ކުޅިވަރު

ކިސް ވެލެންސިއާއާ ދެކޮޅަށް، އޭނާއަށް ފުން ހަނދާންތަކެއް

ކުލަބު ވެލެންސިއާގެ ތާރީހްގައި ފެނުނު، އެންމެ ކާމިޔާބު ކޯޗަކީ، ވިކްޓަރީ ސްޕޯޓްސްގެ މިހާރުގެ ކޯޗް ހަންގޭރީގެ ލޯޒްލޯ ކިސް އެވެ. އޭނާ ވަނީ ދެ ފަހަރެއްގެ މަތިން ރާއްޖެ އައިސް ވެލެންސިއާ އަށް ކާމިޔާބު ހޯދައިދީފަ އެވެ. ވިކްޓަރީ ގޮވައިގެން ވެލެންސިއާ ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން އޭނާ އަށް ވެލެންސިއާ އާއި ވިކްޓަރީގެ ކުރިމަތިލުންތަކުގެ ތެރެއިން ފުން ހަނދާނެއް އާ ކޮށްދިނެވެ.

ވެލެންސިއާގައި އޭނާ ހޭދަ ކުރި ދުވަސްތަކުގެ ތެރެއިން އޭނާ ހަނދާން ކުރީ ވެލެންސިއާ ގޮވައިގެން ވިކްޓާރީއާ ދެކޮޅަށް ކުޅުނު ފައިނަލު މެޗެކެވެ. ޕެނަލްޓީ ޖަހައިގެން އެ މެޗުން ވެލެންސިއާ ބަލިވީ އެވެ.

އޭނާ ވާހަކަ ދައްކަމުން، ނޫސްވެރިން ގާތު ކަލޭ މެން އެ މެޗު ހަނދާންވޭހޭ، އަހައިފައި، ނޫސްވެރިންގެ ފަރާތުން ޖަވާބެއް ނުލިބުމުން އޭނާ ބުނީ ކަލޭމެންނަކި "މާ ޒުވާން ބައެކޭ" އެވެ. އޭނާ ބުނަން އުޅުނީ ޕްރެސްގައި ތިބި ނޫސްވެރިން ހަނދާނެއް ނުވާނެ ވާހަކަ އެވެ.

"މުޅި ސްޓޭޑިއަމް އޮތީ ފުލުވެފަ، އެކްސްޓްރާ ޓައިމުގައިވެސް 0-0 އެއް ވަރު، ޕެނަލްޓީ ޖަހަމުން ގޮސް ނަމާދު ވަގުތަށް މެދެ ކަނޑާލަން ޖެހުނު އިރުވެސް ވެލެންސިއާ އޮތީ 3-1 ން ކުރީގަ، ވެލެންސިއާ އެކު އޭނާ ހޭދަ ކުރި އެ ދުވަސްތައް ހަނދާން ކުރަމުން ކިސް ކިޔައިދިނެވެ. "އަލުން ޕެނަލްޓީ ޖަހަން ގޮސް ވެލެންސިއާ މެޗު ލިބެން އޮތް ޕެނަލްޓީ އަލީ ރަޝީދު (ސިލާޗީ) އަދި [މުހައްމަދު] ނިޒާމް (ތޮއްޑޫ) ޖެހީ ބޭރަށް، އެންމެ ފަހުން ވިކްޓަރީ މޮޅުވީ."

އޭނާ ސުވާލު އުފެއްދީ، މިހާރު ދަނޑަށް އެ ވަރަށް ސަޕޯޓަރުން ނުވަންނަނީ ކީއްވެ ހެއްޔެވެ. އޭނާ ބުނީ ދިހަ އަހަރު ކުރިން ވެލެންސިއާ އާއި ވިކްޓަރީ ކުޅޭ ނަމަވެސް މުޅި ސްޓޭޑިއަމްް އޮންނަނީ ފުރި ބާރުވެފައި ކަމަށެވެ. އޭނާ ބުނީ މިހާރު ދަނޑު ފަޅުކޮށް އެކަމާ އޭނާ ވަރަށް ބޮޑަށް ދެރަވާ ކަމަށެވެ.

ވެލެންސިއާގައި ކިސް ހޭދަ ކުރި ފުރަތަމަ ފަހަރު، ވިކްޓަރީގެ އޭރުގެ ކޯޗް އަބްދުލް ޖަލީލް (އަބްޖީ) އާ އާ ކިސްއާ މައްސލަތަކެއް ޖެހުނެވެ. އެވެ. ގައުމީ މުބާރާތުގެ ފައިނަލުގައި 1996 ވަނަ އަހަރު، ވިކްޓަރީ އަތުން ވެލެންސިއާ ބަލިވުމުން ކިސްއަށް ހަޖަމު ނުކުރެވި އަބްޖީއާ ދިމާ ކޮށްލި އެވެ.

މިއަދު އޭނަ ހުރީ ވިކްޓަރީގެ ކޯޗުގެ ގޮތުގަ އެވެ. މިރޭ އޭނާ އާ ދެކޮޅަށް ނިކުންނަނީ، ރާއްޖޭގައި އޭނާ އެންމެ ކާމިޔާބު ދުވަސްތަކެއް ހޭދަ ކުރި ވެލެންސިއާ އާ ދެކޮޅަށެވެ. ކިސް ބުނީ އޭނާ އަކީ ޕްރޮފިޝަނަލް މީހެއް ކަމަށާއި އޭނާ ނިކުންނާނީ ވެލެންސިއާ ބަލި ކުރަން ކަމަށެވެ.

"ވެލެންސިއާގައި އަހަރެން ހޭދަ ކުރި ދުވަސް ވަރަކީ ވަރަށް ކާމިޔާބު ދުވަސްވަރެއް، ރާއްޖޭގެ ފުޓްބޯޅައަށްވެސް ވަރަށް ކާމިޔާބު ދުވަސްވަރެއް،" ކިސް ބުންޏެވެ. "ނަމަވެސް އަހަންނަކީ މިހާރު ވިކްޓަރީގެ ކޯޗު، އަހަންނަކީ ޕްރޮފިޝަނަލް މީހެއް އަހަރެން ބޭނުން ވަނީ މިހާރު ވެލެންސިއާ ބަލި ކުރަން."

ވެލެންސިއާ އާއި ވިކްޓަރީ ކުޅޭ މެޗު ފަށާނީ، މިރޭ 9:00 ގަ އެވެ.