ސޫރިޔާ ސަރުކާރުގެެ އަމާޒުތަކަކަށް ހުކުރުދުވަހުގެރޭ ވަރުގަދަ މިސައިލްް ހަމަލާތަކެއް ދިނީ އެމެރިކާއިން އިސްނަގައިގެންނެވެ. ރައީސް ޓްރަމްޕްގެ އެ ނިންމެވުމުގެ ސަބަބުން އުއްމީދުނުކުރާ ނަތީޖާއެއް ނުކުތުމުގެ ފުރުސަތު އެބަ އޮތެވެ. އެގޮތުން ނުކުމެދާނެ އެއް ނަތީޖާއަކީ އެމެރިކާއާއި ރަޝިޔާއާ ދެމެދު ހަނގުރާމައެއް ފެށުމެވެ.
އެމެރިކާއާއި އެގައުމުގެ ބައިވެރިން ސޫރިޔާއަށް ހަމަލާދޭން ތައްޔާރުވަމުން ދަނިކޮށް މިދިޔަ އަންގާރަދުވަހުގެ ރޭ ރަޝިޔާއިން ވަރުގަދަ އިންޒާރެއް ދިނެވެ. ލުބުނާނުގައި ހުންނަވާ އެގައުމުގެ ސަފީރު ވިދާޅުވީ ސޫރިޔާއަށް އަމާޒުކޮށް ފޮނުވާލާ ކޮންމެ މިސައިލެއް ( އޭގެ އަމާޒަށް ވާސިލުނުވަަނީ) ވައްޓައިލެވިދާނެ ކަމުގެ އިންޒާރެވެ. އަދި އެގައުމަށް ހަމަލާދޭން ފޮނުވާ މަތިންދާބޯޓުތަކަށާއި މަނަވަރުތަކަށް ވެސް ހަމަލާދެވިދާނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ. އެކަމަކު އޭނާގެ އިންޒާރާ އެެއްގޮތަށް ރަޝިޔާއިން އަދި އެއްވެސް ކަމެއް ނުކުރެއެވެ.
ޖެހިގެން އައި ދުވަހު ހެނދުނު ރަޝިޔާގެ އިންޒާރަށް ޓްރަމްޕް ރައްދުދެއްވިއެވެ. އާދައިގެ މަތިން ސޯޝަލް މީޑިއާ ޓްވިޓާގައެވެ.
" ތައްޔާރުވޭ ރަޝިޔާ! އެހެނީ އެތަކެތި[ މިސައިލްތައް] އަންނާނެ. ރީތިކޮށް، އާކޮށް ސްމާޓްކޮށް. އަމިއްލަ ރައްޔިތުން މަރައި އެކަމުން ހިތްހަމަ ޖައްސަމުންދާ، ގޭހުން މީހުން މަރާ ޖަނާވާރާ ކަލޭމެން ބައިވެރިވާކަށް ނުޖެހޭ،" ޓްވީޓުގައި ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕްގެ މިޖަވާބު އައީ މި އޭޕްރިލްމަހުގެ ހަތް ވަނަ ދުވަހު ސޫރިޔާގެ ދޫމާގައި ދިން ކެމިކަލް ހަމަލާގެ ބަދަލު ހިފާނެ ގޮތް ޓްރަމްޕް ކަނޑައެޅުއްވި ފަހުންނެވެ. އަސަދު ސަރުކާރުން ދިން ކަމަށް ތުހުމަތުކުރެވޭ އެހަމަލާގައި 150 އަށް ވުރެ ގިނަމީހުން މަރުވިއެވެ. ގޭސް ހަމަލާ ދިނުމާއި އެކު ޓްރަމްޕް ވިދާޅުވީ އަސަދުގެ އެއަމަލަށް އަދަބުދެއްވާނެކަމަށާއި ދެއްވާނީ ބޮޑު އަދަބެއް ކަމަށެވެ. ޓްވިޓާގައި ރަޝިޔާއަށް އިންޒާރު ކުރެއްވި އިރު ޓްރަމްޕް ހުންނެވީ ސޫރިޔާއަށް ހަމަލާދޭނެ ގޮތަކާ ބެހޭގޮތުން ގައުމީ ސަލަމާތާ ބެހޭ މުޝީރާ މަޝްވަރާކުރައްވައިގެންނެވެ.
