ކުޅިވަރު

ޑިފެންސަށް ހައްލު ގެނައުމުގައި މޯހަންއަށް ބޮޑު ގޮންޖެހުމެއް

ކުލަބު އީގަލްސްގެ ޑިފެންސަށް ހައްލު ގެނައުމަށް އެކި ޕްލޭންތަކަށް މަސައްކަތް ކުރެވިއްޖެ ކަަމަށާއި އަދިވެސް މުޅިން ހައްލެއް އައިސްފައި ނުވާ ކަމަށް އެ ޓީމުގެ ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) ބުނެފި އެވެ.

މި ސީޒަންގައި އީގަލްސްގެ އެޓޭކުތައް ރަނގަޅެވެ. އެ ޓީމަށް ދެރަ ލިބެނީ ޓީމުގެ ފަހަތުން ހެދޭ މިސްޓޭކު ތަކުންނެވެ. މޯހަން ބުނީ ޕްރެކްޓިހުގައިވެސް، އޭނާ އެންމެ ބޮޑު އިސްކަމެއް ދެނީ ޑިފެންސަށް ކަމަށެވެ.

"އެންމެ ފުރަތަމަ ދުވަހުން ފެށިގެން އަޅުގަނޑުމެން ހަމަ އެކަމަށް [ޑިފެންސަށް] މަސައްކަތް ކުރަމުން މިދަނީ، އަޅުގަނޑުމެން މައިގަނޑަކަށް މިހާރު ކުރަނީވެސް އެ މަސައްކަތް، ޑިފެންސިވްލީ ބައިކޮޅަށް ވަންނަ ގޯލްތައް މަދު ކުރުމަށް މަސައްކަތް ކުރަމުން މިދަނީ،" މޯހަން ބުންޏެވެ. "އަދިވެސް މުޅިން ހައްލެއް ނުލިބޭ، އަނެއްކާވެސް ކޮންމެވެސް އެހެން ގޮތަކަށް ޓްރައި ކުރެވޭތޯ، ޔުނައިޓަޑް ވިކްޓަރީއާ ދެކޮޅަށްވެސް މަސައްކަތް ކުރާނީ."

މިދިޔަ އަހަރު ދިވެހި ޕްރިމިއާ ލީގްގައި، ގދ. ތިނަދޫ ޓީމަށް ބަދަލުވެ، އީގަލްސްގެ ފުލު ބެކު އަހްމަދު ނޫމާން (ހެލްމެޓް) ވަނީ ރަނގަޅު ކުޅުމެއް ތިނަދޫ ޓީމުގައި ދައްކާފަ އެވެ. މޯހަން ބުނީ، މިވަގުތު ހެލްމެޓްއަށް އެންމެ ރަނގަޅަށް ޕާފޯމަންސް ނުކުރެވެނީ ކީއްވެގެންކަން އޭނާ އަށް އަދި ހޯދިފައި ނުވާ ކަމަށެވެ.

"މިވަގުތު ނޫމާން އަށް މިސްޓޭކުތަކެއް އެބަ ހެދޭ، ކޮމްބިނޭޝަން މައްސަލައެއްތޯ، އެހެން ކުޅުންތެރިން ޑިފެންސަށް ސަޕޯޓް ދިނުމުގައި ހުންނަ މައްސަލައެއްތޯ، ޕޮޒިޝަނިން މައްސަލައެއްތޯ އަޅުގަނޑަށް އަސްލު މައްސަލަ މުޅިން ނުހޯދިގެން މިއުޅެނީ،" މޯހަން ބުންޏެވެ. "ކޮމްބިނޭޝަންއާ ޕޮޒިޝަނިންއަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުން މި އަންނަނީ."

އޭނާ ބުނީ އެންމެ ފަހުން ޓީސީއާ ދެކޮޅަށް ކުޅުނު މެޗުގައި ކުރިމަތިވީ ކޮމްބިނޭޝަން އާއި ޕޮޒިޝަނިންގެ މިސްޓކުތަކެއް ނޫން ކަމަށާއި އިންޑަވިޖުއަލް މިސްޓޭކުތަކެއް ކަމަށެވެ. މޯހަން ބުނީ އޭނާގެ އުންމީދަކީ ކުރިއަށް އޮތްތަނުގައި އެހާ ގޯސް މެޗެއް އީގަލްސްގެ ކުޅުންތެރިންގެ ފަރާތުން ނުފެނުން ކަމަށެވެ. އެއީ ޕްރެކްޓިސް ކޮށްގެން ހައްލު ކުރެވޭނެ މައްސލަތަކެއް ނޫން ކަމަށާއި އެއީ ކުޅުންތެރިން ކޮންސަންޓްރޭޓް ކޮށްގެން ހައްލު ކުރެވޭނެ މައްސަލަތަކެއް ކަމަށް ތަޖުރިބާކާރު ކޯޗު ބުންޏެވެ.

މިރޭ ޔުނައިޓަޑް ވިކްޓަރީއާ ދެކޮޅަށް ނިކުންނަ މެޗާ ބެހޭގޮތުން މޯހަން ބުނީ، ޔުނައިޓަޑް ވިކްޓަރީ އެންމެ ފަހުން ކުޅުނު މެޗުތަކުން ބަލިވި ނަމަވެސް، އެ ޓީމާ ދެކޮޅަށް ކުޅެން ފަސޭހަ ނުވާނެ ކަމަށެވެ. އޭނާ ބުނީ އީގަލްސްއަށް ފަސޭހަ މެޗެއް ނާންނަ ކަމަށާއި ވެލެންސިއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ސަލަމާތްވީ ހަމަ ކިރިކިރިޔާ ކަމަށެވެ.

ޔުނައިޓަޑް ވިކްޓަރީގެ ކޯޗު މުހައްމަދު ނަޒީހް ބުނީ ޓީމުތެރޭގައި ހުރި ގިނަ ކަންތައްތަކެއް މިހާރު ހައްލު ކުރެވިފައިވާ ކަމަށާއި، އީގަލްސްއާ ދެކޮޅަށް ރަނގަޅު މެޗެއް ފެނިގެންދާނެ ކަމަށެވެ.