ބޭރު ކުޅިވަރު

ޔުނައިޓެޑް ބަލިވެ ސިޓީއަށް ލީގު ލިބިއްޖެ

Apr 16, 2018

އަމިއްލަ ދަނޑުގައި ލީގުގެ ފުލުގައި އޮތް ވެސްޓް ބްރޮމިޗް އަލްބިއަން އަތުން 0-1 ބަލިވުމާއެކު މެންޗެސްޓާ ޔުނައިޓެޑުގެ ވާދަވެރި ކްލަބް މެންޗެސްޓާ ސިޓީ ލީގު ކާމިޔާބުކޮށްފި އެވެ.

މިމެޗުގެ ނަތީޖާއާއެކު ޔުނައިޓެޑާއި ސިޓީ އާއި ދެމެދު އޮތް ފަރަގު މިވަނީ 16 ޕޮއިންޓަށް ފުޅާވެފަ އެވެ. މިހެންވުމާއެކު ލީގުގައި ބާކީއޮތް ހަ މެޗުން މެންޗެސްޓާ ޔުނައިޓެޑު މޮޅުވިޔަސް އެޓީމަށް ސިޓީ އާއި އަރާ ހަމަ ނުކުރެވޭނެ އެވެ.

ޔުނައިޓެޑުގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި އެޓީމަށް ވެސްޓް ބްރޮމްގެ ގޯލަށް މާނުރައްކާތެރި ހަމަލާތަކެއް އުފެއްދޭ ގޮތެއް ނުވި އެވެ. ނަމަވެސް ފުރަތަމަ ހާފުގެ 18 ވަނަ މިނިޓުގައި ވެސްޓް ބްރޮމްގެ ކްރެއިގް ޑޯސަން އޭރިއާ ތެރެއިން ޔުނައިޓެޑުގެ ހެރޭރާ ވައްޓާލި ކަމަށް ބުނެ އެޓީމުން ވަނީ ވަރަށް ބޮޑަށް ޕެނެލްޓީއަކަށް އެޕީލްކޮށްފަ އެވެ.

މެޗުގެ 73 ވަނަ މިނިޓުގައި ވެސްޓް ބްރޮމްއަށް ލިބުނު ކޯނަރަކުން ހުރަސްވި ބޯޅަ ފޯވާޑް ޖޭ ރޮޑްރިގޭޒް ވަނީ ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލާފަ އެވެ.

ވެސްޓް ބްރޮމް ލީޑު ނެގުމާއެކު ޔުނައިޓެޑުން އިތުރަށް ޓީމު ކުރިއަށް ޖައްސައިގެން ހަމަލާއެއް އުފެއްދޭތޯ މަސައްތަކް ކުރި އެވެ. ނަމަވެސް އެޓީމުގެ ފަރާތުން ފެނުނީ ލަސް ކުޅުމެކެވެ. ނަތީޖާއަކަށްވީ ވެސްޓް ބްރޮމް މެޗުގެ ފުރިހަމަ ވަގުތާ ހަމައަށް ލީޑު ހިފަހައްޓައި ތިން ޕޮއިންޓް ހޯދައި ސިޓީއަށް ލީގު ކަށަވަރުކޮށްދިނުމެވެ.

ފަހަތުން އަރައި ނިއުކާސަލްއިން ސިޓީ ބަލިކޮށްފި

މެޗުގެ ކުރީ ކޮޅު އާސެނަލް ލީޑު ނަގާފައިވަނިކޮށް ފަހަތުން އަރައި 1-2 އާސެނަލް ބަލިކޮށް ނިއުކާސަލްއިން އެޓީމު ރެލިގޭޓު ނުވާނެކަން ޔަގީން ކޮށްފި އެވެ.

ނިއުކާސަލް މިހާރު އޮތީ ލީގު ތާވަލުގެ 10 ވަނަ މަގާމުގައި 41 ޕޮއިންޓާއެކު އެވެ. އެޓީމު ބާކީ އޮތް ފަސް މެޗުން ބަލިވިޔަސް ރެލިގޭޝަން ޒޯނަށް ނުވެއްޓޭނެ އެވެ. އާސެނަލް އޮތީ ތާވަލުގެ ހަވަނަ މަގާމުގައި 54 ޕޮއިންޓާއެކު އެވެ.

އާސެނަލްއަށް މެޗުގެ ލީޑު ނަގައިދިނީ 14 ވަނަ މިނިޓުގައި ފްރާންސް ފޯވާޑް ލަކަޒެޓް އެވެ. ނަމަވެސް 15 މިނިޓު ފަހުން ނިއުކާސަލް މެޗުގެ ނަތީޖާ އެއްވަރުކުރި އެވެ. މިގޯލް އެޓީމަށް ޖަހައިދިނީ އަޔޯޒޭ ޕެރޭޒް އެވެ.

ނިއުކާސަލް މޮޅު ކޮށްދިން ގޯލް މެޗުގެ 68 ވަނަ މިނިޓުގައި ޖެހީ މެޓް ރިޗީ އެވެ. އާސެނަލްގެ ކުޅުންތެރިންނަށް ސާފު ކޮށްނުލެވުނު ބޯޅަ ލިބުނީ ޕެރޭޒް އަށެވެ. އޭނާ ވަނީ އެއްފަހަރުން އަރިމާތީގައި ހުރި ރިޗީއަށް ބޯޅަ ޖައްސާލާފަ އެވެ. ލިބުނު ބޯޅަ އެއްފަހަރުން ރިޗީ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލްގެ މަތީ ކަނަށެވެ.

މިމެޗުން ބަލިވުމާއެކު އާސެނަލް މިވަނީ 1984 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ޖެހިޖެހިގެން ފަސް އަވޭ މެޗުން ބަލިވެފަ އެވެ. އާސެނަލްގެ ސީޒަން ވެގެންގޮސްފައި މިވަނީ ވަރަށް އާދައިގެން ސީޒަނަކަށެވެ. މިހެންވުމާއެކު ޔޫރަޕާ ލީގު ކާމިޔާބުކުރުން އެޓީމަށް މުހިންމެވެ.