ކުޅިވަރު

މޮނަކޯ ބަލިކޮށް ޕީއެސްޖީ ލީގް ޗެމްޕިއަންކަން ހޯދައިފި

މިދިޔަ އަހަރުގެ ޗެމްޕިއަން މޮނަކާގެ މައްޗަށް 7-1 ގެ ތަފާތު ބޮޑު ނަތީޖާ އަކުން ކާމިޔާބު ހޯދައި، ފްރާންސްގެ ލީގްގެ ޗެމްޕިއަންކަން ޕީއެސްޖީ ހޯދައިފި އެވެ.

މިދިޔަ އަހަރު މޮނަކޯ ލީގް ހޯދީ، ޕީއެސްޖީން ޖެހިޖެހިގެން ހަތަރު ފަހަރު ލީގް ހޯދި ފަހުންނެވެ. އަލުން ލީގް ޗެމްޕިއަން ކަން ހޯދުމަށް ޕީއެސްޖީން ވަނީ އެ ޓީމު ވަރުގަދަ ކޮށްފަ އެވެ. ބާސެލޯނާގައި ހުއްޓައި، ދުނިޔޭގެ ރެކޯޑު އަގައްގައި ޕީއެސްޖީން ނޭމާ އެ ޓީމަށް ގެނެއެވެ.

ލީގް ކާމިޔާބު ކުރުމުގައި ނޭމާގެ ބޮޑު ދައުރެއް އޮތް ނަމަވެސް، މިދިޔަ ފެބްރުއަރީ މަހު ކުރިމަތިވި އަނިޔާއަކާ ގުޅިގެން ސީޒަންގެ ބާކީ ބައި އޭނާ އަށް ވަނީ ނިމިފަ އެވެ. އޭނާ ފިޓްވާނެ ކަމަށް ބެލެވެނީ ވޯލްޑްކަޕު ފެށުމުގެ އެއް ހަފުތާ ކުރިންނެވެ.

މީއީ ޕީއެސްޖީން ލީގް ކާމިޔާބު ކުރި ހަތް ވަނަ ފަހަރެވެ. ފްރާންސް ލީގްގެ އެންމެ ކާމިޔާބު ޓީމަކީ، ސެއިންޓް އެޓީން އެވެ. އެ ޓީމު ވަނީ 10 ފަހަރު ލީގް ކާމިޔާބު ކޮށްފަ އެވެ. މާސެލޭއިން ނުވަ ފަހަރު ލީގް ކާމިޔާބު ކުރި އެވެ.

މޮނަކޯ އޮތީ ތާވަލުގެ ދެ ވަނައިގަ އެވެ. އެ ޓީމާ ޕީއެސްޖީ އާ ދެމެދު މިހާރު 17 ޕޮއިންޓްގެ ބޮޑު ފަރަގެއް އެބައޮތެވެ.

ރޭ ކުޅުނު މެޗުގައި، ޕީއެސްޖީގެ އާޖެންޓީނާގެ ދެ ކުޅުންތެރިން ކަމަށްވާ، އެންހަލް ޑީ މާރިއާ އާއި ޖިއޮވާނީ ލޮސެލްސޯ ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ޖާހަފަ އެވެ. އަނެއް ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ އެޑިންސަން ކަވާނީ އާއި ހޫލިއަން ޑްރެކްސްލާ އެވެ. އަނެއް ލަނޑަކީ މޮނަކޯގެ ކެޕްޓަން ރަޑެމެލް ފަލަކާއޯ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މޮނަކޯގެ ހަމަ އެކަނި ލަނޑު ކާމިޔާބު ކުރީ ރޯނީ ލޯޕްސް އެވެ.