ބޯލުމަށްފަހު ކުއްލިއަކަށް އަރްސަލް އެ ފެންތަށި ނިމްރާގެ މޫނަށް ޖެހީއެވެ. ލިބުނު ސިހުމާއެކު އަރްސަލްއަށް ނިމްރާ ބަލާލީ ނުރުހުމުގެ ބެލުމަކުންނެވެ.

"ފޮގެޓިންގް ސަމްތިންގް... ޔޫ ވޯކް ފޯ މީ... އެ ދުވަހު ފެންޖެހިއިރު އެކަން ހަނދާންނެތުނީހެން ހީވަނީ. ކަލެއަށް ކަލޭގެ ފެންވަރު އޮޅިއްޖެ. ޑޯންޓް ވޮރީ... އަހަރެން އަބަދުވެސް ހަނދާންކޮއްދޭނަން" ކިތަންމެ އާދައިގެ ގޮތަކަށް ބުނިނަމަވެސް އެ އަޑުގައިވި ނުރުހުން ނިމްރާއަށް ނަގައިގަނެވުނެވެ.

"އަހަރެން ބޭނުންވެގެންނެއްނޫނޭ ކަލެއަށް މަސައްކަތް މިކޮށްދެނީ. ހީކުރަނީ ކީކޭކަމައްތަ؟ އަހަރެން ކީއްކުރަން އެކަކު ވެސް ނުވާނެ ކަލެއަށް ހެޔޮހިތުން ކަމެއްކޮށްދޭ ހިތެއް... އަދި އެ ދުވަހަކު ފެންޖެހިވާހަކަ ނަގައިފިއެއްނު. އެ ދުވަހު ފެންޖެހީ ހަމަ ޖަހަންވެގެން. އަދިވެސް ޖަހާނަން" ދަތްކުނޑިވިކާލަމުން ނިމްރާ ދެތުންފަތްޖައްސާ ފިއްތާލިއެވެ. އެއްވެސް ލަފުޒެއް ދުލު ކުރިން ނެއްޓި އަނގައިން ބޭރުވެދާނޭތީ ހުރި ކަހަލައެވެ. އޭނާގެ ޠަބީޢަތް މުޅިން ގޯސްވިއެވެ. އޭނާ ހުރީ ރޭގައި ކީފާގެ ފަރާތުން އިވުނު ރަންދޯދި ޕްރޮޖެކްޓާ ބެހޭ ގޮތުން އަރްސަލްއާ މިއަދު ވާހަކަދައްކަން ނިންމައިގެންނެވެ. މިއަދު އަރްސަލްގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބޭނޭކަން މިހާރު ނިމްރާއަށް ޔަގީންވެއްޖެއެވެ. އޭނާއަށް އިރުއެރީ ނުބައިކޮޅަކުންކަން އަރްސަލްގެ ޢަމަލުތަކުން އެނގިއްޖެއެވެ. ދެ ލޯ މަރާލައި ފުންނޭވާއެއް ލުމަށްފަހު ނިމްރާ ދެއަތުން މޫނު ފުހެލިއެވެ. އަދި ކަމެއްވީކަމަށް ނުހަދާ ކާމޭޒު މަތީ ހުރި ކޮފީ ތަށިނެގިއެވެ. ރާދިންގެ މޫނުމަތިން ހިސާބެއްގެ ކަންބޮޑުވުން ފާޅުވިއެވެ. އެހެންނަމަވެސް ގަދަކަމުން ކަހަލަ ގޮތަކަށް ނިމްރާ ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. ކޮފީތަށީގައި ތުންނުޖެހިގެން އުޅެނިކޮށް އަރްސަލް އައިގޮތަށް ނިމްރާގެ އަތުގައި އޮތް ކޮފީތަށި އަތުލައިފިއެވެ. އަދި އެ ހިފައިގެން އޭނާ ސިޓިންރޫމު ތެރެއިން ނުކުމެވެން ހުރި ބެލްކަންޏަށް ދިޔައެވެ.

