(15 އޭޕްރީލް 2018 އާ ގުޅޭ) -- ސުވާލުގެ ނަޒަރަކުން އަރްސަލްއަށް ބަލަން ހުއްޓާ ނިމްރާގެ ހިކަނދި މަސްގަނޑުގައި އަރްސަލް ހިފާލުމާއެކު އޭނާގެ ކޮޓަރިއަށް ނިމްރާ ވެއްދިއެވެ.
"ކީއްކުރަންތަ ތި..." ނިމްރާއަށް ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. އަރްސަލް ކޮޓަރީގެ ދޮރުފަތް ލައްޕާލުމާއެކު އެތެރެ ފަރާތުން ދޮރުގައި ވައަތްތިލަ ވިއްދާލައިގެން އެއްފައި މައްޗަށް ބުރަވެލިއެވެ.
"ގިވް އެންޑް ޓޭކް... ފުރުޞަތެއް" ނިމްރާގެ ބޮލުން ފެށިގެން އޭނާގެ ހަށިގަނޑަށް ނަޒަރު ހިންގަމުން އަރްސަލް ބުނެލިއެވެ.
އަރްސަލް ބުނި އެއްޗެއް މާނަ ކުރާކަށް ނިމްރާއަކަށް ނޭނގުނެވެ. އޭނާ އަދިވެސް ބަލަން ހުރީ ހައިރާންކަންމަތީއެވެ. އެހެންނަމަވެސް އަރްސަލްގެ ރުޅިވެރިކަން އެހެން ސިފައެއް ޚިޔާރުކުރަން އުޅޭހެން އޭނާއަށް ހީވިއެވެ. އަރްސަލްގެ ބެލުމުގައި ކުރީން ހުރި ރުޅިވެރިކަމެއް ނުފެނެއެވެ. އޭގެ ބަދަލުގައި އޭނާގެ ދެ ލޮލުން ފާޅުވަނީ ތަފާތު ޝައުގުވެރިކަމެކެވެ.
"އަހަރެން ބޭނުންވަނީ ހަމައެކަނި އެ ގެއަށް ވަދެލަން... އެންމެ ފަހުފަހަރަށް" އަނެއްކާ ވެސް ނިމްރާގެ ބޭނުން އަރްސަލްއަށް އޮޅުން ފިލުވައިދިނުމުގެ ބޭނުމުގައި ތަކުރާރުކޮއްލިއެވެ.
"މި އެނދުގައި އަހަންނާއެކު މިރޭ ނިދާފައި ހެނދުނު ހޭލައިގެން އަހަރެން ކަލޭ ގޮވައިގެން ހިނގައިދާނަން އެގެއަށް" އަރްސަލް ބުނެލިއެވެ. ނިމްރާއަށް އަޑުއިވުނު އެއްޗެއް ޔަގީންނުވެފައި ހުރިހެން އަރްސަލްއަށް ބަލަން އޭނާ ހުރީ އާގަމަވެފައެވެ.
"ކިހިނެއްވީ؟ އެއީ ކަލެއަށް އާކަމަކަށްނުވާނެއެއްނު" ނިމްރާ އަނގައިން ނުބުނެ ހުންނަން ފެށުމުން އަރްސަލް ބުނެލިއެވެ. މިފަހަރު ނިމްރާގެ މޫނުން ފާޅުވެގެން ދިޔަ އަސަރުތަކެއް އަރްސަލްއަށް ވެސް ނަގައިގަންނާކަށް ނޭނގުނެވެ. އަރްސަލްގެ ވާހަކައިން ނިމްރާ ޖެހިލުންވެފައި ހުރިވަރު އެ މޫނުގައި ސާފުކޮށް ފެންނަން ހުއްޓެވެ. އެއްޗެއް ބުނަން ނުބުނަން އުޅޭހެން އެ ތުންފަތުގެ ހަރަކާތުން ހީވެއެވެ. ހައިރާންކަމުގެ އިތުރުން އެހެން އަސަރުތަކެއް ވެރިވެ ބޮޑުވެފައިވި ދެ ލޮލުގެ އެސްފިޔަތައް ތިރިކޮއްލާ ނިމްރާ އިސްޖަހާލިއެވެ.
ނިމްރާއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުމާއެކު ކަނާތުން ވައަތުގެ އުޅަންބޮއްޓާ ހަމާގައި ހިފަހައްޓާލައި ބާރުކޮއްލެވުނެވެ. ކުއްލިއަކަށް އެ ސިކުނޑިއަށް އައީ މިއުވާނުގެ ޚިޔާލުތަކެވެ. ލޯބިކަމުގައި ހީކުރެވި މިއުވާނާއެކު ހިންގިފައިވާ ގާތް ގުޅުމުގެ މަތީން ހަނދާންވުމާއެކު އެކަމާ ދެރަވިއެވެ. އެއީ އޭނާއަށް ހެދުނު ގޯހެއްކަމުގައި އަމިއްލަ ޟަމީރު ވެސް އެއްބަސްވިއެވެ. އަރްސަލްގެ ވާހަކައިގެ މިސްރާބު ހުރި ގޮތުން އޭނާ އެ ދައްކަނީ އެ ފަދަ ގުޅުމެއްގެ ވާހަކަކަން ނޭނގޭހާ ނިމްރާގެ ސިކުނޑި ޅައެއްނޫނެވެ. މިއުވާނުވަނީ އޭނާގެ މައުސޫމުކަން ނަގާލާފައެވެ. ޝަކުވާ ކުރެވެންނެތީ އެއީ ޚުދު ނިމްރާގެ ވެސް ރުހުމުގައި ވީ ކަމަކަށްވީމައެވެ. ސިކުނޑީގެ ކަނަކުން ސުވާލު އުފެއްދީ އަރްސަލްއަށް ނިމްރާއާ ބެހޭގޮތުން އެވަރުގެ ހަޤީޤަތެއް އެނގެންވީ ގޮތަކާ މެދުއެވެ. މިއުވާނާއި ނިމްރާގެ ދެމެދުގައި ހިނގި އެއްވެސް ކަމެއް އޭނާ މީހެއްގެ ގާތުގައި ނުދައްކާއިރު އެކަން އެނގުނީ މިއުވާނުގެ ފަރާތުން ބާއެވެ. އަރްސަލްއާއި މިއުވާނަކީ ރަޙުމަތްތެރީން ބާއެވެ. އެ ސުވާލާއެކު ނިމްރާއަށް ވަކިން ބާރަށް ވައަތުގައި ހިފަހައްޓާލެވުނެވެ. އަރްސަލް އެފަދަ ދަށު ދަރަޖައަކުން ނިމްރާއާ މެދު ދުށީ އެ ހަޤީޤަތް އެނގިފައި އޮތުމުން ކަމުގައި ނިމްރާއަށް ވަރަށް ބޮޑަށް ހީވިއެވެ. ދެކޮޅަށް ބުނާނޭ އެއްޗެއް ހިތާއި ސިކުނޑިއަށް ނޭރީ އެހެންވެއެވެ.
"އެއްވެސް ފިރިހެނަކު ކަލޭ ބޭނުންވެގެންނެއްނޫޅޭނެ... އެކަމަކު ނިދާލަން އޯކޭ" އަރްސަލް ބުނެލީ ކިތަންމެ މަޑުމަޑުން ނަމަވެސް އެ ބަސްތައް ނިމްރާގެ ހިތް ޒަޚަމްކޮއްލިއެވެ. އޭނާގެ އުޅުން ހުރި ގޮތާ މެދު އަރްސަލް އިނގިލި އުފުލިއިރު ހަޤީޤަތް އޮތީ ފޮރުވިފައިކަން ނިމްރާގެ ޟަމީރު ހަނދާންކޮއްދިނެވެ. އެހެންނަމަވެސް އެ ހަޤީޤަތާ މެދު އެކަކު ވެސް ޝައުގުވެރިއެއް ނުވާނޭކަން ނިމްރާގެ ސިކުނޑި ޤަބޫލުކުރިއެވެ.
"ސޯ!... ޓެލް މީ..." އަރްސަލް މިހެން ބުނެ ނިމްރާއާ ގާތަށް ފިޔަވަޅެއް އެޅިއެވެ. އޭނާ ދުލުން ބޭރު ކުރާ ބަސްތަކާއި އޭނާގެ އަމިއްލަ ޟަމީރާ ދެމެދު އަރައިރުން ވަމުން ދިޔައެވެ. އަންހެންކުއްޖަކާ މެދު އޭނާ ދުވަހަކު ވެސް ބޭނުންކޮށްފައި ނުވާ ފަދަ ދަށު ދަރަޖައިގެ ބަސްތަކުން ނިމްރާއާ މުޚާޠިބު ކުރާއިރު އެއީ ރަނގަޅު ގޮތް ނޫންކަން ވެސް އަރްސަލްއަށް އެނގެއެވެ. އެހެންވިޔަސް އޭނާއަށް ނިމްރާގެ ކުރިމަތީގައި އިހުސާސްތައް ހިފެހެއްޓުން އުނދަގުލެވެ.
"މަޑުކޮއްބަލަ!... ޖަވާބު ދީފައި ދެވޭނީ" އަރްސަލްއާ އެއްފަރާތް ވެލާ ކޮޓަރިން ނުކުންނަން ނިމްރާ އުޅޭހެން ހީވުމާއެކު އޭނާގެ ކޮނޑުގެ ދެފަރާތުން އަރްސަލް ހިފެހެއްޓިއެވެ.
"އެއްޗެކޭ ނުބުނުމަކީ ވެސް ޖަވާބެއް" އިސްޖެހިފައި ހުރެ ނިމްރާ ބުނެލިއެވެ.
