ހަބަރު

ނަޝީދުގެ މައްސަަލާގައި އދ. ގެ ނިންމުން ބަލައެއް ނުގަންނަން: ސަރުކާރު

ކުރީގެ ރައީސް މުހައްމަދު ނަޝިދު އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރެވެން ޖެހޭނެ ކަމަށް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމެޓީން ނިންމި ނިންމުން ބަލައި ނުގަނެވޭނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ޔޫއެން ހައިކޮމިޝަނާ ފޯ ހިއުމަން ރައިޓްސް ޒައިދު ރައަދު ހުސައިންގެ އޮފީހުން މިއަދު ބުނީ އިންތިހާބުތަކުގައި ވާދަކުރުމުގެ ހައްގު ރައީސް ނަޝީދަށް ލިބެން ޖެހޭނެ ކަމަށް ނިންމައި އެ ހައްގު އިއާދަކުރަން ދިވެހި ސަރުކާރަށް ޖެހޭ ކަމަށެވެ. ނަޝީދަށް އިންތިހާބުތަކުގައި ވާދަކުރުމުގެ ފުރުސަތު ދޭން ޖެހޭނެ ކަަމަށް ނިންމީ އެމަނިކުފާނު 2013 ވަނަ އަހަރާއި 2016 ވަނަ އަހަރު ހުށަހެޅުއްވި ޝަކުވާތަކެއް ބެލުމަށް ފަހު ކަމަށެވެ.

އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ، ރާއްޖޭގެ ގާނޫނުތަކާއި ބައިނަލްއަގްވާމީ މުއާހަދާތަކުގައި ބުނެފައިވާ ހުރިހާ ހައްގުތަކެއް ނަޝީދުގެ މައްސަލާގައި ދީފައިވާނެ ކަމަށެވެ. އަދި ނަޝީދު 13 އަހަރަށް ޖަލަށް ލުމަށް ނިންމާފައިވަނީ ރަނގަޅަށް ކަމަށާއި ސުޕްރީމް ކޯޓުން އެހުކުމް ދަމަހައްޓާފައިވުމުން އެކަން ސަރުކާރުން ބަލައިގަންނަ ކަމަށް ބަޔާނުގައި ވެއެވެ.

ބަޔާނުގައި ވަނީ، ނަޝީދުގެ މައްސަލަ ހިނގާ ދިޔަގޮތް ސަރުކާރުން އދ.ގެ ކޮމިޓީއަށް ހުށަހަޅާފައިވާނެ ކަމަށާއި ނަމަވެސް ނަޝީދުގެ މައްސަލާގައި ކޮމެޓީން ނިންމި ނިންމުމަކީ ސަރުކާރުން ހުށަހެޅި ކަންކަމަށް ރިއާޔަތް ކުރުމެއް ނެތި ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

ނަޝީދަކީ މިވަގުތު ޖަލު ހުކުމެެއް ތަންފީޒު ކުރަމުން ގެންދަވާ ފަރާތެއް ކަމަށާއި ނަޝީދަށް އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގރ ފުރުސަތު ދިނުމަށް ރާއްޖޭގެ ގާނޫނު ތަން ނުދޭ ކަމަށެވެ. އަދި ނަޝީދަށް އިންތިހާބުގައި ވާދަ ކުރެވޭނެ ކަން ނިންމޭނީ ސުޕްރީމް ކޯޓަށް ކަމަށްވެސް ބަޔާނުގައި ވެއެވެ. ބަޔާނުގައި އެހެން ބުނީ ގާނޫނުއަސާސީގެ 113 ވަނަ މާއްދާއަށް ރިއާޔަތްކޮށްފަ އެވެ.

އެމާއްދާގައި ވަނީ، ރައީސް ކަމަށް ކުރިމަތިލާ ބޭފުޅާގެ ޝަރުތުތަކާމެދު ސުވާލު އުފެދިއްޖެ ނަމަ އެކަމުގައި ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުން ކަމަށެވެ.

"ނަޝީދަށް ވަނީ 13 މާޗް 2015 ގައި 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި، އެހެން ކަމުން އަންނަ ރިޔާސީ އިންތިހާބުގައި ނަޝީދަށް ބައިވެރިއެއް ނުވެވޭނެ،" ބަޔާނުގައި ވެއެވެ.

ބަޔާނުގައި ވަނީ، ގާނޫނާ ހިލާފަށް ފަނޑިޔާރަކު ހައްޔަރުކުރި ކަމަށް އެތައް ފަހަރެއްގެ މަތިން ނަޝީދު އެއްބަސްވެ ވަޑައިގެންފައިވާ ކަމަށެވެ. އަދި ފަނޑިޔާރު ހައްޔަރު ކޮށްފައިވަނީ ނަޝީދުގެ އެދުމުގެ މަތީން ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވާ ކަމަށެވެ. އެ މައްސަލާގައި ނަޝީދު މައްޗަށް ދައުވާކުރީ އެމަނިކުފާނު އައްޔަން ކުރެއްވި ޕްރޮސެކިއުޓާ ޖެނެރަލެއް ކަމަށް ވެސް ބަޔާނުގައި ވެއެވެ.

ބަޔާނުގައި އިތުރަށް ވަނީ، ކުރިއަށްއޮތް ރިޔާސީ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ހެދުމަށް ރާއްޖެ އާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކާއިއެކު މަސައްކަތް ކުރުމަށް ދިވެހި ސަރުކާރުން ތައްޔާރަށް އޮތް ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގެ ކަންކަން ގާނޫނު އަސާސީ އާއި ގާނޫނުުތަކާ އެއްގޮތަށް، މިނިވަން އިންސާފުވެރި އިންތިހާބަކަށް ހަދާނެކަމުގެ ޔަގީންކަން ދޭކަމަށް ވެސް ބަޔާނުގައި ބުނެފައި ވެެއެވެ.