"ޑެވިލް" އަރްސަލް ބެލްކަންޏަށް ނުކުތުމުން ނިމްރާއަށް ބަލާލާފައި ދެކޮނޑު އަރުވާލަމުން ރާދިން ދެފަރާތައް ބޯހޫރާލިއެވެ.

"ޑާލިންގް... އަލުން ކޮފީއެއް ހަދަންވީނު؟" ނިމްރާ ނާސްތާ ތައްޔާރުކުރަން އުޅެންފެށުމުން ރާދިން ބުނެލިއެވެ.

"ކޮފީ ބޯހިތެއްނެތް... އަހަރެން ސައިތައްޔާރުކޮއްލާނަން. ރާދު އެހީ ނުވިޔަސް އޯކޭވާނެ" ނިމްރާ ބުނެލިއެވެ.

އަށްގަޑި ބައިވަންވީއިރު އަރްސަލްއާއި ރާދިން ހެނދުނުގެ ނާސްތާކޮށްގެން އެޕާޓްމެންޓުން ނުކުތެވެ. ސައިބޯން އިނދެގެން ވެސް ނިމްރާއަށް އަރްސަލް ޖެއްސުން ކުރިއެވެ. ޖޫސްތަށި ވަރާލުމާއި މޭވާތަށީގައި ހުރި ބައެއް މޭވާގެ އޮށް އަނގައިގައި ބާއްވައިގެން ނިމްރާއާ ދިމާއަށް އުކިއެވެ. ނިމްރާ ހުރީ އޭނާ އޮފީހަށް ދާން ނުނިކުމެގެންނެވެ.

"ތޭންކް ގޯޑް" ވައިއަޑުން ނިމްރާއަށް ބުނެލެވުނެވެ. އަދި ކާމޭޒުމަތީގައި ކައުންޓަރު މަތީ ހުރި ތަށިތައް ނަގައި ސިންކަށް ލާފައި ސައިބޯން އިށީނެވެ.

* * * *

އޮފީސް ނިންމާފައި އެޕާޓްމެންޓަށް ދެ ޒުވާނުން ވަންއިރު ދެ މީހުން ވެސް ފެންނަނީ ކަމަކާ ހިތްހަމަނުޖެހިފައި ތިބިހެނެވެ. ޓީވީ ބަލަން ސޯފާގައި އިން ނިމްރާ އަވަހަށް ތެދުވެ ރިމޯޓުން ޓީވީ ނިއްވާލިއެވެ. ގޭތެރެއަށް ވަން އަރްސަލްއަށް ނިމްރާ ފެނުމާއެކު ނުރުހުމާއި ފޫހިކަން އެކުލެވޭ އަޑެއް ލައްވާލިއެވެ.

"ކޮންކަމަކާތަ ތިހާ މޫޑު ގޯސްވެގެން ތިއުޅެނީ؟ އަހަރެން ވެސް ބޮލުގަ ރިއްސަން ފަށައިފި" ލައްޕާލި ދޮރު ކައިރީ އަރްސަލްއަށް ބަލަހައްޓައިގެން ހުރެ ރާދިން ބުނެލިއެވެ. އެ އަޑު އެހުމެއްނެތި އަރްސަލް ގޮސް ކޮޓަރިއަށް ވަދެ ދޮރުޖެހިއެވެ. ރާދިން ވެސް ބޯގޮވާފައި ހުރި މީހަކު ފަދައިން އަނގައިން އަޑެއްލައްވާލަމުން އިސްތަށިގަނޑުގައި އިނގިލިތައް ހިންގާލިއެވެ.

"ރާދު" ނިމްރާ މަޑުމަޑުން ގޮވާލުމާއެކު ބޮލުން އިޝާރާތްކޮއްލީ ކިހިނެއްވީތޯ އަހާލާ ފަދައިންނެވެ.

