ހަބަރު

ސަރުކާރު ވައްޓާލަން މައުމޫން މަސައްކަތް ކުރަނީ 2015 އިން ފެށިގެން: ފުލުހުން

Apr 15, 2018
10

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު، ނައިބް ރައީސްކަމާ ހަވާލުވި ހިސާބުން ފެށިގެން ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމްގެ ސަރުކާރުން ވައްޓާލަން މަސައްކަތް ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވީ، ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ވައްޓާލުމުގެ މަސައްކަތް 2015 ވަނަ އަހަރުން ފެށިގެން ކޮށްފައިވާ ކަމަށެވެ. އެގޮތުން 2015 ވަނަ އަހަރު އަދީބު ނައިބް ރައީސް ކަމަށް އައްޔަން ކުރި ހިސާބުން ރައީސް މައުމޫން، ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނީ އިމުގެ ބޭރުން ވައްޓާލަން އެކި ގޮތްގޮތަށް މަސައްކަތް ކޮށްފައިވާ ކަމަށް ތަހުގީގަށް ހާމަވެފައިވާ ކަމަށެވެ. އަދި މަޖިލީހުގެ ތެރެއިން ސަރުކާރު ބަދަލު ކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށްވެސް ޝިފާން ވިދާޅުވި އެވެ.

ޝިފާން ވިދާޅުވީ، 2016 ވަނަ އަހަރު މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިނުމަށް މަސައްކަތްކޮށް ބައެއް މެންބަރުންނަށް ރިޝްވަތުދީ އިދިކޮޅު ފަރާތްތަކާއި ގުޅުމަށް މަސައްކަތް ކޮށްފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށާއި އެގޮތުން އެ މަސައްކަތްތަކުގައި ރައީސް މައުމޫނާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން މަސަައްކަތް ކޮށްފައިވާ ކަމަށެވެ.

"2017 ވަނަ އަހަރު ރައްޔިތުން މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރުމަށް ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން އިސްވެހުރެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިނުމުގެ ގޮތުން ފައިސާ ހުށަހަޅައި އަދި ބައެއް ފަރާތްތަކަށް ފައިސާދީ އިދިކޮޅު ފަރާތްތަކާއި ގުޅުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ތަހުގީގަށް ހާމަވޭ،"

ޝިފާން ވިދާޅުވީ، އެމަސައްކަތުގައި މަޖިލީހުގެ ތެރެއިން ހަރަކާތްތެރިވެފައިވަނީ ރައްޔިތުން މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބުދުﷲ ރިޔާޒާއި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން ކަން ތަހުގީގަށް ހާމަވެފައިވާ ކަމަށެވެ. އަދި މެންބަރުންނަށް ރިޝްވަތުގެ ގޮތުގައު ފައިސާ ދިނުމުގައި ރައީސް މައުމޫނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ރިޔާޒާއި ފާރިޝްގެ އިތުރުން އެބޭފުޅުންގެ އަރިސް ބޭފުޅުން މަޖިލީހުގެ މެންބަރުންގެ ގާތަށް ގޮސްފައިވާ ކަން ތަހުގީގަށް ހާމަވެފައިވާ ކަމަށް ޝިފާން ވިދާޅުވި އެވެ.

"މިއަހަރުގެ ޖެނުއަރީ 11 ވަނަ ދުވަހު ފާރިޝްއާ މައުމޫނާއި އަބުދުﷲ ރިޔާޒާއި އަހުމަދު ނަދީމާއި އިލްހާމާއި ސިނާން މި ހަމީހުން އިސްކޮށްތިބެ ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާ ހިލާފަށް ވައްޓާލުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އަދި އެހެނިހެން ގޮތްގޮތުންވެސް މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިމުން އެދުވަހު އެ މައްސަލައިގެ ތަހުގީގު ފެށިގެން ދިޔަ،" ޝިފާން ވިދާޅުވި އެވެ.

ޝިފާން ވިދާޅުވީ، ޖެނުއަރީ 27 ވަނަ ދުވަހުގެ ރޭ އެންދެރިމާގެ ބަލާ ފާސްކުރަމުން ދަނިކޮށް އެންދެރިގެއަށް ފޮއްޓެއް ގެންދިޔަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެ ފޮށި މައުމޫންގެ އަރިސް ފަރާތެއްގެ ގެއިން ހޯދައި އެފަރާތް ހައްޔަރުކޮށްފައިވާ ކަމަށެވެ.

"އެ ފޮއްޓަކީ ވަރަށް ބައިވަރު މައުލޫމާތު އެކުލެވޭ ފޮއްޓެއް، އެކި ފަރާތްތަކަށް ނިސްބަތްވާ ޕާސަނަލް މައުލޫމާތުގެ ހެކި ލިބިފައިވޭ، އަދި ގާނޫނީ ސަރުކާރު ވައްޓާލަައި ރާއްޖޭގެ އެކި ކަންކަމަށް އުނދަގޫ ކޮށް އެކި ކަހަލަ ރޭވުންތައް ރާޥައި އަޑީގައި ތިބި ފަރާތްތައްތަކުގެ މައުލޫމާތު އެ ފޮށިން ވަނީ ލިބިފަ،" ޝިފާން ވިދާޅުވި އެވެ.

ޝިފާން ވިދާޅުވީ، ފާރިސް، ޔުމްނާ މައުމޫން މެދުވެރިކޮށް ރައިސް މައުމޫނަށް ފޮނުވި ސިޓީއެއް ފެނިފައިވާ ކަމަށާއި އެ ލިޔުމުގެ ބޭނުމަކީ ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުން ކަމަށެވެ.

ޝިފާން ވިދާޅުވީ، ފެބްރުއަރީ އެއްވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށްޓަކައި ދުރާލާ ރާވައިގެން ފުލުހުންގެ އިދާރީ އޮނިގަނޑަށް ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު އަރީފް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށާއި އެބަދަލަކީ ފުލުހުންގެ އާންމު އުސޫލުތަކުގެ ތެރެއިން ގެނެވޭ ބަދަލުތަކާއި ހިލާފަށް ގެނެސްފައިވާ ބަދަލުތަކެއް ކަމަށެވެ. އަދި ވިދާޅުވީ، އެކެއް ފެބްރުއަރީގެ އަމުރު ތަންފީޒު ކުރުމަށްޓަކައި ދުރާލާ ރާވައިގެން އެކަމަށް އަރީފް ތައްޔާރުވެފައިވާ ކަމަށާއި އަމުރު ތަންފީޒު ކުރުމަށް ބައެއް ފުލުހުންނަށް ހާއްސަ ޓާސްކުތަކެއް ދީފައިވާކަން ތަހުގީގަށް ހާމަވެފައިވާ ކަމަަށެވެ.

"އެކެއް ފެބްރުއަރީގައި މާލެ ތެރޭގައި ބޭއްވި މުޒާހަރާގައި ތެރެއިން އަމަން ބަލަހައްޓަން ތިބި ފުލުހުންނަށް ފުލުހުން ކުރިމަތިލާ ހަމަނުޖެހުން ހިންގާފައިވާކަން ފާހަގަ ކުރެވިފައިވޭ،" ޝިފާން ވިދާޅުވި އެވެ.