ކަންތައްތައް ގޯސްވަނީ މިހިސާބުންނެވެ. ރަޝިޔާއަކީ އަސަދުގެ ވަރުދަދަ މަދަދުގާރެކެވެ. ސޫރިޔާ ހަނގުރާމައިގެ އޮއިވަރު ބަދަލުވެ އަސަދުގެ ބާރު ގަދަވާން ފެށީ 2015 ވަނަ އަހަރު ރަޝިޔާއިން ހަނގުރާމައިގެ ތެރެއަށް ވަނުމުންނެވެ. ރަޝިޔާއިން ވަނީ އެތައް ހާސް ރައްޔިތުންނެއްގެ ބޮލަށް ބޮން އަޅައި އެމީހުން މެރުމުގައި އަސަދަށް މަދަދުކޮށްފައެވެ. ރަޝިޔާއިން ވަނީ އެގައުމުގެ ރިޔާސީ ގަނޑުވަރާ ސީދާ ގުޅިފައިވާ ސިފައިން ތަކެއް ވެސް ސޫރިޔާއަށް ފޮނުވާފައެވެ. އެ ސިފައިންނާ މެދު ރަޝިޔާއިން ބުނަނީ އެއީ " ކުލީ ސިފައިން " ކަމަށެވެ. ރަޝިޔާގެ ކުލީ ސިފައިން ކުރިން ވަނީ ސޫރިޔާގައި އެމެރިކާ ސިފައިންނާ ވެސް ކުރިމަތިލާފައެވެ.
ޓްރަމްޕް ކުރިއްސުރެ ވިދާޅުވަމުން ގެންދެވީ ރަޝިޔާއާ ގުޅުން ރަނގަޅުކުރައްވަން އެދިވަޑައިގަންނަވާ ކަމަށެވެ. އެކަމަކު މިފަހަރުގެ ހަަމަލާގެ ކަންތައް ގޯސް ވެއްޖެ ނަމަ އެމެރިކާއާއި ރަޝިޔާއާ ދެމެދު ފުޅާ ދާއިރާއެއްގައި ހަމަލާ ބަދަލުކުރަން ފެށުމަކީ ވެދާނެ ކަމެއް ކަމަށް މާހިރުން ގަބޫލުކުރައްވައެވެ.
" އެނުރައްކާ އެބަ އޮތް. އެކަމަކު އަހަރެންނަށް ހީވަނީ އެ ނުރައްކާ އޮތީ ވަރަށް ކުޑަކޮށްހެން،" މެދުއިރުމަތީގެ ކަންތައްތައް ދިރާސާކުރާ މިޑުލް އީސްޓް އިންްސްޓްޓިއުޓްގެ ޑިފެންސް އެކްސްޕާޓެއް ކަމަށްވާ ބިލާލް ސާބް ވޮކްސް ނިއުސްއަށް ވިދާޅުވެފައި ވެއެވެ.
ހުރިހާވެސް މައްސަލަައަކީ ސޫރިޔާ ހަނގުރާމައިގައި ރަޝިޔާގެ ބައިވެރިވުން ބޮޑުކަމެވެ. އެމެރިކާއިން ދޭ ހަމަލާއެއްގެ އަމާޒަކީ ހަމަ އެކަނި އަސަދުގެ ބާރުތަކަށް ވެއްޖެ ނަމަ ނުދެނެެހުރިކަމަށް ހެދިގެން ރަޝިޔާ އޮވެދާނެއެވެ. އެކަމަކު އެފަދަ ހަމަލާއެއްގައި ރަޝިޔާ ސިފައިންގެ މީހަކު މަރުވެއްޖެ ނަމަ ނުވަތަ އެމީހުންގެ ވަސީލަތެއް ހަލާކުވެއްޖެ ނަމަ ކަންތައްތައް މުޅިން އެހެން މިސްރާބަކަށް ހިނގައިދާނެއެވެ.
" އަހަރެމެންނަށް [ރަޝިޔާއާއި އެމެރިކާއަށް] ކުއްލިއަކަށް ކުރިމަތިލުމަކަށް ދެވޭގޮތެއް މެދުވެެރިވެދާނެ. އެފަދަ ގޮތަކަށް ކަންތައްވާން ގައުމު އޮތީ ތައްޔާރަކަށްނޫން، " ހީތާ ކޯންލީ ވޮކްސް އަށް ވިދާޅުވެފައި ވެއެވެ.
ކޯންލީއަކީ ސެންޓާ ފޯ ސްޓްރެޓީޖިކް އެންޑް އިންޓަނޭޝަނަލް ތިންކް ޓޭންކްގައި މަސައްކަތްކުރައްވާ ޔޫރަޕްގެ މާހިރެކެވެ.
