ހަބަރު

ރިޔާޒު ހުރީ ރަހީނުކޮށްފައި، އިންސާފު ލިބޭކަށް ނެތް: އިދިކޮޅު

ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ބަންދުގައި ބަހައްޓަން ނިންމި މައްސަލަ ކޯޓު މެދުވެރިކޮށް އަލުން މުރާޖާ ކޮށްދިނުމަށް އެދި އޭނާގެ އާއިލާގެ ފަރާތުން ޕްރޮސެކިއުޓާ ޖެނަރަލްގެ އަރިހުގައި އެދި، ރިޔާޒަށް އިންސާފު ހޯދައިދޭން މަސައްކަތްތަކެއް ކުރަމުންދާއިރު ވެސް ސަރުކާރުން އަމަލުކުރާ ގޮތުން އިންސާފު ހޯދޭނެ މަގު ރިޔާޒަށް ބަންދުވެފައިވާ ކަމަށް އިދިކޮޅު ޕާޓީތަކުން ބުނެފި އެވެ.

ރިޔާޒު ބަންދުގައި ހުރި މައްސަލަ ކުއްވެރިކޮށް އިދިކޮޅު ޕާޓީތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީތު ވިދާޅުވީ، ކޯޓުގެ ތެރެއިން އިންސާފު ލިބުން ރިޔާޒަށް ފަހިވެގެން ނުދާތީ އެކަމާ ކަންބޮޑުވާ ކަމަށެވެ. ރިޔާޒަށް އިންސާފު ހޯދަދޭން އާއިލާއިން މިހާތަނަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށް އަމީތު ވިދާޅުވި އެވެ. އެގޮތުން ރިޔާޒުގެ ބަންދު ރިވިއުކުރަން ޕީޖީގައި އެދިފައިވާއިރުވެސް މިހާތަނަށް ވެސް އެފަދަ ޝަރީއަތެއް ނުބާއްވައި އެކަން ވެސް ދިގު ދައްމަމުން ގެންދާތީ އަމީތު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރިޔާޒުގެ މައްސަލަ އެޗްއާރްސީއެމަށް ހުށަހެޅުމުން އެ އިދާރާއިންވެސް އެކަމަށް މާބޮޑު ސަމާލުކަމެއް ނުދެ އެވެ. އެހެންކަމުން ރިޔާޒަށް އިންސާފު ހޯދަން ކުރަމުންދާ މަސައްކަތްތަކަށް ކުރިއެރުމެއް ނުލިބި އެ ފުރުސަތު ވަރަށް ބޮޑަށް ބަންދުވެފައިވާކަމަށް އަމީތު މިއަދު ވިދާޅުވި އެވެ.

ރިޔާޒު މިހާޜު ހުރީ މުއްދަތެއް ނެތްގޮތަށް އޭނާގެ މައްޗަށް ކޮށްފައިވާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާފަ އެވެ. އޭނާގެ މައްޗަށް މިހާރު ހިންގަމުންދާ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާ އެވެ. ނަމަވެސް ބަންދު މުއްދަތު ޖެހުމަށް ބޭއްވި އެ އަޑު އެހުމަކީ ރިޔާޒަށް ވަކީލަކު ހޯދަން ދިން ފަސް ދުވަހުގެ މުއްދަތު ހަމަނުވަނީސް ބޭއްވި އަޑުއެހުމެއް ކަމަށް ފާހަގަކޮށް މިއަދުގެ ޕްރެސްގައި ވާހަކަ ދެއްކެވި ހުރިހާ ބޭފުޅުން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.

" ވާ ނުވާ ނާންގައި ބަންދުގައި ގިނަ ދުވަސްތަކަށް ބެހެއްޓުމަށްފަހު ކޯޓަށް ހާޒިރުކޮށް، މާކުރިން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައި ރިޔާޒާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅޭގޮތުން ބަންދުކުރެވިގެން ދިޔަކަމަށް މައުލޫމާތު ލިބުނީ. އެ ދުވަހުން ފެށިގެން ވަކީލަކު ހޯދަން ފުރުސަތު ދިން ނަމަވެސް 18 މާޗްގަ ވަކީލަކު ހަމަޖައްސަން ދިން މުއްދަތު ހަމަ ނުވަނީސް ކޯޓަށް ހާޒިރުކޮށް މުއްދަތެއް ނެތް ގޮތަށް ބަންދު ކުރީ. މިއީ އިންތިހާއަށް ކަންބޮޑުވާ ކަމެއް. އަދި މިހާރު ފުރަތަމަ އެ މައްސަލަ ބެއްލެވި ގާޒީ ވެސް ވަނީ ބަދަލުވެފައި. ކޯޓުގެ ތެރޭގައި ހަމަޖެހިފައި އޮންނަ އުސޫލުތަކުގެ ބޭރުން ޝަރީއަތްތައް ހިންގަމުން ދިއުމަކީ ވެސް ދެވޭ ވަރަށް ބޮޑު އަނިޔާއެއް،" އަމީތު ވިދާޅުވި އެވެ.

މިއަދުގެ ބައްދަލުވުމުގައި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވީ، ފުލުހުން ރިޔާޒު ހައްޔަރުކުރީވެސް ގާނޫނާ ހިލާފަށް ކަމަށެވެ. އަދި މިހާތަނަށް ރިޔާޒާ މެދު އަމަލުކޮށްފައިވާ ގޮތުން ރިޔާޒުގެ ބަންދު ބޮޑަށް ވައްތަރީ ރަހީނުކުރުމާ ކަމަށެވެ.

"ކުއްލި ނުރައްކަލުގެ ތެރޭގައި ވެސް ހިފެހެއްޓިފައިވާ ގާނޫނުތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒުތަކުގެ ގާނޫނެއް ނެތް. އެ ގާނޫނުގެ 13 ވަނަ މާއްދާގައި ބުނާ ގޮތުން މަޖިލީހުގެ މެންބަރަކު ހައްޔަރުކުރަން ޖެހޭނީ ކޯޓު އަމުރެއްގެ ދަށުން. ކުށެއް ކުރަނިކޮށެއް ނޫން ރިޔާޒު ހައްޔަރުކުރީ. ކުށުގެ މަހައްލަކުންނެއް ވެސް ނޫން. އެހެންވީމަ އެ ގާނޫނު ސަސްޕެންޑް ނުކުރާހާ ހިނދަކު އެ ގާނޫނުގެ ދަށުން ލިއްބައިދޭ ހައްގުތައް ވެސް ހޯދަދޭންޖެހޭނެ،" އަލީ ހުސައިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، "ބާތިލް ކަމެއްގެ ބައްޗަށް ތަރުތީބުވެގެން އަންނަ ކޮންމެ ކަމަކީ ބާތިލުކަމެއް" ކަމަށެވެ.

އެއްވުމެއްގެ ތެރެއިން ހައްޔަރުކުރި ރިޔާޒަށް ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކުރާ ތުހުމަތަކީ ދުރާލާ ރާވައިގެން ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތެވެ.