ކުޅިވަރު

ގްރީން އާ ދެކޮޅަށް ނިއުއަށް ބޮޑު މޮޅެއް

ގްރީން ސްޓްރީޓްގެ މައްޗަށް 6-1 ގެ ތަފާތު ބޮޑު ނަތީޖާ އަކުން ކާމިޔާބު ހޯދައި، އެއް މެޗު ބާކީ އޮއްވައި ތާވަލުގެ އެއް ވަނަ އަށް ޖެހި ލައިފި އެވެ.

މެޗުގެ ވަރަށް ކުރީ ކޮޅު ނިއު އިން ވަނީ ލީޑް ނަގައި ލީޑް ފުޅާވެސް ކޮށްފަ އެވެ. މެޗު ފެށިގެން ހަތް ވަނަ މިނެޓްގައި، އަޝްފާގް ވަނީ ނިއު އަށް ގްރީންގެ ގޯލް ހުޅުވާލަ ދީފަ އެވެ. އޭގެ ފަސް މިނެޓް ފަހުން ގްއިލެމް މާޓީ ވަނީ، ނިއުއަށް ލީޑް ނަގައިދީފަ އެވެ.

މެޗުގެ 19 ވަނަ މިނެޓްގައި، ގްރިންގެ ރޮސޭލް ރަސަލް ވަނީ، ގްރީން އަށް ލަނޑު ކާމިޔާބު ކޮށް އެ ޓީމަށް ހިތްހަމަ ޖެހުމެއް ގެނެސްދީފަ އެވެ. ނަމަވެސް ނަތީޖާގެ ފަރަގު ބޮޑު ކުރަން ނިއު އަށް ބޭނުންވީ 13 މިނެޓެއް ހާއިރު އެވެ. މާޓީ ވަނީ އޭނާގެ ދެ ވަނަ ލަނޑުން، ނިއު އަށް ދެ ލަނޑުގެ ލީޑެއް ނަގައިދީފަ އެވެ.


ނިއުގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކުރީ އަޝްފާގެވެ. އޭނާ ލަނޑު ޖެހީ 56 ވަނަ މިނެޓްގައެވެ.

ދެ ވަނަ ހާފުގައި، ލަނޑު ޖެހުމަށް ނިއު އަށް އިތުރު ފުރުސަތު ތައް ލިބިގެން ދިޔަ އެވެ. އަޝްފާގް ކީޕަރުކައިރިން ނައްޓާލައި ހެޓްރިކު ހަދަންވެސް ފުރުސަތު ތަނަވަސް ކުރި އެވެ. ނަމަވެސް އެ ބޯޅައަށް ހުރަސް އެޅީ ގްރީންގެ އެހެން ކުޅުންތެރިންނެވެ. ނިއު އިން ފޮނުވާލި ހަމަލާއެއް ގޯލްގެ ދަނޑިއަށްވެސް އަމާޒުވި އެވެ.

ފަސް ވަނަ ލަނޑު ޖަހައި، ނިއުގެ ލީޑް ފުޅާ ކޮށްދިނީ، ސެންޓޭ އެވެ. އެ ލަނޑު ވަނުމުގައި ގްރީންގެ ކީޕަރު ސާޖީ ސްމޮރޯޑިން އަށް ހެދުނު މިސްޓޭކު ފާޙަގަވި އެވެ. ބޯޅަ ގޯލަށް ވަނީ އޭނާ އަށް ރަނގަޅަށް ދިފާއު ނުކުރެވި، އޭނާގެ އަތުގައި ޖެހިފަ އެވެ. ނިއުގެ ހަ ވަނަ ލަނޑު 92 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ހަމްޒާ މުހައްމަދު (ހަމްޕް) އެވެ.

ގްރީން ސްޓްރީޓްގެ ކޯޗު އަލީ ސުޒޭން ބުނީ، ތަފާތު ބޮޑު ނަތީޖާއަކުން ބަލިވުމުން ކުޅުންތެރިންނަށް އޭގެ އަސަރު ކުރުން އެކަށީގެންވާ ކަމަށެވެ. ނަމަވެސް އެ ހާލަތުން ގްރީންއަށް އަރައި ގަނެވޭނެ ކަމުގެ އިތުބާރު އޭނާ އަށް އެބަ އޮތެވެ.