ކުރިމަތިލުމަކަށް ދާ ފަދަ ހާލަތްތައް މެދުވެރިވި
ހަތް އަހަަރަށް ވުރެ ދިގުލީ ސޫރިޔާ ހަނގުރާމައިގައި އެމެރިކާއާއި ރަޝިޔާއާ ދެމެދު ކުރިމަތިލުން ހިނގާ ފަދަ ކިތަންމެ ހާލަތްތަކެއް މީގެ ކުރިން ވެސް މެދުވެރިވިއެވެ. ނަމަވެސް މީގެ ކުރިން އެ ދެގައުމުންް ވެސް ވަނީ އެފަދަ ކޮޮންމެ ހާލަތެއްގައި ފަހަތަށް ޖެހިފައެވެ.
އަހަރެއްހާ ދުވަސް ކުރިން ވެސް އެމެރިކާއިން ސޫރިޔާއަށް މިފަދަ ހަމަލާތަކެއް ދިނެވެ. އެފަހަރުވެސް ހަމަލާ ދިނީ އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮތް ސަރަހައްދަކަށް ކެމިކަލް ހަމަލާއެއް ދިނުމުންނެވެ. މިދިޔަ 2017 ވަނަ އަހަރުގެ އޭޕްރިލްމަހު އަސަދުގެ ސިފައިން ދިން ކެމިކަލް ހަމަލާގައި 80 އަށް ވުރެ ގިނަމީހުން މަރުވިއެވެ. އެހަމަލާއަށް ރައްދު ދިނުމަށް އެމެރިކާއިން ދިން މިސައިލް ހަމަލާއަށް ރަޝިޔާއިން އިޖާބައެއް ނުދެއެވެ.
ނަމަވެސް އޭގެ ފަހުން އެއަހަރުގެ ޖޫން މަހު އެމެރިކާއިން ސޫރިޔާގެ ހަނގުރާމަމަތީ މަތިންދާބޯޓެއް ވައްޓައިލުމުން ރަޝިޔާއިން އިންޒާރެއް ދިނެވެ. އެގައުމުން ބުނީ އެމެރިކާ އިއްތިހާދުގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް ސޫރިޔާ މަތިން އުދުހޭ ނަމަ އެބޯޓުތަކަށް ހަމަލާދޭނެ ކަމަށެވެ. ސޫރިޔާގައި ރަޝިޔާއާ އެމެރިކާއާ ދެމެދު އޮތް މުވާސަލާތީ ގުޅުން ވެސް އެފަހަރު ކަނޑައިލިއެވެ. ދެގައުމުގެ ދެމެދުގައި ސީދާ ކުރިމަތިލުމެއް ހިނގިޔަ ނުދިނުމަށް ގާއިމްކޮށްފައި އޮތް އެ ގުޅުން ކަނޑައިލުމަކީ ވެސް ބޮޑު ނުބައެއްގެ ފެށުމެވެ. ނަމަވެސް ދުވަސްކޮޅަކުން އެގުޅުން އަލުން ގާއިމްކުރިއެވެ.
މިދިޔަ އަހަރު އެފަދަ ގޮތަކަށް ދިޔަޔަސް މިއަހަރު މާ ސީރިއަސް ކަންތައްތައް ވަނީ ހިނގާފައެވެ. އެގޮތުން މިދިޔަ ފެބްރުއަރީ މަހު ރަޝިޔާގެ ކުލީ ސިފައިންގެ ބަޔަކު ސޫރިޔާގައި އެމެރިކާ ސިފައިންނަށް ހަމަލާދިނެވެ. އެ ކުރިމަތިލުމަކީ ފާއިތުވި 50 އަހަރުގެެ ތެރޭގައި އެމެރިކާ އާއި ރަޝިޔާއާ ދެމެދު ސީދާ ގޮތެއްގައި ހިނގި ފުރަތަމަ ކުރިމަތިލުމެވެ. ރަޝިޔާ ސިފައިންގެ ހަމަލާ ނާކާމިޔާބުކޮށްލަން އެމެރިކާ ސިފައިން ދިން ހަމަލާގައި ރަޝިޔާގެ 300 ވަރަކަށް މީހުން މަރުވިއެވެ. އެމެރިކާ ސިފައިންގެ މީހަކު މަރެއް ނުވެއެވެ.
