ހޮލީވުޑް

ބާފްޓާ ކްރާފްޓް އެވޯޑްސްގައި "ގޭމް އޮފް ތްރޯންސް"އަށް ހާއްސަ އެވޯޑެެއް ދެނީ

އިނގެރޭސިވިލާތުގެ "ބިރިޓިޝް އެކެޑެމީ އޮފް ފިލްމް އެންޑް ޑެލެވިޜަން އާޓްސް (ބާފްޓާ)" އިން ދެމުން އަންނަ ބާފްޓާ ކްރާފްޓް ޓެލެވިޒަން އެވޯޑްސްގައި އެޗްބީއޯގެ މަޝްހޫރު ސީރީޒް "ގޭމް އޮފް ތްރޯންސް"އަށް ހާއްސަ އެވޯޑެއް ދިނުމަށް ނިންމާފައިވާކަން އިއުލާނުކޮށްފި އެވެ.

ބާފްޓާ ކްރާފްޓް ޓެލެވިޜަން އެވޯޑަކީ ޓީވީ ސީރީޒްތައް އުފެއްދުމަށްޓަކައި ޕްރޮޑަކްޝަންގެ ދާއިރާތަކުން ކޮށްފައިވާ މަސައްކަތްތައް ބަލައިގަނެ ހިތްވަރު ދިނުމުގެ ގޮތުން ދޭ އެވޯޑެކެެވެ. މި އެވޯޑު ދިނުމުގައި ސީރީޒްތަކުގައި ބޭނުންކޮށްފައި ހުންނަ އާޓްސް އާއި ޕްރޮޑަކްޓުގެ ކޮލެޓީ އާއި ފެންވަރު އަދި ސީރީޒްގެ ސަބަބުން އިނގެރޭސިވިލާތުގެ މީހުންނަށް ލިބިފައިވާ ފައިދާތަކަށްވެސް ބަލާނެ އެވެ.

ގޭމް އޮފް ތްރޯންސް ޓީމުގެ ފަރާތުން މި އެވޯޑާއި ހަވާލު ވާނީ އެ ސީރީޒްގައި ގިލީގެ ރޯލުން ފެނިގެންދާ ހެނާ މުރޭ އާއި ސެމްވެލް ޓާލީގެ ރޯލުން ފެނިގެންދާ ޖޯން ބްރޭޑްލީ އެވެ. ބާފްޓާ އިން ބުނީ މި ސީރީޒްއަށް މި އެވޯޑު ދެނީ ސީރީޒްގެ ޕްރޮޑަކްޝަންގެ ހުރިހާ ދާއިރާއަކުން ކޮށްފައިވާ މަސައްކަތްތައް އަގުވަޒަންކުރުމުގެ ގޮތުން ކަމަށެވެ.

މި ސީރީޒްގެ ގިނަ ޝޫޓިންތަކެއް ވަނީ އިނގެރޭސިވިލާތުގެ ބައެއް ގައުމުތަކުގެ ކޮށްފަ އެވެ. އައިލޭންގެ އުތުރުގެ ގިނަ ހިސާބުތަކެއް ސީރީޒް ޝޫޓުކޮށްފައިވެ އެވެ. މި ސީރީޒްގެ ޕްރޮޑަކްޝަން ހެޑްކުއާޓާވެސް ހުންނަނީ އުތުރު އައިލޭންޑުގެ ވެރިކަންކުރާ ރަށް ބެލްފެސްޓުގަ އެވެ.

އެވޯޑާއި ބެހޭގޮތުން މި ސީރީޒްގެ އެގްޒެކެޓީވް ޕްރޮޑިއުސަރުން ކަމަށްވާ ޑީ.ބީ.ވެސް އާއި ޑޭވިޑް ބެނިއޮފް ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، "ފިލްމެއް އަދި ސީރީޒެއް އުފެއްދުމަށް ގިނަ ބަޔަކު ވަރަށް ބުރަ މަސައްކަތްކުރޭ. މިފަދަ އެވޯޑެއް ހައްގުވާ ފިލްމާއި ސީރީޒް އުފެއްދުންތެރިންނާއި އެކްޓަރުންނާއި ލިޔުންތެރިންނާއި ޕްރޮޑިއުސަރުން އަދި ޑައިރެކްޓަރުންވެސް އެބަ ތިބި." ކަމަށެވެ.

"ގޭމް އޮފް ތްރޯންސް"ގެ މޭކިން ވީޑިއޯއެއް.

ބާފްޓާ ކްރާފްޓް ޓެލެވިޜަން އެވޯޑްސް އޮންނާނީ މި މަހު 22 ގައި ލަންޑަނުގަ އެވެ. މި ހަފްލާ ޔޫޓިއުބް އަދި ޓުވިޓާއިން ލައިވް ސްޓްރީމް ކުރާނެ އެވެ.

ކާމިޔާބު ހަތް ސީޒަނެއް މިހާތަނަށް ގެނެސްދީފައިވާ ގޭމް އޮފް ތްރޯންސްގެ ޓީމުން މިހާރު އަންނަނީ މި ސީރީޒްގެ ފަހު ސީޒަން، އަށް ވަނަ ސީޒަންގެ މަސައްކަތް ކުރަމުންނެވެ. ޝޫޓިންތައް މިހާރު ކުރިއަށްދާއިރު ފަހު ސީޒަންގައި ހިމެނެނީ އެންމެ ހަ އެޕިސޯޑެވެ.

ހަތް ކޮއިލުގެ ރަސްކަމުގެ ބޭނުމުގައި ބަޔަކު ކުރާ ހަނގުރާމަ ދައްކުވައިދޭ މި ސީރީޒްގެ ފަހު ސީޒަން ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރު އެވެ. އެޗްބީއޯ އިން މިހާރު އަންނަނީ މި ސީރީޒްގެ ސްޕިން އޮފް ސީރީޒްތަކެއް ތައްޔާރުކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ.