ހަބަރު

މާލޭ އިރުމަތީ ފަރާތު ތޮށި އުސްކޮށް އަލުން ހެދުމަށް އެމްޓީސީސީއަށް

މާލޭ އިރުމަތީ ފަރާތު ތޮށި އަލުން ހެދުމަށް އެމްޓީސީސީއާ ހަވާލުކޮށް އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ. އަދި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒިޔަތު އެވެ.

މި މަޝްރޫއަކީ ދައުލަތުގެ ބަޖެޓުން 46.4 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. ދިގުމިނުގައި 430 މީޓަރު ހުންނަ ބްރޭކް ވޯޓާގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 10 މަސް ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު މިނިސްޓަރު ވިދާޅުވީ، އެއްބަސްވުމުގެ ދަށުން މާލޭ އިރުމަތީ ފަރާތު ތޮށި އުސްކޮށް ބޮޑު ކުރުމާއި ސްޓޯމް ވޯޓާ ޕަމްޕިން ސިސްޓަމެއް ގާއިމް ކުރެވޭނެ ކަމަށެވެ.

"ވަރަށް ބޮޑު މިސްކިތެއް އެޅުމުގެ މަސައްކަތް އެބަ ކުރިއަށް ގެންދެވޭ، ސަލްމާން މިސްކިތް ނިމެންވާއިރަށް އެސަރަހައްދުގެ ބޭރު ތޮއްޓަށް ބަދަލުތަކެއް ގެންނެސް އެސަރަހައްދަކީ ހިމާޔަތް ކޮށްފައިވާ ސަރަހައްދަކަށް ހަދަން އެބަ ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ބައެއް ދުވަސްވަރު އެ ސަރަހައްދަަށް ވަރަށް ބޮޑަށް އުދައިގެ އަސަރުކުރާ ކަމަށާއި އޭގެ ސަބަބުން ވަރަށް ދަތި އުނދަގޫތަކެއް ލިބެމުންދާ ކަމަށެވެ. އެގޮތުން ސަރުކާރުން ނިންމާފައިވަނީ އާޓިފިޝިއަލް ބީޗުން ފެށިގެން ސިޓްރޮންއާ ހަމައަށް ބޭރުތޮށި އެއްކޮން ބަދަލުކޮށް، އުސްކޮށް ބޮޑުކޮށް ހެދުމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެއްވެސް ހާލެއްގައި އުދައިގެ އަސަރު ކޮށްފިނަމަ އެ އަރާ ރާޅު، އޮޓަމެޓިކަލީ ޖެހޭނެ ޕަމްޕްތަކެއް ހަރުކޮށްގެން ލޮނުގަނޑު ބޭރުކޮށްލެވޭނެ ނިޒާމެއް ގާއިމް ކުރުން، އެންމެ ލަސްވެގެން ޖެނުއަރީ މަހުގެ ތެރޭގައި މަސައްކަތް ނިމި ބޭނުން ކުރެވެން ފަށާނެ، ބޮޑަށް ގަބޫލު ކުރެވެނީ މިއަހަރުގެ ތެރޭގައި އެމްޓީސީސީން މި މަސައްކަތް ނިންމަދޭނެ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ބޭރުތޮށި ހެދުމުގެ ސަބަބުން އެސަރަހައްދަށް އިންވެސްޓް ކުރާ ފަރާތްތަކަށް ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބިގެންދާނެ ކަމަށާއި އެސަރަހައްދުގައި ތަރައްގީ ކުރާ ތަންތަނަށް ލިބިގެންދާ ގެއްލުންތައް ވަރަށް ބޮޑަށް ކުޑަކުރެވިގެންދާނެ ކަމަށެވެ.

ރަސްމިއްޔާތުގައި ޒިޔަތު ވިދާޅުވީ، މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވަނީ ދިހަމަސް ދުވަސް ކަމަށާއި އަމާޒަކީ އެމަސައްކަތް ވީހާވެސް އަވަހަކަށް ނިންމާލުން ކަމަށެވެ. އަދި މި ޕްރޮޖެކްޓަކީ ބޮޑު ހިލައިގެ ޕްރޮޖެކްޓެއް ކަމަށާއި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެސަރަހައްދުން ބޭރުން ރޭމްޕެއް ކަނޑައިގެން ކަމަށްވެސް ޒިޔަތު ވިދާޅުވި އެވެ.