"ޑޯންޓް ބީ ސްމާޓް ވިތް މީ!... އަހަރެން ޤަބޫލެއްނުކުރަން ތީ ޖަވާބެއް ކަމަކަށް" ނިމްރާގެ ދަތްދޮޅީގައި ހިފާ އަރްސަލްއާ ދިމާއަށް އުފުލާލަމުން އޭނާ ބުނެލިއެވެ. ފެންކަޅިވެފައިވާ ނިމްރާގެ ދެ ލޯ ފެނި ހިނދުކޮޅަކަށް އަރްސަލް ބަސްހުއްޓުނެވެ. އެ ދެލޮލުން ފާޅުވަމުންދިޔަ ހިތްދަތިކަން ދުލުން ބަޔާންކުރާކަށް ނުޖެހުނެވެ. ނިމްރާގެ ނިތްކުރިމައްޗަށް ވެއްޓިފައި އޮތް އިސްތަށިގަނޑުގެ ބައި އަރްސަލް މަޑުމަޑުން އެއްފަރާތް ކޮއްލިއެވެ. ކުލައަލި އެ މޫނު މިލާފައިވާ ވަރު އަރްސަލްއަށް ފާހަގަކުރެވުނެވެ. އެހެންނަމަވެސް އޭނާގެ ސިކުނޑިއަށް ވެރިވެގެން ދިޔައީ ރާދިންގެ ކޮޓަރިން ނުކުތް ނިމްރާއެވެ. ހިނިތުންވެލާއިރަށް އެ ދެ ލޮލަށް ވެރިވާ ޖާދުވީ ވިދުމެވެ. ދެ ތުންފަތް ދެމިލާފައި ހުންނައިރު އެ މޫނުން ފާޅުވާ ހިތްގައިމު ކަމެވެ. އަރައިގެން އަންނަ އިރުގެ ރަންދޯދި ފަދަ އަލިކަމާއި އެ އަލިކަމުން އިހުސާސް ކުރެވޭ މަޑު ހޫނުކަން ފަދަ ހިތްގައިމު ކަމެކެވެ. ހިތަށް ބަޔާންކުރާން ދަތި އަސަރުތަކަކާއި ޖަޒުބާތުތަކެއް ވެރިކުރުވާކަން ޔަގީނެވެ. މަޑުމަޑުން ނިމްރާގެ ކޯތާފަތުގައި އަރްސަލްގެ ކަނާތުގެ އިނގިލިތަކުގެ ނުފުށުން ފިރުމާލިއެވެ. އެ ބީހުން އަރްސަލްގެ ހަމުގައި ކަރަންޓުގެ އޮއިވަރެއް އުފެއްދިއެވެ.
"އައި ރިގްރެޓް އިޓް... އިޓްސް އަ މިސްޓޭކް. މީހަކު އަހަންނަށް ހަނދާންކޮއްދޭކަށް ނުޖެހޭނެ... ދުވަހަކުވެސް ހަނދާންނުނެތޭނޭ ވަރުގެ ބޮޑު މިސްޓޭކެއް އެއީ" ވައި އަޑުން ކަހަލަ ގޮތަކަށް ނިމްރާ ބުނެލިއެވެ. ފަޅި ސިކުންތެއްގެ ތެރޭ އަރްސަލްގެ މޫނުގެ ކުލަވަރު ބަދަލުވެ ދެބުމަ ގޮއްޖެހިގެން ދިޔަތަން އޭނާއަށް ފެނުނެވެ. ކޯތާފަތުގައިވި އަރްސަލްގެ އަތްތިލައިގެ ހަރަކާތް ބަދަލުވިއެވެ. ނިމްރާގެ ދެކޮލަށް ފިތާ އަރްސަލް ބާރުކޮއްލިއެވެ.
"ޔޫ!... ޔޫ ސްލެޕްޓް ވިތް ރާދު" އަރްސަލްގެ އަޑުގައިވި ނުރުހުން އޭނާގެ އިނގިލިތަކަށް ލަމުން ދިޔަ ބާރާއެކު ނިމްރާއަށް އިހުސާސްވިއެވެ.
"އަ..އް..ދޯ..އި!" ދެކޮލަށް އަރްސަލް ފިތާލިލެއް ބާރުކަމުން ނިމްރާ ބުނެލިއެވެ. އެހެންނަމަވެސް އޭނާގެ އަނގައިން އެ އަޑު ނުކުތީ އުނދަގުލުންނެވެ. އަރްސަލްގެ އަތް ނައްޓުވާލަން އުޅެ އެކަން ނުވުމުން އޭނާގެ މޭގައި ނިމްރާ ޖެހިއެވެ. ނަމަވެސް އަރްސަލްއަށް އެއްވެސް އަސަރެއް ކުރިހެނެއް ހިޔެއްނުވެއެވެ.
"ވަޓް އާ ޔޫ ސެއިން އަރްސަލް... ރާދު!... އޭނާއަކީ އެކަހަލަ މީހެއްނޫން. އަހަރެން... އަހަރެން ދުވަހަކުވެސް އެކަހަލަ އެއްޗެއް ހިތަށް ވެސް ނާރާ.. މޮޔަވީތަ އަރްސަލް" ނިމްރާގެ ހިތް ވާހަކަދެއްކިއެވެ. އެހެންނަމަވެސް އެ ބަސްތައް ދުލާ ހަމައަށް ގެނެވޭ ވަރަށްވުރެ އަރްސަލްގެ އަތުން އަނގަޔަށް ވަމުން ދިޔަ ތަދު ބޮޑެވެ.
