ކުޅިވަރު

މާއްޓޭގެ ފުޓްބޯޅަ އެކެޑެމީ ކުޅުދުއްފުށީގައި ފަށައިފި

ކުރިގެ އެއް ވަނަ ކޯޗު މައުރޫފް އަހްމަދު (މާއްޓޭ) ގެ ފުޓްބޯޅަ އެކެޑެމީ ހދ. ކުޅުދުއްފުށީގައި ފަށައިފި އެވެ. ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތު (ސްކައި) އާ ގުޅިގެން ހިންގާ އެކެޑެމީ ރަސްމީކޮށް ލޯންޗު ކުރީ އިއްޔަ އެވެ.

އެކެޑެމީގެ ނަން ހާއްސަ ކޮށްފައި ވަނީ، ދިވެހި ފުޓްބޯޅަ ދަނޑުގައި މަޝްހޫރުވި، އޭނާގެ ނަން "މާއްޓޭ" ގެ ނަމަށް ނިސްބަތްކޮށް، "މާއްޓޭ ފުޓްބޯޅަ އެކެޑެމީ" ގެ ނަމުގަ އެވެ.

މާއްޓޭގެ އެކެޑެމީ ފެށުމުގެ ކުރިން މިދިޔަ އެއް މަސްތެރޭ، އޭނަ އާއި ސްކައި އިން ވަނީ އެކެޑެމީ ފެށުމައް ތައްޔާރީތައް ވެފަ އެވެ. އެގޮތުން އޭއެފްސީ ގްރާސް ރޫޓް ކޯޗިން ކޯސް، އެފްއޭއެމް އާ ގުޅިގެން ކުޅުދުއްފުށީގައި ހިންގި އެވެ. އެ ކޯހުން ފާހަގަ ކުރެވުނު ތިން ކޯޗުން މާއްޓޭގެ އެކެޑެމީގައި ވަނީ މަސައްކަތް ކުރަން ފަށާފަ އެވެ.

މާއްޓޭ ބުނީ، އެކެޑެމީގެ ސެޓަޕް އެކުލަވާލާފައި ވަނީ، ބާސެލޯނާގައި ހުންނަ ޔޯހާން ކްރައިފް އިންސްޓްޓިޔުޓްގައި ފުޓްބޯލް މެނޭޖެމެންޓްގެ މާސްޓާސް ހެދިއިރު އޭނާ ލިޔުނު ތީސިސްގެ މައްޗަށް ބިނާ ކޮށްގެން ކަމަށެވެ.

"އަޅުގަނޑުމެން ކުޅުދުއްފުށީގައި އެކެޑެމީ ފެށިކަން ގިނަ ބަޔަކަށް އެނގުމުން، މި ސަރަހައްދުގެ އެހެން ރަށަކުންވެސް އަޅުގަނޑަށް ދައުވަތު ލިބިއްޖެ އެ ރަށުގައި ފަށަން، އަދި ރ އަތޮޅުގެ ރަށަކުންވެސް ވަނީ ދައުވަތު ލިބިފަ، ރޯދައިގެ ފަހުން އެ ރަށް ރަށަށް އަޅުގަނޑު ދަތުރު ކުރާނަން، އެރަށްރަށުގެ ހާލަތު ބަލާލަން." ކޯޗެއްގެ ގޮތުގައި ގިނަ ކާމިޔާބު ތަކެއް ހޯދާފައިވާ މާއްޓޭ ބުންޏެވެ.

މާއްޓޭ އެކޭޑެމީ ފަށާނީ ހަ އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންނަށް އަމާޒުކޮށްގެންނެވެ. އޭނާ ބުނީ ފުރަތަމަ އަހަރު ނިމުމަށްފަހު 14 އަހަރުން ދަށުގެ ޓީމެއް އެކުލަވާލާނެ ކަމަށެވެ. އަދި ކޮންމެ ދެ އަހަރަކުން އެކެޑެމީ ރިވިއުކޮށް ގެންނަން ޖެހޭ ބަދަލުތައް ގެންނާނެ ކަމަށެވެ.

އެކެޑެމީގެ މައިގަނޑު ޕްރޮގްރާމުތައް ކުރިއަށް ގެންދާނީ ސްކައިގެ މަޝްހޫރޫ "ހިރަފުސް" ދަނޑުގަ އެވެ. މާއްޓޭއަކީ ރާއްޖޭގެ ފުޓްބޯޅައިގައި ފެނުނު އެންމެ ކާމިޔާބު އެއް ކޯޗެވެ. އޭނާގެ ކޯޗިން ކެރިއަރުގައި އޭނާ ވަނީ 13 ތަށި ހޯދާފަ އެވެ. ކޯޗުކަމުން ރިޓާޔާ ކުރިތާ 10 ވަރަކަށް އަހަރުވީއިރު އެއްވެސް ކޯޗަކަށް މާއްޓޭގެ ރެކޯޑް މިހާތަނަށް ފަހަނައަޅައި ދެވިފައެއް ނުވެ އެވެ. ކޯޗެއްގެ ގޮތުގައި މާއްޓޭ ވަނީ ވިކްޓަރީ އާއި ވެލެންސިއާ އަދި އައިއެފްސީއަށް ކޯޗު ކޮށްދީ ކާމިޔާބު ހޯދާފަ އެވެ. އޭނާގެ ކުރީގެ ކުލަބު ވިކްޓަރީއަށް 11 ތަށި އޭނާ ވަނީ ހޯދައި ދީފައެވެ.

ގައުމީ ޓީމާއި ވިކްޓަރީ އަދި ވެލެންސިއާގެ ގޯލްބެލެހެއްޓި ކުރީގެ އެއް ވަނަ ކީޕަރު މާއްޓޭ ވަނީ ފުޓްބޯޅަ މެނޭޖްމެންޓާއި ފުޓްބޯލް މާކެޓިންއިން ބާސެލޯނާގެ ޔޯހާން ކްރައިފް އިންސްޓްޓިޔުޓުން މާސްޓާސް ހާސިލު ކޮށްފަ އެވެ. މިދިޔަ ދެތިން އަހަރު މާއްޓޭ ހުރީ ޔޫއެންގެ ވަޒީފާއެއްގައި ލ އަތޮޅުގައި ހިންގި ޕްރްޖެކްޓެއް މެނޭޖް ކުރުމަށެވެ. ލ. އަތޮޅުގައި ހިންގާ ފަލި އެކެޑެމީގެ ހަރަކާތްތަކުގައި މާއްޓޭ ބައިވެރިވި އެވެ. އޭގެ ކުރިން އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމު ފުރި އެވެ.