ހަބަރު

"އަލީ ހަމީދާއި ގުޅުން ހުރި ގެއަކުން 38 މިލިއަން ރުފިޔާ ފެނުނު"

ފަނޑިޔާރު އަލީ ހަމީދާއި ގުޅުން ހުރި ގެއަކުން 38 މިލިއަން ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ސްޕޯކްސް ޕާަސަން އަހުމަދު ޝިފާން ވިދާޅުވީ، ފެބްރުއަރީ ހަވަނަ ދުވަހުގެ ރޭ ފަނޑިޔާރު އަލީ ހަމީދައި ގުޅުން ހުރި ގެއަކުން 38 މިލިއަން ރުފިޔާ ފެނިފައިވާ ކަމަށެވެ، ނަމަވެސް ފެނިފައިވަނީ ކޮން ގެއަކުން ކަމެއް ހާމައެއް ނުކުރެ އެވެ.

ފުލުހުން މީގެ ކުރިން ވަނީ، އަލީ ހަމީދަށް ނިސްބަތްވާ ދަބަހަކުން 215000 އެމެރިކާ ޑޮލަރާއި 150000 ދިވެހި ރުފިޔާ (ގާތްގަނޑަކަށް ދިވެހި ފައިސާއިން 3.46 މިލިއަން ރުފިޔާ) ފެނިފައިވާ އިރު އޭނާގެ އާއިލާއަށް ތަފާތު އެކި ގޮތްގޮތުން ކުރީގެ ރައީސް މައުމޫން ތަފާތު އެކި ގޮތްގޮތަށް އެހީތައް ވަމުން ގެންދަވާކަން ބުނެފަ އެވެ.


އަދި ބުނީ ރިޝްވަތުގެ ފައިސާ ބޭނުން ކުރައްވައިގެން އަލީ ހަމީދު ފްލެޓެއް ގަނެފައިވާ ކަމުގެ ޑޮކިއުމެންޓް އެވިޑެންސް ވެސް ލިބި، އެކަން ޔަގީން ކުރެވިފައިވާ ކަމަށާއި އޭނާގެ އާއިލާއަށް ރާއްޖޭގައި ވިޔަފާރި ހިންގާ ބިޔަ ބޮޑު ކުންފުންޏަކުން 2.4 މިލިއަން ޑޮލަރު އެހީއެއް ލޯނެއްގެ ގޮތުގައި ދީފައިވާކަން ކަށަވަރު ކުރެވުނު އިރު އޭގެ ތެރޭގައި ވެސް ތަފާތު އެތައް ކަމެއް ހިނގާފައިވާ ކަމަށެވެ. އެއީ ކޮން ކަންތައްތަކެއް ކަމެއް ވެސް އެއީ ކޮން ކުންފުންޏެއް ކަމެއް ވެސް ނުބުނެ އެވެ.

އަލީ ހަމީދު ވަނީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފަ އެވެ. ފަނޑިޔާރު އަލީ ހަމީދަށް ކޮށްފައިވާ ތުހުމަތުތަކަކީ ރިޝްވަތު ހިފުމާއި ޖިނާއީ އަދުލުގެ ނިޒާމް ހިންގަން ދަތި ކުރުމާއި ދައުލަތް ހިންގުމަށް ދަތި ކުރުމާއި ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވުމެވެ. އަލީ ހަމީދާ ގުޅުންހުރި ގިނަ އަދަދެއްގެ ފައިސާ ހޯދިފައިވާ ކަމަށާއި އެކަމާ ހެކި ހޯދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.