ކުޅިވަރު

ނިއު ބަލިކުރަން ދިވެހި ޓީމަކަށް މިހާރު އުނދަގޫވާނެ: ސުޒޭން

ގްރީން ސްޓްރީޓްގެ ކޯޗު އަލީ ސުޒޭން، އަބަދުވެސް ބުނާ ވާހަކައެއް އޮވެއެވެ. ނިއު ރޭޑިއަންޓް ދެކޮޅަށް ޗެލެންޖު ކޮށް އެ ޓީމު، އެހާ ގިނައިން ބަލި ކުރި ދެ ވަނަ މީހަކު އޭނާ ނޫނިއްޔާ ނުހުންނާނެ ކަމަށެވެ.

ކުޅުންތެރިޔެއްގެ ގޮތުގައި އަދި ފަހުން ކޯޗެއްގެ ގޮތުގައިވެސް، ސުޒޭން ވަނީ އެތައް ފަހަރަކަށް ނިއު ބަލި ކޮށްފަ އެވެ. މިހާރު އޭނާގެ ވާހަކަ ތަފާތެވެ. އޭނާ ބުނީ، ނިއު ރޭޑިއަންޓްގެ މިހާރުގެ ޓީމު ބަލި ކުރަން ދިވެހި ޓީމަކަށް އުނދަގޫ ވާނެ ކަމަށެވެ.

"ނިއު ރޭޑިއަންޓް ބަލި ކުރާ ވާހަކަ ގްރީން ނުވަތަ ރާއްޖޭގެ ޓީމެއް ދެއްކުން ބައެއް ފަހަރު އުނދަގޫ ކަމަކަށް ވެދާނެ،" ސުޒޭން ހާމަ ކުރި އެވެ. "އެހެން ނަމަވެސް ނިއު ރޭޑިއަންޓާ ދެކޮޅަށް އެ މެޗު ދާ ގޮތަކުން، އެ ސިޓްއޭޝަން އަންނަ ގޮތަކުން ޓެކްނިކަލީ އަޅުގަނޑުގެ މައުލޫމާތު ހުރި ވަރަކުން އެއަށް ފޯރުކޮށްގެން އެކަން ކުރެވިދާނެ ކަމަށް މި ބަލަނީ."

ކުޅުންތެރިޔެއްގެ ގޮތުގަޔާއި ކޯޗެއްގެ ގޮތުގައި އޭނާގެ ކެރިއަރުގެ ބޮޑު ބައެއް ހޭދަ ކުރީ ވިކްޓަރީގަ އެވެ. ސުޒޭން ބުނީ އޭނާ ބޮޑު ވެގެން އައީ ނިއު ރޭޑިއަންޓާ ވިކްޓަރީގެ ވާދަވެރިކަމުގެ ތެރެއިން ކަމަށެވެ. އޭނާ އަކީ ވިކްޓަރީގެ މީހެކެވެ. ވިކްޓަރީގެ އެންމެ ބޮޑު ވާދަވެރިޔަކީ ނިއު އެވެ.

ކުރިން ޑިފެންޑަރަކަށް ކުޅުނު ސުޒޭން ބުނީ އޭނާ ކުޅުނު ދުވަސް ވަރު ދެ ފަހަރެއްގެ މަތިން ނިއު އިން އޭނާ އަށް ހުށަހެޅި ކަމަށެވެ. ނަމަވެސް އޭނާ ނިއުގެ ހުށަހެޅުމަށް ނޫނެކޭ ބުނީ އަބަދުވެސް ނިއު އަށް ޗެލެންޖު ކުރާ މީހެއްގެ ގޮތުގައި ހުރުމަށް ޓަކައި ކަމަށެވެ.

