އެސްޓީއޯ މާލޭ ލީގުގައި ފަހަތުން އަރައި ކްލަބް ވެލެންސިއާ 1-2 ބަލިކޮށް ވިކްޓްރީއިން ލީގުގެ ގަދަ ހަޔެއްގައި ނިންމާލުމުގެ ފުރުސަތު ބޮޑު ކޮށްފި އެވެ.
ވިކްޓްރީ މިހާރު އޮތީ ލީގު ތާވަލުގެ ފަސް ވަނަ މަގާމުގައި ނުވަ ޕޮއިންޓާއެކު އެވެ. ދެވަނަ މަގާމުގައި އޮތް އީގަލްސް އާއި ވިކްޓްރީ އާއި ދެމެދު އޮތީ ދެޕޮއިންޓުގެ ތަފާތެކެވެ. ކްލަބް ވެލެންސިއާއަށް ބަލާއިރު އެޓީމު ލީގު ތާވަލުގެ ފުލުގައި އޮތީ އެންމެ ޕޮއިންޓަކާއެކު އެވެ. މިމެޗުން ބަލިވުމާއެކު ވެނެލްސިއާއަށް ދިވެހި ލީގަށް ކޮލިފައިވުމަށް މިވަނީ ބޮޑު ހުރަހަކާ ކުރިމަތިވެފަ އެވެ. މިއަހަރުގެ ދިވެހި ލީގަށް ކޮލިފައިވަނީ މާލޭ ލީގު ގަދަ ހަ ޓީމެވެ.
މެޗު ފަށައިގެން ވިކްޓްރީއިން ރަނގަޅަށް ކުޅުނު ނަމަވެސް މެޗުގެ ފުރަތަމަ ގޯލް ޖަހާ ކުރި ހޯދީ ވެލެންސިއާއިންނެވެ. 33 ވަނަ މިނިޓުގައި މިގޯލް ޖެހީ އެޓީމުގެ ޔޫކްރެއިން ފޯވާޑް ޑްރިގާ ސާގީ އެވެ. އޭރިއާ ބޭރުން ލިބުނު ބޯޅަ ޑްރިގާ ގޯލަށް ވައްދާލީ އެބޯޅަ ހޯދަން ދުވެފައި ނިކުތް ވިކްޓްރީ ކީޕަރު އިމްރާން ކާރިން ނައްޓާލުމަށްފަހު އެވެ.
ފުރަތަމަ ހާފުގައި ވިކްޓްރީއަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު ލިބުނީ އަހުމަދު ނާޝިދު (ނާއްޓޭ) އަށެވެ. އޭނާ ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބާރު ހަމަލާ ވެނެލްސިއާ ކުޅުންތެރިއެއް ފައިގައި ޖެހިފައި ދިޔައީ އަރިމަތީ ދަނޑި ކާރިން ބޭރަށެވެ.
ލިބުނު ކޯނަރުން އޭންހަލް ކަރަސްކޯ މުނޯޒަ ނަގައިދިން ބޯޅަ ލިބުނީ ފާޕޯސްޓަށް ވަދެ ހުރި ޕެޑްރޯއަށެވެ. ނަމަވެސް މުޅިން ހުސްކޮށް ހުރެ އޭނާ ބޮލުން ފޮނުވާލި ހަމަލާ ގޯލާ އަމާޒުވާ ގޮތެއް ނުވި އެވެ.
ދެވަނަ ހާފު ފަށައިގެން މާގިނަ އިރެއް ނުވެ ވިކްޓްރީއިން ބަދަލެއް ގެނަ އެވެ. އަހުމަދު ރަޝީދު (އައްމަޑޭ) ބޭލުމަށްފަހު ވިކްޓްރީއިން ކުޅުން އެރުވީ ބިދޭސީ ފޯވާޑް ސިމޮން ޓިބޯ އެވެ. ސިމޮން ކުޅެން ނިކުތްތާ މާގިނަ އިރެއް ނުވެ އޭނާ ވިކްޓްރީއަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނެވެ. މިގޯލް ފެނިގެންދިޔައީ 60 ވަނަ މިނިޓުގަ އެވެ.
އޭންހަލް މުނޯޒް ނާއްޓޭއަށް ކުޅުނު ބޯޅަ ނާއްޓޭ ޖައްސާލީ އޭރިއާ ތެރޭގައި ހުރި ސިމޮންއަށެވެ. ސިމޮން ވަނީ ކާރިއަށް އައި ޑިފެންޑަރު ކާރިން ބޯޅަ ހިފަހައްޓާލުމަށްފަހު ބާރު ހަމަލާއެއް ފޮނުވާލާފަ އެވެ. މިހަމަލާ ގޯލަށް ވަނީ ވެލެންސިއާ ކީޕަރު ޖުން ފައިގައި ޖެހިފަ އެވެ.
ފުރަތަމަ ހާފުގައިވެސް ގިނަ ވަގުތު ބޯޅަ ހިފހައްޓައިގެން ރަނގަޅަށް ކުޅުނު ވިކްޓްރީ މެޗުގެ ނަތީޖާ އެއްވަރުކުރުމާއެކު ވަރަށް ބޮޑަށް އެޓޭކް ވަރުގަދަ ކުރި އެވެ. ނަތީޖާއަކަށްވީ މެޗުގެ 71 ވަނަ މިނިޓުގައި އޭންހަލް މުނޯޒް ވެލެންސިއާގެ ކުޅުންތެރިއެއް ކާރިން ނައްޓާލުމަށްފަހު އަރިމަތިން އޭރިއާ ތެރެއަށް ވަނުމުން މުހައްމަދު ނިޒާމް (ޕީކޭ) އޭންހަލް ވައްޓާލުމެވެ. ރެފްރީ ދިން ޕެނެލްޓީ ޖެހީ ވިކްޓްރީގެ ޕެޑްރޯ އެވެ. އޭނާ ގޯލްގެ ތިރީ ކަނަށް ފޮނުވާހި ބޯޅަ ގޯލަށް ވަނީ ވެލެންސިއާ ކީޕަރު ޖުން އަތުގައި ޖެހިފަ އެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ވިކްޓްރީގެ ކޯޗު ލާސްލޯ ކިސް ބުނީ އޭނާގެ ކުޅުންތެރިން ވަރަށް ރަނގަޅަށް ކުޅުނު ކަމަށާއި މެޗުގައި ފަހު 30 މިނިޓު އޭނާގެ ކުޅުންތެރިން ދެއްކި ކުޅުމާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ.
ވެލެންސިއާގެ ކޯޗު ސޯބާހް މުހައްމަދު ބުނީ އެނާގެ ޓީމުން މެޗު ފެށީ ވަރަށް ރަނގަޅަށް ކަމަށާއި ޑިފެންސް ލައިނުގައި ގޯސްތަކެއް ހެދުމުން ގޯލްތަކެއް ވަދެގެންދިޔައީ ކަމަށެވެ. އިތުރަށް ވާހަކަ ދައްކަމުން ސޮބާ ބުނީ ގަދަ ހަޔެއްގެ އުއްމީދު ނުގެއްލޭ ކަމަށާއި އޭނާ ކުރާ މަސައްކަތް މީހުން ފާޑު ކިޔަސް ހުއްޓާނުލާނެ ކަމަށެވެ.