"ކަލޭ މިގެއަށް ގެނައީ އެހެންއުޅެން ކަމައްތަ ހީކުރީ... ޔޫ!... ޔޫ ރިއަލީ ޑިސްގަސްޓް މީ" އަރްސަލް މިހެންބުނެ ނިމްރާ ފަހަތަށް ކޮއްޕާލިއެވެ. ފަހަތަށް ދިޔަ ބާރުމިނުގައި ފައިހަމަ ނުކުރެވި ނިމްރާ އިނދަ ޖެހުނެވެ. އެހިނދު ވީ ތަދުން އެ ތުންފަތުން އާހެއްނުކުތެވެ.
"ސީރިއަސްލީ ރާދު!... ވައި ހާ..." އަރްސަލްގެ ދުލުން ބޭރުނުވި ނަމަވެސް އޭނާގެ ބޯގޮވައިފިއެވެ. މޫނުގައި ދެއަތްތިލަ ހިންގާލުމާއެކު ބޮލުގައި އަރްސަލް ހިފަހައްޓާލިއެވެ. ރާދިން ހަޤީޤަތުގައި ވެސް ނިމްރާއާއެކު ގުޅުމެއް ހިންގީބާއޭ އަރްސަލްގެ ސިކުނޑީގައި ތަކުރާރުވަމުންދިޔައެވެ. އޭނާގެ ނަޒަރު ކޮޅަށް ތެދުވި ނިމްރާއަށް ހުއްޓުނެވެ. ކޮލުގައި ފިރުމަމުން ނިމްރާ ވާހަކަދައްކަން ފެށިއެވެ.
"މޮޔަވީތަ؟... އަހަރެން މީ އިހަށް ދުވަހު ދިމާވި މީހެއް. އަހަންނަށް އިތުބާރު ނުކުރެވޭނެކަން އެނގޭ. އެކަމަކު... ރާދު!... ރާދުއަށް ވެސް ކަލޭ އިތުބާރު ނުކުރާކަން މިހާރު އެނގިއްޖެ. ކަލޭ ހީކުރީ ކީކޭ ކަމައްތަ؟ ރާދު އެވަރުގެ ކަމެއް ކޮއްފާނޭ ވެސް ކަލޭ ހިތަށް އެރީ ކީއްވެ؟ ކަލޭ ހީކުރަނީ ފިރިހެނަކު އަނގައިން ބުނާއިރަށް އަހަރެން އެމީހަކާ ހުންނަނީ ހިތާވެފައޭތަ؟... އަހަރެން ހީކުރީ ކަލެއަކީ ވަރަށް ވިސްނޭ މީހެއްކަމަށް... ސޭޑްލީ އައި ވޯޒް ރޯންގް... ސޯ ރޯންގް އަބައުޓް ޔޫ... އަހަންނަކީ ރަންޑީއެއް ނޫން. ކަލެއާ ކަލޭގެ ވިސްނުން ޑިސްގަސްޓްއީ" ވެފައި ހުރި ތަދާއި ރާދިންއާއި ނިމްރާއާ ގުޅުވައިގެން އަރްސަލް ދެއްކި ވާހަކަތަކުން ނިމްރާގެ ގާތަށް ވެސް އައީ ރުޅިއެވެ. ހަމައެއާއެކު އަރްސަލް އެ ދެއްކީ މިއުވާނާއި ނިމްރާގެ ވާހަކަ ނޫންކަން އެނގުމުން ނިމްރާގެ ހިތަށް ހަމަޖެހުން ލިބުނެވެ.
"ޝަޓްއަޕް!" ހަރުކަށިކަމާއެކު އަރްސަލް ބުނެލީ ކަނާއަތުގެ ޝަހާދަތް އިނގިލި ނިމްރާއަށް ދިއްކޮށްލައިގެން ހުރެއެވެ.
"ހިތަށް އައިހާ އެއްޗެއް ކިޔަން ދެން އަހަރެން ހުންނަންވީ އަނގައިން ނުބުނެ. އެ ހެޔޮތަ ދޮގަކަށް ވިޔަސް" ނިމްރާ ބުނެލިއެވެ.
"އަހަރެން ދުށީމޭ ރާދުގެ ކޮޓަރިން ކަލޭ ނުކުންނަނިކޮށް... އެހާ ހެދުނާ އެ ކޮޓަރީގައި ކަލޭ ކުރަން އޮންނާނީ ކޮންކަމެއް" އަރްސަލް ހަރުކަށި ކަމާއެކު ބުނެލިއެވެ. އޭނާއަށް ހީވި ހީވުން ގޯސްވާން ނޭދޭ ކަހަލައެވެ.
"އަންހެނަކާއި ފިރިހެނަކު ކޮޓަރިއަކު ނުކުންނަ ކޮންމެ ފަހަރަކީ އެ ދެ މީހުން ގުޅުމެއް ހިންގާފައި ނުކުތުމެއްނޫނޭ... އެވަރު ވެސް ކަލެއަށް ނޭނގޭތަ؟" ނިމްރާ ބުނީ ނުރުހި ހުރެ ވިޔަސް ކުއްލިއަކަށް އޭނާގެ ސިކުނޑިއަށް އެހެން ޚިޔާލެއް ވެރިވިއެވެ. އެއާއެކު އައިސްފައި ހުރި ރުޅި މަޑުވެއްޖެއެވެ. ދެއަތްތިލަ ޖޯޑުކޮއްލެވުމާއެކު އޭނާއަށް ދެބުމަ ކައިރިކޮއްލެވުނެވެ.
