ހަބަރު

ވޭސައިޑާއި ގާކޮށީގެ ހުރިހާ ފްލެޓްތައް ވިކިއްޖެ

ގާކޮށްޓާއި ވޭސައިޑުން ވިއްކަން ހުޅުވާލި ހުރިހާ ފްލެޓެއް ވިކިއްޖެ އެވެ.

ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަނުން މިއަދު ބުނީ، ވޭސައިޑާއި ގާކޮށި ފްލެޓްތައް ވިއްކުމަށް ދެވަނަ ފަހަރަށް ހުޅުވާލި ފުރުސަތުގައި ވިއްކަން ހުޅުވާލި ހުރިހާ ފުލެޓެއް ވިކިފައިވާ ކަމަށެވެ. އަދި ފްލެޓް ގަންނަން ހުށަހެޅި ފަރާތްތަކުގެ ތެރެއިން ސައްހަ ލިޔެކިޔުންތައް ހުށަހެޅިފަރާތްތަކާއި ގުޅިގެން ފްލެޓް ވިއްކުމުގެ ހުރިހާ ކަމެއް އެޗްޑީސީން ކުރިއަށްގެންދާނެ ކަމަށެވެ.

މާލޭގައި ޓާޓާއިން އެޅި ފްލެޓްތަކުގެ ތެރެއިން ފުރަތަމަ ބުރުގައި ވިއްކަން އިއުލާންކުރި 159 ފްލެޓް ވިއްކާލުމަށްފަހު މިފަހަރު އިއުލާންކުރީ ގާކޮށިން 37 ފްލެޓް، ވޭސައިޑުން 10 ފްލެޓް ވިއްކުމަށެވެ. މި ފަހަރުވެސް ފްލެޓު ވިއްކުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށެވެ.

ފްލެޓު ވިއްކުމަށް މިފަހަރު އެޗްޑީސީން ހުޅުވާލިއިރު، ފްލެޓް ގަންނަން ބޭނުންވާ ފަރާތްތަކުން ފުރިހަމަވާން ޖެހޭ ޝަރުތުތަކުގެ ތެރޭގައި އުމުރުން 21 އަހަރުވެފައިވާ ދިވެއްސަކަށްވުމާއި ޖެނުއަރީ 31 ވަނަ ދުވަހު ފްލެޓު ވިއްކުމަށް ހުޅުވާލި ފުރުސަތުގައި ފްލެޓު ގަނެފައިވާ ފަރާތަކަށް ނުވުން އަދި އެއްފަހަރާ ފްލެޓަށް ފައިސާ ދެއްކޭ ފަރާތެއްކަމުގައި ވުން ހިމެނެ އެވެ.