"ނޭނގެ މަށަކަށް!... އޭނާއަށް އެނގޭނީ ރުޅި އައިސްގެން އެ އުޅޭ ކަމެއް. މިއަދު އޮފީހުގައި ވެސް ހީވަނީ އެހެންފަދަކަމެއްހެން. އެއްވެސް މީހަކަށް ރަނގަޅަށް ކަމެއް ކުރެވުނު ކަމަކަށްނުވޭ. ހިޔެއްނުވޭ މިއަދު އަރްސަލް ހަޅޭނުލަވާ އެއްވެސް ޑިޕާޓްމެންޓް ހެޑެއް ހުރި ހެނެއް... އަހަރެން އަހާ އަހާ ވެސް ވެގެންއުޅޭ ގޮތެއް ނުބުނި. އަހަންނަށް އެނގޭ އޭނާ އެ އުޅެނީ ކޮންމެވެސް ކަމަކާ ވަރަށް ރުޅިއައިސްގެން. މިފަހަރު އަހަރެން ގާތުގައި ވެސް ނުބުނި" ނޭފަތާއި ނިތްކުރިއާ ގުޅިފައިވާ ހިސާބުގައި ރާދިން އިނގިލިތަކުގެ ކުރީން ހިފަހައްޓާ އޮބާލިއެވެ.

"ބޭސްގުޅައެއް ގެނެސްދެންތަ؟" ނިމްރާ އަހާލިއެވެ. ރާދިން އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. ނިމްރާ ކެބިނެޓުން ބޭސް ނަގަން ދިއުމުން ރާދިން ވެސް ކާމޭޒު ކައިރިއަށް އައިސް ލެޕްޓޮޕް ދަބަސް މޭޒުމަތީ ބޭއްވިއެވެ. ފެންތަށްޓަކާއި ބޭސްގުޅައެއް ހިފައިގެން ނިމްރާ އައިސް މަޑުކޮއްލީ ރާދިންގެ ގާތުގައެވެ. އެވަގުތު ދުވަންދާ އެއްޗެހީގައި އަރްސަލް ނުކުމެގެން އައެވެ. އޭނާގެ ނަޒަރު ނިމްރާއަށް ހުއްޓުނެވެ. ރާދިން ހުޅުވާލައިގެން ހުރި އަތްތިލައަށް ބޭސްގުޅަ ލައި ދިނުމުން އޭނާ ބޭސްގުޅަ ކާލިއެވެ. އަދި ނިމްރާގެ އަނެއްއަތުގައި އޮތް ފެންތަށި ނަގާ ބޯލިއެވެ. އަރްސަލް ކަޅި އަޅާލުމާއެކު ދުވަންދާ ބޫޓު ހިފައިގެން އެޕާޓްމެންޓުން ނުކުތީއެވެ.

ފޯނުން ޝިހާނާއާ ވާހަކަދައްކަން ހުރެފައި ރާދިން ކޮޓަރިން ނުކުތެވެ. އޭރު ބިއްދޮށުގައި ހުރި ބެލްކަނީގައި ނިމްރާ އުޅޭތަން ފެނި އެ ދިމާއަށް އައެވެ.

"ކީއްކޮށްލަނީ" ރާދިން އައިސް ބެލްކަންޏަށް ނުކުމެގެން ހުރި ބިއްލޫރި ދަމާ ދޮރުގެ ހުޅުވިފައި ހުރި ދިމާއިން ދެފަރާތުގައި ދެއަތް ވިއްދާލިއެވެ.

"ބޭސްކައިގެން ނުނިދަންތަ؟" ރާދިން ފެނިދާނޭ ކަމަށް ނިމްރާ ހިޔެއްނުކުރެއެވެ.

"ނިދަން އޮތީ އެކަމަކު ކޯލެއް އައިސްގެން މިހާރު ނިދިފިލައިފި. އެހެންވެ މި ނިކުތީ" ރާދިން ބުނެލިއެވެ.