"ރާދު! ރާދު އެކަހަލަ އެއްޗެއް ބުނީތަ؟... އޭނާ އެހެން ބުނިއްޔާ އެއީ ދޮގެއް... އެއީ ވަރަށް ބޮޑު ދޮގެއް" ނިމްރާގެ ރާގު ބަދަލުވިއެވެ. ރާދިންގެ ފަރާތުން ހިތްހަމަނުޖެހޭ ކަމެއް ދިމާ ނުވިޔަސް އޭނާއަށް އިތުބާރު ކުރަންވެދާނޭ ކަމާމެދު ނިމްރާ ސުވާލު އުފެދުނީއެވެ. އެއްވެސް ފިރިހެނަކަށް އިތުބާރު ކުރަންވެދާނޭ ބާއޭ ނިމްރާގެ ޟަމީރު ސުވާލު އުފެއްދީއެވެ. ހަމައެއާއެކު އަރްސަލް އެފަދަ ސުވާލެއް އެ ކުރީ ރާދިންގެ ފަރާތުން ކަމެއް އެނގިގެން ކަމާ މެދު ވެސް ހިތުގައި ސުވާލު އުފެދުނީއެވެ.
"ﷲ ގަންދީ ހުވާ ކުރަން އަހަރެންނާއި ރާދުއާ ދެމެދު އެކަހަލަ ކަމެއް ނުހިނގާ. އަހަރެން އެ ކޮޓަރިއަށް ވަނީ ރާދުގެ އެއްޗެހި އިސްތިރިކޮށްފައި އެ ދޭން ވެގެން. އޭނާގެ ހުއްދަ ލިބިގެން" ނިމްރާ މަޑުމައިތިރިކަމާއެކު އަރްސަލްއަށް އަރާފައި އޮތް އޮޅުން ސާފުކޮއްދެވޭތޯ ބެލިއެވެ.
ނިމްރާގެ ދެ ލޮލުން އޭނާ އެ ހާމަ ކުރަނީ ތެދުކަން އަރްސަލް ދެނެގަތެވެ. ހަމައެއާއެކު އޭނާއަށް ވިސްނާލެވުނީ ނިމްރާއާއި އޭނާއާ ދެމެދު ދެކެވެމުންދިޔަ ވާހަކަތަކުގެ ތެރެއިން ނިމްރާ ބުނެފައިވާ އެއްޗަކާ މެދުއެވެ. ރާދިންއާއި އޭނާއާ ދެމެދު އެއްވެސް ކަމެއް ނުހިނގާއިރު ނިމްރާއަށް ގޯހެއް ހެދި އެކަމާ ހިތާމަކުރާ ވާހަކަ ބުނީ ކޮންކަމަކާ ގުޅުވާފައިކަން އެނގެން އަރްސަލް ބޭނުންވިއެވެ. އެހެންވިޔަސް މިވަގުތު އޭނާ ސުވާލެއްކޮއްގެން ނިމްރާ ޖަވާބު ދީފާނޭހެން ހީނުވަނީއެވެ. އަރްސަލްއަށް ކުރެވުނީ ކުށްހީއެއްކަން އެނގުނު ނަމަވެސް އެކަން އޭނާގެ މޫނަކުން ނުދެއްކިއެވެ. މަޑުމަޑުން ކުރިއަށް ޖެހިލުމާއެކު ނިމްރާ ފަހަތަށް ޖެހިލައެވެ. އަރްސަލް ހުއްޓުނީ ފާރުގައި ޖެހިފައި ނިމްރާ ވެސް ހުއްޓުނީމައެވެ.
"ތަދުވޭތަ" އަރްސަލްގެ ދެއަތްތިލައިގެ ތެރޭ ނިމްރާގެ މޫނު ހިފަހައްޓާލަމުން ބޮޑުވައި އިނގިލިން ދެ ކޯތާފަތުގައި ފިރުމާލިއެވެ. އަރްސަލްއާ ނަޒަރު ސީދާކޮއްލައިގެން ހުރި ނިމްރާ މަޑުމަޑުން ބޯޖަހާލިއެވެ. އެހާ ގާތުގައި އަރްސަލް ހުރުމުން ނިމްރާއަށް އުނދަގޫވެފައި ހުރިކަން ޚުދު އަރްސަލްއަށް އެނގެއެވެ. ދުރަށް ޖެހިލުމުގެ ޚިޔާލެއް އޭނާގެ ނެތެވެ. އަދިވެސް ނިމްރާގެ ކޯތާފަތުގެ ދެފަރާތުގައިވީ އޭނާގެ އަތްތިލައިން މަޑުމަޑުން ފިރުމަމުން ދިޔައެވެ.
