ކުޅިވަރު

ބެންގަލޫރު މެޗުން ލިބުނީ އިތުބާރު، އެތަފާތު ފެންނާނެ

ބެންގަލޫރު އެފްސީ އަތުން ބަލިވި ނަމަވެސް، އެ މެޗުގައި ޓީމުން ދެއްކި ކުޅުމުން ބޮޑު ހިތްވަރެއް ލިބިއްޖެ ކަމަށާއި ކުރިއަށް އޮތް ތަނުގައި އެ ތަފާތު ފެންނާނެ ކަމަށް ނިއުރޭޑިއަންޓްގެ އެސިސްޓެންޓް ކޯޗު އަޝްރަފު ލުތުފީ (ސަމްޕަތު) ބުނެފި އެވެ.

ސަމަޕަތު ބުނީ، އެ މެޗުގައި ނިއު ރޭޑިއަންޓުން ދެއްކި ކުޅުމަކީ މިހާތަނަށް ލޯކަލް މެޗެއްގައިވެސް އެ ޓީމަށް އެހާ މޮޅަށް ކުޅެވިފައި ނުވާ ކަމަށެވެ. އަދި އެ މެޗަށް ވުރެ މާ ރަނގަޅަށް މާލޭގައި ބެންގަލޫރާ ދެކޮޅަށް ކުޅޭ މެޗުގައި ކުޅެން މަސައްކަތް ކުރާނެ ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ، މެޗު އޯޕަން ކޮށްލައިގެން، ގިނަ އަދަދެއްގެ ޕާސް އުފައްދައިގެން ގޭމް ސިސްޓަމު ފައްތާ ލުމަށް ފަހު، މިހާރު ނިއު އަމާޒުކޮށް ތިބީ އެ ސްޓައިލުގެ ތެރެއިން ނަތީޖާވެސް ނެރެން ކަމަށެވެ. އޭނާ ބުނީ މިދިޔަ އަހަރު އެ ސްޓައިލްގެ ތެރެއިން ނަތީޖާ ނެރުމަށް މަސައްކަތް ނުކުރާ ކަމަށާއި ނަމަވެސް ބެންގަލޫރު މެޗުގައި އެގޮތަށް ކުޅެވުމުން އެކަމަށް ބޮޑު އިތުބާރެއް ލިބިއްޖެ ކަމަށެވެ.

ނިއު އަށް މިއަދު ހަވީރު އޮތީ ގްރީން ސްޓްރީޓާ ދެކޮޅަށް ކުޅޭ މެޗެވެ. ގްރީން ސްޓްރީޓަކީ އެންމެ ވަރުގަދަ ހަތަރު ޓީމުގެ ތެރޭގައި ހިމެނޭ ޓީމެއްގެ ގޮތުގައި ސަމަޕަތު ސިފަ ކުރި އެވެ.

އޭނާ ބުނީ، ބެންގަލޫރު މެޗުން ބަލި ނަމަވެސް އޭގެ އަސަރެއް، މިއަދު ގްރީން ސްޓްރީޓާ ދެކޮޅަށް ކުޅޭ މެޗަށް ނުކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން [ނިއު ރޭޑިއަންޓް] ބެންގަލޫރަށް ދިޔައީ، އެ ޓީމު ހިފަހައްޓައި އެއްވަރު ކޮށްލާކަށް ނޫން، އަޅުގަނޑުމެން ދިޔައީ ބެންގަލޫރު ބަލި ކުރަން އަމާޒު ހިފައިގެން، ހަމަލާތައް އުފައްދައި މަސައްކަތް ކުރީވެސް އެ މެޗުން މޮޅުވާން،" ސަމްޕަތު ކިޔައި ދިނެވެ. "އެހެންވީމަ އެގޮތަށް މަސައްކަތް ކޮށް ބަލީވީމަ، މި މެޗަކަށް އޭގެ އަސަރެއް ނުކުރާނެ، ވަރަށް މަސައްކަތް ކޮށްފަ ވެސް އެ މެޗުން ބަލިވީ، އެއީ ކުޅިވަރުގައި އޮންނާނީ ބަލިވުމާ ދެރަވުން."