ވިޔަފާރި

ވީއައިއޭގައި ފިނިކުރި ކާގޯ ރައްކާ ކުރާ ޖާގަ އިތުރުކޮށްފި

Apr 16, 2018

ވައިގެ މަގުން ރާއްޖޭން ބޭރުކޮށް އަދި އެތެރެކުރާ ފިނިކުރި ކާގޯ، ވެލާނާ އިންޓަނޭޝަނަލް (ވީއައިއޭ) ގައި ރައްކާ ކުރުމުގެ ޖާގަ އިތުރުކޮށްފި އެވެ.

ވީއައިއޭ ހިންގާ، މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ ހަލާކުރާ ޒާތުގެ ކާގޯ ރައްކާ ކުރާ ޖާގަ އިތުރުކޮށް އާބައެއް ހުޅުވާފައިވާ ކަމަށެވެ. އަދި މި ބަދަލާއެކު ކުރިން 76 ޓަނުގެ ކާގޯ ރައްކާ ކުރެވޭ ތަނުގައި މިހާރު 266 ޓަނުގެ ތަކެތި ރައްކާ ކުރެވޭނެ ކަމަށެވެ.

ވީއައިއޭ މެދުވެރިކޮށް މުދާ އެތެރެކޮށް ބޭރުކުރާ ވިޔަފާރިވެރިންނަށް ފަސޭހައަކަށް އެމްއޭސީއެލްއިން ދަނީ މުހިންމު ބަދަލުތައް ގެންނަމުންނެވެ. މިގޮތުން އެ ކުންފުނީ 52 ވަނަ އަހަރީ ދުވަހާ ދިމާކޮށް ވަނީ ދުނިޔޭގެ ގިނަ ގައުމުތަކެއްގައި "ކާގޯ އޮޓަމޭޓެޑް" ހިދުމަތް ދޭ ސިންގަޕޫރުގެ ސެޓްސް ކުންފުންޏާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގުޅިގެން ވީއައިއޭގައި ކާގޯ އޮޓަމޭޓެޑް ސިސްޓަމްސް (ކޮސިސް) ވަނީ ގާއިމް ކޮށްފަ އެވެ.

އެމްއޭސީއެލްގެ އެސިސްޓެންޓް މެނޭޖަރު އިބްރާހިމް ހަލީމް ވިދާޅުވެފައިވާ ގޮތުގައި އާ މި ހިދުމަތުގެ ސަބަބުން ވައިގެ މަގުން މުދާ އެތެރެކޮށް އަދި ބޭރުކުރާ މީހުންނަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އިތުރަށް އޭނާ ވިދާޅުވީ ހިދުމަތް ދެނީ ހުރިހާ އެއާލައިންތަކާ ގުޅިގެން ރިއަލްޓައިމްކޮށް ގުޅާލެވިފައިވާ ވިއުގައެއްގެ ތެރެއިން ކަމަށެވެ.

"ކުރިން މަތިންދާ ބޯޓް ރާއްޖެ އައުމުގެ ކުރިން [ފްލައިޓް] ގައި ހުރީ ކޮން މުދަލެއް ތޯ؟ މިއީ ކިހިނެއް އަންނަ އެއްޗެއްތޯ؟ އެނގޭނެ ގޮތެއް ނޯވެ. ނަމަވެސް ކޮސިސް ހިދުމަތް ފެށުމުން ބޯޓު މާލެ އަށް ޖެއްސުމުގެ ކުރިން ކަސްޓަމްސް އާއި ކަސްޓަމަރަށް ވެސް ޝިޕްމަންޓުގެ ފުރިހަމަ މައުލޫމާތު ލިބިގެން ދާނެ. މިހެންވުމުން ކަސްޓަމަރަށް ވެސް މުދާ ކްލައިއަރެންސަށް ތައްޔާރުވާން ފަސޭހަ ވެގެން ދާނެ،" ހަލީމް ވިދާޅުވި އެވެ.

އެމްއޭސީއެލްއިން ބުނި ގޮތުގައި ކަސްޓަމްސް އާއި ސަރުކާރުގެ މައި ވިއުގައާ ގުޅާލާފައިވާ މި ނިޒާމު މެދުވެރިކޮށް ފައިސާ ދެއްކޭނެ ގޮތް ވެސް ވަރަށް އަވަހަށް ހަދާނެ އެވެ.

ވީއައިއޭ ތަރައްގީ ކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުގައި އާ ކާގޯ ޓާމިނަލްއެއް ހިމެނެ އެވެ. އާ ކާގޯ ޓާމިނަލްގެ މަސައްކަތް ވަނީ ފަށާފަ އެވެ. ޗައިނާ އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އަށް 373 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 5.7 ބިލިއަން ރުފިޔާ) އަށް ހަވާލުކޮށްގެން ހަދާ މި ތަނުގައި އެއް ފަހަރާ 12،0000 މެޓްރިކް ޓަނުގެ ކާގޯ ރައްކާ ކުރެވޭނެ އެވެ.