"އައި އޭމް ސޮރީ... އައި ކާންޓް ބްރިންގ ހާ ބެކް ފޯ ޔޫ. އައި އޭމް ރިއަލީ ސޮރީ" ކޯތާފަތުގައިވި އަރްސަލްގެ ކަނާތު އަތްތިލައިގައި ނިމްރާގެ އަތްތިލަ ޖައްސާލުމާއެކު ވަރަށް މަޑުމަޑުން ނިމްރާ ބުނެލިއެވެ. އަރްސަލްގެ ތޫނު ނަޒަރު ނިމްރާގެ މޫނަށް ހުއްޓިފައި ހުރި ގޮތް ފެނިފައި އެ ދެ ލޮލަށް ބަލަހައްޓައިގެން ހުރުން ނިމްރާއަށް ފަސޭހައެއްނުވިއެވެ. އަރްސަލްގެ ދެއަތްތިލައިގެ ތެރޭ އޭނާގެ މޫނު ގައިދުވެފައި ވުމުން އިސްޖަހާ ނުލެވުނަސް އެސްފިޔަތައް ތިރިކޮއްލާ އަރްސަލްއާ ނަޒަރު ވަކިކޮއްލިއެވެ. ނިމްރާ މަޑުކޮށްގެން ހުރީ އަރްސަލް އެއްޗެއް ބުނާނޭ ކަމަށެވެ. އޭގެ ބަދަލުގައި އަރްސަލްގެ ނިތްކުރި ގެނެސް ނިމްރާގެ ބޮލުގައި އޭނާ ޖައްސާލިއެވެ. ދުރަށްދާން ބޭނުންވިޔަސް ނިމްރާގެ ހިތް އެގޮތަށް އެއްބަހެއްނުވިއެވެ.
"މީހެއްގެ މަރުގެ އަގު އަދައެއް ނުކުރެވޭނޭކަން އަހަންނަށް އެނގޭ... އެކަމަކު އަހަރެން މަސައްކަތް މި ކުރަނީ އޭގެ ބަދަލު ދެވޭތޯ. އައި އޭމް ޓްރައިންގ... ޕްލީޒް އަންޑަސްޓޭންޑް. އައި ނޯ ޔޫ ލޮސްޓް އެވްރިތިންގް... އިޓްސް ނޮޓް އޮންލީ ޔޫ ސަފަރިންގ... އަހަރެން ވެސް މަސައްކަތް މި ކުރަނީ މި ދިރިއުޅުމަށް ހޭނޭތޯ. އިރުއިރު ކޮޅާ އަހަންނަކީ އަރްސަލްގެ... ސޮރީ! ނަން ކިޔުނީތީ... އަހަންނަކީ ތީނަގެ މީހަކޭ ނުބުންޏަސް އަހަންނަށް އަހަރެންގެ ހައިސިއްޔަތެއް ނޯޅޭ. އަހަންނަށް އެނގޭ އަހަރެން މަސައްކަތްކޮށްދެނީ ތީނައަށްކަން. އަހަންނަށް މުސާރަދޭނީ ތީނަކަން. މަސައްކަތެއް ކުރަން އޮތިއްޔާ އަހަރެން ގާތުގައި ބުނޭ. އެކަމެއް އަހަރެން ކުރާނަން... އެކަމަކު..."
"މާ ގިނަ ވާހަކަ ތިދައްކަނީ" ނިމްރާގެ ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލުމާއެކު އޭނާގެ ކަންފަތްދޮށުގައި އަރްސަލް ބުންޏެވެ. އެ ނޭވައިގެ ހޫނުކަން ނިމްރާގެ ނޭވާ ހުއްޓުވިއެވެ.
"އައި އޭމް ނޮޓް މޭޑް އެޓް ޔޫ... ނޮޓް އެނީ މޯ" ސިއްރެއް ބުނެލި ފަދައިން އަރްސަލްގެ އަޑު ނިމްރާއަށް އިވުނެވެ. އޭނާގެ ތުނިކޮށް ބަހައްޓާފައި ހުންނަ ތުނބުޅި ގަސްދުގައި ނިމްރާގެ ކޯތާފަތުގައި ހާކާލި ކަހަލައެވެ. އަރްސަލްގެ މޭގައި ނިމްރާއަށް ދެއަތް ވިއްދާލެވުނީ ހަށިގަނޑަށް އަރައިގެންދިޔަ ހީލީގެ ސަބަބުންނެވެ.
"މެއިޑެއްގެ ގޮތުގައި އަހަރެން ބަހައްޓާ... މިސްޓްރެސްއަކަށް ނުހަދާ. ޕްލީޒް... ޕްލީޒް ސްޓޮޕް" އަރްސަލްގެ މޭގައި އަޅާ ކޮއްޕާލުމެކޭ ހިލަގަނޑެއް ދުރަށްލާން އުޅުމެކޭ ނިމްރާއަށް އެއްވަރުވިއެވެ. އަރްސަލްގެ މޭގައި ޖެހިފައި ހުރި ނިމްރާގެ އަތްތިލައިގައި އެއްއަތުން ބާރަށް ހިފަހައްޓާލުމާއެކު އަރްސަލްގެ އަނެއްއަތް ނިމްރާގެ ފަހަތުން ކަނދުރާގައި ހިފަހައްޓާލިއެވެ. ނިމްރާގެ ހަށިގަނޑުން ހީބިހި ނަގައިގެން ދިޔަކަން އަރްސަލްއަށް އިހުސާސް ކުރެވުމާއެކު އޭނާގެ ތުންފަތުގެ އެއްކޮޅުން މައްޗަށް ހިއްލިލާ ދެމިލިއެވެ.