ސުޒޭން ބުނީ ނިއު އާ މެދު އޮންނަ ވާދަވެރި ކަމަކީ، ޒާތީ ކަމެއް އޮންނަ ކަމެއް ނޫން ކަމަށެވެ. ނިއު ކުރާ ރަނގަޅު ކަންކަމަށް އޭނާގެ ތާއީދުވެސް އޮންނާނެ ކަމަށާއި އިންޓަނޭޝަނަލް މެޗުތަކަށް ނިކުންނައިރު އޭނާގެ ހެޔޮ އެދުންތައް ނިއު އަށް އޮންނާނެ ކަމަށް ސުޒޭން ބުންޏެވެ. މާލޭ ލީގްގައި މިއަދު ހަވީރު ގްރީން ސްޓްރީޓާ ނިއު ރޭޑިއަންޓް ކުޅޭ މެޗުގެ ޕްރީ މެޗު ޕްރެސް ކޮންފަރެންސު އޭނާ ފެށީވެސް، މިދިޔަ ހަފުތާގައި ބެންގަލޫރުގެ ސްޓޭޑިއަމްގައި އެ ޓީމާ ދެކޮޅަށް ނިއު ދެއްކި ކުޅުމަށް މަރުހަބާ ކިޔަމުންނެވެ.

"ނިއު ރޭޑިއަންޓް ބެންގަލޫރާ ދެކޮޅަށް އެ ކުރި ޑޮމިނެންސް މީގެ ކުރިން އަވޭ މެޗެއްގައި އެވަރުގެ ޑޮމިނެންސެއް ދެއްކި ހަނދާނެއް އަޅުގަނޑުމެންނެއް ނުވޭ، ފަހަރެއްގައި ލާއޯސް އެފްސީ ކަހަލަ ޓީމަކާ ދެކޮޅަށް އޮވެދާނެ މީގެ ކުރިން ބަޔަކު ކޮށްފައި،" ސުޒޭން ބުންޏެވެ.

"އަޅުގަނޑުމެން މި ދައްކަނީ މި ސަރަހައްދުގެ އޭއެފްސީގައި ވާދަ ކުރާ އެންމެ ވަރުގަދަ ޓީމު ބެންގަލޫރު އެފްސީ އާ ދެކޮޅަށް ނިއު ރޭޑިއަންޓް ވަރަށް ރީތި މޮޅު މެޗެއް ކުޅުނު، ނަމަވެސް ނަސީބު ދެރަ ކަމުން އެ މެޗު ނިމިގެން ދިޔަ ގޮތް ނަތީޖާ އެހާ ރަނގަޅެއް ނޫން، އެހެން ނަމަވެސް މުޅި މެޗަށް ބަލާއިރުވެސް އަޅުގަނޑކަށް ހީއެއް ނުވޭ މި ސަރަހައްދުގެ އެއްވެސް ޓީމެއް ކަންޓީރަވާ [ސްޓޭޑިއަމް] ގައި އެ ވަރުގެ ދެއްކި ހެނެއް، އެކަމަށްޓަކައި ނިއު ރޭޑިއަންޓަށް މަރުހަބާ ކިޔަން."

މާލޭ ލީގްގައި، މިހާތަނަށް ގްރީން ސްޓްރީޓަށް މޮޅު ވެވުނީ އެންމެ މެޗަކުންނެވެ. އެއީ އެންމެ ފަހުން ޔުނައިޓަޑް ވިކްޓަރީއާ ދެކޮޅަށް ކުޅުނު މެޗުންނެވެ. ސުޒޭން ބުނީ ވިކްޓަރީއާ ދެކޮޅަށް ކުޅުނު މެޗަކީވެސް އޭނާގެ ޓީމަށް ނެގެން ޖެހޭނެ މެޗެއް ކަމަށެވެ. ނަމަވެސް އެ މެޗުގައި މައްސަލަ ދިމާވީ ވަރަށް އާދައިގެ ގޯލެއް ވަން ހިސާބުން ކަން އޭނާ ފާހަގަ ކުރި އެވެ.

ލީގްގެ ކުރީ ކޮޅު ވުމުން، ގަދަ ހައެއްގެ ތެރޭގައި ނެތުމަކުން އަދި ކަންބޮޑުވާން ޖެހޭ ހާލަތަކަށް ނުދާ ކަމަށްވެސް އޭނާ ބުންޏެވެ.