ހަބަރު

ވޯޓް ކަރުދާހުގައި ނަޝީދުގެ ނަމެއް ނޯންނާނެ: ޝައިނީ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނަން އަންނަ ރިޔާސީ އިންތިހާބުގެ ވޯޓް ކަރުދާހުގައި ނޯންނާނެ ކަމަށް ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

ޝައިނީ މިގޮތަށް ވިދާޅުވީ، އިންިތިހާބުތަކުގައި ވާދަކުރުމުގެ ހައްގު ރައީސް ނަޝީދަށް ލިބެން ޖެހޭނެ ކަމަށް ނިންމައި އެ ހައްގު އިއާދަކުރަން ޔޫއެން ހިއުމަން ރައިޓްސް އޮފީހުން ދިވެހި ސަރުކާރަށް ގޮވާލުމާއި ގުޅިގެން ނެވެ.

މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ނަޝީދުގެ ނަން މިއަހަރުގެ ރައީސުލްޖުމްހޫރިއްޔާ ހޮވުމުގެ ވޯޓް ކަރުދާހުގައި ނޯންނާނެ ކަން ތަކުރާރުކޮށް ދަންނަވާ ކަމަށެވެ. އަދި ވިދާޅުވީ، ނަޝީދުގެ ނަން އޮންނަން ޖެހޭ އެއްވެސް ގޮތެއް ގާނޫނު އަސާސީ އަދި އޭގެ ދަށުން ހެދިފައިވާ ގާނޫނު ނުވަތަ ގަވާއިދުގައިވެސް ނެތް ކަމަށެވެ.

މިނިސްޓަރު ޝައިނީ މިގޮތަށް ވިދާޅުވި އިރު ދިވެހި ސަރުކާރުންވެސް ވަނީ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމެޓީން ނިންމި ނިންމުމަކީ ސަރުކާރުން ހުށަހެޅި ކަންކަމަށް ރިއާޔަތް ކުރުމެއް ނެތި ނިންމާފައިވާ ނިންމުމެއް ކަމަށާއި އެ ނިންމުން ބަލައިނުގަންނާނެ ކަމަށް ބުނެފަ އެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނީ، ރާއްޖޭގެ ގާނޫނުތަކާއި ބައިނަލްއަގްވާމީ މުއާހަދާތަކުގައި ބުނެފައިވާ ހުރިހާ ހައްގުތަކެއް ނަޝީދުގެ މައްސަލާގައި ދީފައިވާނެ ކަމަށެވެ. އަދި ނަޝީދު 13 އަހަރަށް ޖަލަށް ލުމަށް ނިންމާފައިވަނީ ރަނގަޅަށް ކަމަށާއި ސުޕްރީމް ކޯޓުން އެހުކުމް ދަމަހައްޓާފައިވުމުން އެކަން ސަރުކާރުން ބަލައިގަންނަ ކަމަށް ބަޔާނުގައި ވެއެވެ.

ބަޔާނުގައި ވަނީ، ނަޝީދުގެ މައްސަލަ ހިނގާ ދިޔަގޮތް ސަރުކާރުން އދ.ގެ ކޮމިޓީއަށް ހުށަހަޅާފައިވާނެ ކަމަށާއި ނަމަވެސް ނަޝީދުގެ މައްސަލާގައި ކޮމެޓީން ނިންމި ނިންމުމަކީ ސަރުކާރުން ހުށަހެޅި ކަންކަމަށް ރިއާޔަތް ކުރުމެއް ނެތި ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

ނަޝީދަކީ މިވަގުތު ޖަލު ހުކުމެެއް ތަންފީޒު ކުރަމުން ގެންދަވާ ފަރާތެއް ކަމަށާއި ނަޝީދަށް އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ދިނުމަށް ރާއްޖޭގެ ގާނޫނު ތަން ނުދޭ ކަމަށެވެ. އަދި ނަޝީދަށް އިންތިހާބުގައި ވާދަ ކުރެވޭނެ ކަން ނިންމޭނީ ސުޕްރީމް ކޯޓަށް ކަމަށްވެސް ބަޔާނުގައި ވެއެވެ.

ޔޫއެން ހައިކޮމިޝަނާ ފޯ ހިއުމަން ރައިޓްސް ޒައިދު ރައަދު ހުސައިންގެ އޮފީހުން މިއަދު ބުނީ ނަޝީދަށް އިންތިހާބުތަކުގައި ވާދަކުރުމުގެ ފުރުސަތު ދޭން ޖެހޭނެ ކަަމަށް ނިންމީ އެމަނިކުފާނު 2013 ވަނަ އަހަރާއި 2016 ވަނަ އަހަރު ހުށަހެޅުއްވި ޝަކުވާތަކެއް ބެލުމަށް ފަހު ކަމަށެވެ.

އެގޮތުން ބެލި ބެލުމުން އެނގުނީ ނަޝީދުގެ މައްޗަށް ހިންގާފައި ވަނީ އިންސާފުވެރި ޝަރީިއަތެއް ނޫންކަން ކަމަށާއި އެހެންވީމާ އިންތިހާބުތަކުގައި އަދި ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރުމުގެ ހައްގު ދޭން ޖެހޭނެ ކަމަށް ޔޫއެން ހިއުމަން ރައިޓްސްގެ ވެބްސައިޓުގައި މިއަދު ޖެހި ލިއުމުގައި ބުނެފައި ވެއެވެ. ނަޝީދުގެ މައްްސަލަ ބެލުމުން ފާހަގަ ކުރެވުނު މައްސަލަތައް ލިއުމުގައި ބަޔާންކޮށްފައި ވެއެވެ.

އެގޮތުން ފާހަގަކޮށްފައިވާ އެއް ކަމަކީ ނަޝީދުގެ ޝަރީއަތް ހިންގާފައި ވަނީ އިންސާފުވެރި ޝަރީއަތެއް ލިބިދިނުމަށް ގާއިމްކޮށްފައިވާ ބައިނަލް އަގުވާމީ މުއާހަދާއާ ހިލާފު ގިނަ ކަންތައްތަކެއް އެކުލެވޭ ގޮތުން ކަމަށް ވުމެވެ.

އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ދިނުމުގެ އިތުރަށް ނަޝީދުގެ މައްސަލަ އަލުން ބަލައި އާ ޝަރީއަތެއް ހިންގުމަށް ވެސް ޔޫއެން ހިއުމަން ރައިޓްސް އޮފީހުން ވަނީ ގޮވާލާފައެވެ.