"ޔޫ ލައިކް އިޓް... ޑޯންޓް ޔޫ ސްކާލެޓް" ދެވަނަ ފަހަރަށް ނިމްރާގެ ކޯތާފަތުގައި އަރްސަލްގެ ތުނބި ހާކާލުމާއެކު ބުނެލިއެވެ. އަދި އަރްސަލްގެ ޟަމީރާ ދެކޮޅަށް އޭނާ ގޮތް ނިންމާ ޢަމަލު ކުރިއެވެ. އަރްސަލްގެ މެޔާ ދިމާލުން ލައިގެން ހުރި ގަމީސް ނިމްރާގެ އަތުގެ ތެރެއަށް ބޮނޑިވަމުންދިޔައެވެ. އެއްއަތް ހިއްލާލާ އެ މޭގައި ނިމްރާ ތަޅައިގަތެވެ. އެކަމަށް ކުޑަ ވެސް ފަރުވާއެއް އަރްސަލްގެ ނެތް ފަދައެވެ.
"އާހް!... އިޓް ހާޓްސް" އިރުކޮޅެއް ފަހުން ނިމްރާއާ ދުރަށް ޖެހިލައި އެއްއަތުން މޭގައި ފިރުމަމުން ކުރުވެފައިވާ ނޭވާގެ ތެރެއިން އަރްސަލް ބުނެލިއެވެ.
"އައި ހޭޓް ޔޫ" މޫނުގައި ދެއަތްއަޅައިގެން ހުރެ ނިމްރާ ބުނެލިއެވެ.
"ގުޑް!... ޔޫ ޝުޑް ހޭޓް މީ މޯ. އައި ވޯންޓް ޕްލޭ ފެއަރ... އައި އޭމް ނޮޓް ނައިސް" އަރްސަލް ބުނެލިއެވެ.
"އައި ހޭޓް ޔޫ... އައި ވިލް ހޭޓް ޔޫ ފޯ ލައިފް" ނިމްރާ ދެން ވެސް މޫނުން އަތެއް ނުނެގިއެވެ. އެކަންވީ އިތުރަށް އަރްސަލް ގަޔާވި ކަމަކަށެވެ. އޭނާގެ ތުންފަތުގައި ހިނިތުންވުމެއް ދުވެލިއެވެ. ތިރީތުންފަތުގައި ދޫ ހިންގާލާ ދަތްއަޅާލުމައެކު މައްޗަށް ފުނާއަޅާފައި ހުންނަ އިސްތަށިގަނޑުގައި އަތްފުނާ އަޅާލިއެވެ. އަދި ކޮޓަރީގައި މަޑުކުރުމެއްނެތި ދޮރު ހުޅުވާލާފައި ނުކުތީ ދެވަނަ ފަހަރަށް ނިމްރާގެ ގައިގާ އަތްނުލާށެވެ.
ސިޓިންރޫމު ތެރެއިން ބެލްކަންޏަށް ނުކުމެ އަރްސަލް މަޑުކޮއްލިއެވެ. މަހާލެވިފައިވާ އިނގިލިތަކާއެކު ދެއަތްތިލަ ކަނދުރާގައި އަޅުވާލިއެވެ. ދެފަރާތަށް ބޯހޫރުވާލީ އެ ސިކުނޑިން ނިމްރާގެ ޚިޔާލު ނެރެލަން ބޭނުންވެ އެކަން ނުވުމުންނެވެ.
"އިޒް ދިސް ޕޮސިބަލް" ދާދި ކުޑަހިނދުކޮޅެއް ކުރީން އަރްސަލްއަށް އިހުސާސް ކުރެވުނު ގޮތާއި މެދު އޭނާ ސުވާލުކުރީ އަމިއްލަ ހިތާއެވެ. ނިމްރާއާ މެދު އޭނާގެ ހިތުގައި ޝައުގުވެރިކަންވިއެވެ. ގަޔާވާ ގޮތެއް އެ އަންހެންކުއްޖާގެ ހުރިކަން އަރްސަލްގެ ހިތް ބުނެދޭކަށް ނުޖެހެއެވެ. އެއްވެސް ވަރަކަށް ގަޔާ ނުވާނަމަ އޭނާ ކޮށްފައި އެ އައި ވަރުގެ ކަމެއް އެއްވެސް އަންހެންކުއްޖަކަށް އޭނާ ނުކުރީހެވެ. ނިމްރާގެ ތަފާތުކަން އޭނާއަށް ކަމުދަނީއެވެ. އެ ގަޔާވުމަށް ދޭނޭ އިތުރު ނަމެއް ނެތެވެ. ޖަޒުބާތުތައް އެންމެ ފަސޭހައިން ފޮރުވާލަ ދޭ އެއްޗަކީ ރުޅިއެވެ. ނިމްރާއާ ގުޅޭ ކޮންމެކަމަކަށް އަރްސަލްއަށް ރުޅި އިސްކުރެވެއެވެ.
