ހަބަރު

ރިޔާސީ އިންތިހާބުގެ ވޯޓު ފޮށި ބަހައްޓާ ތަންތަން ކަނޑައަޅައިފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓުލާ ފޮށި ބަހައްޓާނެ ތަންތަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅައިފި އެވެ. އަންނަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ނުވަތަ އޮކްޓޯބަރު ކުރީ ކޮޅު މިއަހަރުގެ ރިޔާސީ އިންތިހާބު ބޭއްވުމަށް އީސީން މަސައްކަތްކުރަމުންދާއިރު ކުރިން އަހަރެކޭވެސް އެއްގޮތަށް ދިވެހިން ދިރިއުޅޭ ބޭރުގެ ބައެއް ގައުމުތަކުގައި ވެސް ވޯޓު ފޮށި ބަހައްޓާނެ އެވެ.

"އަވަސް" އަށް މައުލޫމާތު ދެއްވަމުން އިލެކްޝަން ކޮމިޝަންގެ މެންބަރު އަދި ތަރުޖަމާން އަހުމަދު އަކްރަމް ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ވޯޓުފޮށި 200 އަށް ވުރެ މަތިން މީހުން ރަޖިސްޓްރީކުރާ ކޮންމެ ރަށެއްގައި ބަހައްޓާނެ ކަމަށެވެ. އަދި މި އަދަދަށް ދިވެހިން ހަމަވާ ގައުމުތަކުގެ ތެރޭން ސްރީލަންކާ، އިންޑިއާ، ސިންގަޕޯ، މެލޭޝިއާ އަދި އިނގިރޭސިވިލާތުގައި ވެސް ފޮށިތައް ބަހައްޓާނެ ކަމަށެވެ. މި ގައުމުތަކުގައި ވޯޓު ފޮށި ބަހައްޓާނީ ކުރިންވެސް ފޮށިތައް ބަހައްޓަމުން އައި ސިޓީ ނުވަތަ ސަރަހައްދުތަކުގަ އެވެ. ނަމަވެސް އިންޑިއާގައި ވޯޓުފޮށި ބަހައްޓަން ކަނޑައަޅާ ސަރަހައްދުތަކުގެ ލިސްޓަށް މިއަހަރު ބެންގަލޫރު އިތުރުކުރާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.

މީގެ އިތުރުން ވެސް ރާއްޖޭގެ ޖަލުތަކާއި ވޯޓުލާ 100 އަށްވުރެ މަތިން މީހުން ރަޖިސްޓްރީކުރާ ރިސޯޓްތަކާއި ސިނާއީ ރަށްރަށުގައި ވެސް ވޯޓުފޮށި ބަހައްޓަން ނިންމާފައިވާ ކަމަށް އަކްރަމް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ވޯޓުފޮށި ބަހައްޓާތަންތަން ކަނޑައަޅާފައިވާއިރު، އީސީން ބުނީ މިފަހަރުގެ އިންތިހާބަށް ވަގުތު އޮއްވައި ހުރިހާކަމެއް ވެސް ނިންމަން މަސައްކަތް ކުރާނެ ކަމަށެވެ.