ބޮލީވުޑް

ސޯނަމް ކައިވެނިކުރަނީ ސްވިޒަލޭންޑަކު ނޫން، މުމްބާއީގައި

ބޮލީވުޑްގެ ބަތަލާ ސޯނަމް ކަޕޫރް އާއި އަނަންދު އަހޫޖާ އަންނަ މެއި މަހު ކައިވެނިކުރުމަށް އަންނަނީ ތައްޔާރުވަމުންނެވެ. މި ދެ ތަރިން ކައިވެނިކުރާ ތާރީހު މިހާރު ވަނީ ފިލްމުފެއާ އިން ކަށަވަރުކޮށްދީފަ އެވެ. އަންނަ މަހު 6 އަދި 7 ގައި މި ދެތަރިންގެ ކައިވެނީގެ ހަފްލާތައް ކުރިއަށްދާނެ އެވެ.

ސޯނަމް އާއި އަންނަދުގެ ކައިވެންޏާއި ބެހޭގޮތުން ތަފާތު ވާހަކަތައް ދެކެވެމުން ދިޔައިރު އެންމެ ބޮޑު ވާހަކައަކަށް އޮތީ މި ދެ ތަރިންގެ ކައިވެނި ކުރާނީ ސްވިޒަލޭންޑުގެ ޖެނީވާގައި ކަމަށެވެ. ނަމަވެސް މި ދެ ތަރިން ކައިވެނި ކުރާނީ މުމްބާއީގައި ކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ.

މުމްބާއީގައި ބޮޑު ކައިވެނީގެ ހަފްލާއެއް ބޭއްވުމަށް މި ދެ ތަރިންގެ އާއިލާ އިން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. ނިއު ދިއްލީގައިވެސް ކައިވެނީގެ ރިސެޕްޝަނެއް ބޭއްވުމަށް އަންނަނީ ތައްޔާރުވަމުންނެވެ. ދިއްލީއަކީ އަންނަދުގެ އުފަން ސްޓޭޓެވެ.

މި ދެމީހުންގެ ކައިވެންޏަށް ފޭނުން އިންތިޒާރުކުރަމުން އަންނައިރު މި ކައިވެންޏަކީ އާދައިގެ ކައިވެންޏަކަށް ނުވާނެ ކަމަށް ގިނަ ބަޔަކު ދެކެ އެވެ. ހަފްތާއަކަށް ދެމިގެންދާނެ މި ދެ ތަރިންގެ ކައިވެނީގެ ހަފްލާއަށް ގިނަ އަދަދެއްގެ އާއިލާގެ މެމްބަރުންނާއި ރަހުމަތްތެރިން މުމްބާއީއަށް ދާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.