"އަހަރެން ވާހަކައެއް އަހާލަންތަ؟" އަރްސަލް ގާތުގައި ވާހަކައެއް ދެއްކުމަށްވުރެ ރާދިން ގާތުގައި ބުނުން ރަނގަޅުވާނޭކަން ނިމްރާއަށް ވިސްނޭތީ އެހިއެވެ. ރާދިން އެހުމުގެ ހުއްދަ ދިނުމުން ނިމްރާ ވާހަކަދެއްކިއެވެ. އޭނާ ކުރި ސުވާލާ މެދު ރާދިން ވިސްނަން ހުރެފައި ޖަވާބެއް ދޭން އަނގަ ހުޅުވާލިއެވެ.

"ރަންދޯދި ޕްރޮޖެކްޓުގެ ޑީޓެއިލް އަހަންނަކަށް ނުދެވޭނެ. އެކަމަކު ބުނެފާނަން އެއްކަމެއް... ޑާލިންގަށް ތި ހީވީ ރަނގަޅަށް. އިޓްސް ޔޯ ހޯމް. ބޭންކުން އެ ބިން ނެގީ އަރްސަލް. ލަވް! ޔޫ ޝުޑް އާސްކް ހިމް. އޭނާ އެހެން އުޅުނަސް އޭނާއަކީ ގޯސް މީހެއްނޫން" ރާދިން ބުނެލިއެވެ.

* * * *

ހަފްތާއެއް ފާއިތުވެގެން ދިޔައިރު އަރްސަލްގެ ޠަބީޢަތް ރަނގަޅެއްނުވިއެވެ. އައިސްފައި ހުރި ރުޅިގަނޑު އޭނާ ހުރިހާ ކަމަކަށް ބާލަމުން ދިޔައެވެ. ރާދިންއަށް ވެސް އެއްޗެއް ނުބުނެ ހުރެވޭގޮތެއް ނުވިއެވެ. އެއްފަހަރު ވެސް އަރްސަލް ވެގެން އުޅޭ ގޮތް ނުބުނާތީ ރާދިން ހުރީ ހަދާނޭގޮތެއް ނޭނގިފައެވެ. ފަތިހު ރާދިން ހޭލާއިރު އަރްސަލް ވެސް ހޭލާ އުޅެއެވެ. ރޭގަނޑު ނިދަންވަންނަނީ ރާދިން ކޮޓަރިއަށް ވަންނަ ފަހުންނެވެ.

ދެ ނަމާދު ދޭތެރޭގެ ވަގުތެވެ. ރާދިން ވެސް ނަމާދަށް ދިއުމުން ނިމްރާ ވެސް ސިޓިންރޫމުގައި ނީނދެ ތެދުވީ ކޮޓަރިއަށް ދާށެވެ. އޭނާ ހިނގައިގަތް ވަގުތު އަރްސަލް ކޮޓަރިން ނުކުތްތަން ފެނުނެވެ. ރަންދޯދިގެ އަރްސަލް ގަތްވާހަކަ ރާދިންގެ ފަރާތުން އެނގުނު ފަހުން އެކަމާ ބެހޭގޮތުން އަރްސަލްއާ ވާހަކަދައްކަން ނިމްރާ ހުރީ ބޭނުންވެފައެވެ. އެކަމަކު ދުވަހަކުވެސް ރަނގަޅު ވަގުތެއް ނުވިއެވެ. އަރްސަލް އަބަދު ހުންނަނި ރުޅި ގަދަވެފައެވެ. އޭނާ ކޮޓަރިން ނުކުތް ވަގުތާ ދިމާވުމުން ނިމްރާ ވާހަކަދައްކަން ނިންމީ އަރްސަލްގެ މޫޑު ބަދަލުނުވިޔަސް ހެޔޮ ކަމަށެވެ. ރުޅި އައިސްގެން ހުރެ ވެސް އޭނާގެ ސުވާލަށް އަރްސަލް ޖަވާބުދެނިކޮށް ފުދޭނެއެވެ.