އިސްލާމިކްް ސްޓޭޓް (އައިއެސް)އާ ދެކޮޅަށް އެމެރިކާއިން ކުރާ ހަނގުރާމައިގައި އިސްކޮށް އުޅޭ ޖެނެރަލް ޖޮނަތަން ބްރޭގާ މާޗްމަހުގެ 15 ވަނަ ދުވަހު އެންބީސީ ނިއުސްއަށް ދިންް އިންްޓަވިއުއެއްގައި ބުނީ އެކުރިމަތިލުމުގެ ސަަބަބުން އެމެރިކާއާ ރަޝިޔާއާ ދެމެދު ހަނގުރާމައެއް ފެށިދާނެ ކަމުގެ ހަގީގީ ކަންބޮޑުވުމެއް އުފެދުނު ކަމަށެވެ. ނަމަވެސް މަސްރަހު އިތުރަށް ގޯސްކުރަން އެފަހަރު އެއްވެސް ގައުމަކުން ބޭނުންް ނުވީއެވެ.
ހަނގުރާމަ ފެށިދާނެ؟
ބެލެވޭ ގޮތުގައި އެމެރިކާއިން އަސަދުގެ އަމާޒުތަކަށް ހަމަލާ ދިނުމަށް ބޭނުންކުރާނީ ޓްރަމްޕްގެ ޓްވީޓުގައި ވިދާޅުވެފައިވާ ފަދަ " ސްމާޓް" ބޮން ތަކެވެ. އެހެންކަމުން އަމާޒުން ކައްސާލައި، ގަސްދުކޮށްފައި ނުވާ ބަޔަކަށް އެފަދަ ހަމަލާއެއް އަމާޒުވުމުގެ ފުރުސަތު ކުޑައެވެ. އެހެންވީމާ ރަޝިޔާ ސިފައިންގެ ބަޔަކު އެމެރިކާގެ ހަމަލާއެއްގައި މަރުވުން ދުރެވެ.
އަސަދުގެ ސިފައިންނަށް ނުވަތަ އެހެން ބަޔަކަށް ދޭ ހަމަލާއެއް ވެސް ރަޝިޔާއާ ކޯޑިނޭޓްކޮށްގެން ދިނުމަށް މިގޮތުން މަގުފަހިވެއެެވެ.
މާހިރުން ގަބޫލުކުރަނީ އެފަދަ ނަތީޖާއެއް ނުކުތަ ނުދިނުމަށް އެމެރިކާއިން ރަޝިޔާއާ ވާހަކަ ދައްކާނެ ކަަަމަށެވެ.
" އަހަރެން ގަބޫލުކުރަނީ އަހަރެމެން[އެމެރިކާއިން] އެމީހުންނާ މުވާސަލާތުކުރާނެކަމަށް،" އެޓްލާންޓިކް ކައުންސިލް ތިންކްޓޭންކްގައި މަސައްކަތް ކުރައްވާ މާހިރެއް ކަމަށްވާ ފައިސަލް އިތާނީ ވޮކްސްއަށް ވިދާޅުވެފައި ވެއެވެ.
ފާހަގަކޮށްލެވޭ އަނެއް ކަމަކީ ހުކުރުދުވަހުގެ ހަމަލާއަށް ފަހުވެސް ޓްރަމްޕްގެ ރާގު ހުރީ ރަޝިޔާއާ ގުޅުން ރަނގަޅުކުރައްވާ ގޮތަށް ކަމެވެ. އޭނާ ވިދާޅުވީ ރަޝިޔާއާއި އެމެރިކާއިންް އެއްގަލަކަށް އަރަން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އެހެންވީމާ ކުރިމަގުގައި އެމެރިކާއިން ދޭ ހަމަލާއެއްގައި ވެެސް ރަޝިޔާ ސިފައިންނަށް އަމާޒު ނުވާނެގޮތެއް ބަލާނެ ކަަމަށް ގަބޫލުކުރެވެއެވެ.
ސޫރިޔާގެ ތެރޭގައި އެމެރިކާއާއި ރަޝިޔާގެ ހަނގުރާމައެއް ފެށުނަ ނުދިނުމަށެވެ. އެހެން ނުވެއްޖެ ނަމަ ބޮޑު ދެބާރުގެ ހަނގުރާމައެއް އެގައުމުގައި ފެށި، އެހަނގުރާމަ ދުނިޔެއަށް ފެތުރިދާނެއެވެ.