"އަރްސަލް..."

"ތި އަނގައިން އަހަރެންގެ ނަން ނުކިޔާށޭ ބުނީމެއްނު" އަރްސަލް ހަޅޭލަވައިގަތެވެ.

"އަހަރެން ވާހަކައެއް އަހާލަންވެގެންނޭ... ޕްލީޒް... ރަންދޯދިގެ ގަތީ މީނައެއްނު" ކަންބޮޑުވެފައި ހުރެ ވެސް ނިމްރާ ބުނެލިއެވެ. އޭނާ ބޭނުންވަނީ އަރްސަލްގެ ގާތުން ކަމަށް އެދޭށެވެ. އެހެންވީމަ އަރްސަލްއާ ޖަދަލުކޮށް ބާރަށް ވާހަކަދެއްކުމުގެ ގަސްދެއް ނިމްރާގެ ނެތެވެ. ރަންދޯދީ ގޭގެ ވާހަކަ ނިމްރާ ބުނުމުން އަރްސަލް ހުއްޓި ފާޑަކަށް ނިމްރާއަށް ބަލާލިއެވެ. އަދި ނިތްއަރުވާލީ ނިމްރާ ބުނާ އެއްޗެއް އަޑުއަހަން އޭނާ ހުރި ކަމުގެ އިޝާރާތެއްގެ ގޮތުންނެވެ.

"މީ... އެ ގެ... އަހަރެން... އަހަރެންނަށް އެއްފަހަރު ވިޔަސް އެ ގެއަށް ވަދެވިދާނެތަ؟ ހަމަ އެންމެފަހަރަކު... ތީ އެ ގޭގެ ވެރިފަރާތަށްވީމަ އަހަންނަށް... އެ... ފުރުޞަތު ލިބިދާނެތަ" އަރްސަލްގެ ބެލުން ހުރި ގޮތުންނާއެކު ނިމްރާއަށް ވާހަކަދެއްކުނީ އުނދަގުލުންނެވެ. އިރުކޮޅަކު ހުރެފައި އަރްސަލްގެ ތުންފަތުން އެއްފަރާތް މައްޗަށް ހިއްލާލިއެވެ. މަލާމާތުގެ ހިނިތުންވުމެއް ފާޅުކޮއްލި ކަހަލައެވެ.

"އާދޭ!... ވަދޭ އަހަރެންގެ ކޮޓަރިއަށް" އިރުކޮޅަކު މަޑުކޮށްލައިގެން ހުރެފައި އަރްސަލް ބުނެލިއެވެ. ނިމްރާ ހައިރާންވިއެވެ. އަރްސަލްގެ ކޮޓަރިއަށް ވަންނަންޖެހޭ ސަބަބެއް ނުވިސްނުނެވެ. ސުވާލުގެ ނަޒަރަކުން އަރްސަލްއަށް ބަލަން ހުއްޓާ ނިމްރާގެ ހިކަނދި މަސްގަނޑުގައި އަރްސަލް ހިފާލުމާއެކު އޭނާގެ ކޮޓަރިއަށް ނިމްރާ ވެއްދިއެވެ.

"ކީއްކުރަންތަ ތި..." ނިމްރާއަށް ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. އަރްސަލް ކޮޓަރީގެ ދޮރުފަތް ލައްޕާލުމާއެކު އެތެރެ ފަރާތުން ދޮރުގައި ވައަތްތިލަ ވިއްދާލައިގެން އެއްފައި މައްޗަށް ބުރަވެލިއެވެ.

"ގިވް އެންޑް ޓޭކް... ފުރުޞަތެއް" ނިމްރާގެ ބޮލުން ފެށިގެން އޭނާގެ ހަށިގަނޑަށް ނަޒަރު ހިންގަމުން އަރްސަލް ބުނެލިއެވެ. (ނުނިމޭ)