"ޝުޑް އައި ސްޓިލް ބެލޭމް ހާ... އަހަންނަށް އެނގޭ އަހަރެން ލޫންދެކެ ލޯބިވީވަރު. ކުޑަކުޑަ ފެމެލީއަކަށް އަހަރެން އިންތިޒާރުކުރިވަރު. ޔާ!... ޝީ ވޯޒް ރައިޓް... އައި ލޮސްޓް އެވްރިތިންގް އެންޑް ހޫޒް ފޯލްޓް އިޒް އިޓް" އަމިއްލަ ޚިޔާލުގެ ތެރޭގައި އަރްސަލް ހުއްޓެވެ.
އިޝާ ނަމާދުން ފައިބައިގެން ރާދިން އައިސް ގެއަށް ވަނެވެ. އެޕާޓްމެންޓުގެ ދޮރުން ވަނުމާއެކު ބެލްކަނީގެ ދޮރުހުޅުވާފައި ހުރި ތަން ފެނުނެވެ. އެތެރެއަށް ދިއުމުގެ ބަދަލުގައި ބެލްކަންޏަށް އޭނާ ނުކުތެވެ. ބެލްކަނީގައި ހުރި ވަށް މޭޒުގެ ދޮށުގައި އަރްސަލް އިނެވެ. ގޮނޑިއަށް ކުޑަކޮށް ހަށިގަނޑު ދޫކޮށްލައި ދެފައި ދަމާލައިގެން އެއްފައިއަނެއްފައިގައި އަޅުވައިލައިގެންނެވެ. ދެއަތްތިލަ މަހާލެވިފައިވާ އިނގިލިތަކުން ބޮލުގެ ފުއްކިބައިގައި ހިފަހައްޓާލައިގެންނެވެ.
"ކިހިނެއްވެފައި ތި އިނީ؟" ރާދިން އަހާލިއެވެ.
"މި ދެން ހަމަ އިނީ" އަރްސަލްގެ ޚިޔާލުތައް އެއްފަރާތްކޮއްލާފައި ބުނެލިއެވެ. މި ނޫނީ އަރްސަލްގެ ސިކުނޑީގައި ހިނގާ ކަމެއް ރާދިންއަށް ސިއްރެއް ނުކުރެއެވެ. ނިމްރާއާ ގުޅިފައިވާ ޚިޔާލެއް އިތުރު މީހަކާ ޚިއްޞާ ކުރާކަށް އަރްސަލް ބޭނުމެއްނުވެއެވެ. އެއީ ކީއްވެކަމެއް ޚުދު އޭނާއަކަށް ވެސް ނޭނގެއެވެ.
"ދެންމެ އަންނަނިކޮށް މުއްތުބެ ގުޅި. އަހަރެމެން އެ ގެ ގަތީމަ އެ ވާހަކަދެއްކީ. އެ ބިމުގެ ބޭނުން ހިފަން ގަސްދުކޮށްފައި އޮތީ ކިހިނެއްތޯ ވެސް އެހި. އަހަރެމެން ދެ މީހުންނާ ބައްދަލުކޮށްލަން ބޭނުމޭ ބުނީމާ އަހަރެން ބުނިން އަރްސަލްއާ ވާހަކަދައްކާލާފައި ދުވަހެއް ބުނެލާނަމޭ" މޭޒު ދޮށުގައި ދެން ހުރި ގޮނޑީގައި ރާދިން އިށީނެވެ.
"މުއްތުބެ ގާތު ބުނީތަ ހޮޓަލެއް އަޅަން އުޅޭ ވާހަކަ" އަރްސަލް އެހިއެވެ.
"އަދި ނުބުނަން... އަރްސަލް ވެސް ހުރެގެން އެކަމާ ވާހަކަދައްކާލަންކަމަށް. މުއްތުބެގެ ޚިޔާލު ހޯދުން ރަނގަޅުކަމަށް މަށަށް ފެނޭ. އަދި އެއްވާހަކަ އެބައޮތޭ... އާނާ!... އާނާ ގުޅި... އޭނާ ހުޅުމާލޭގައި އޮތް ކޮންމެވެސް ޑިނާ ނައިޓަކަށް އަންނާތީ މިގެއަށް އަންނާނޭ ވާހަކަ ބުނި... ކޮންރެއަކު ކަމެއް ނޭނގޭ. ބުނި ފަހުން އަދި ގުޅާނަމޭ... އަސްލު!... އަހަރެން ގާތުގައި އޭނާއާއެކު ގޮސްދޭށޭ ބުނީ. އަހަރެން މިގެއަށް އާނާ ނުގެނެސް ދާކަށް ބޭނުމެއްނޫން. އާނާއަކީ އަހަރެމެންނާ ދުރު މީހެއްނޫނެއްނު" ރާދިން ބުނެލިއެވެ.
"އަހަރެން ނުބުނަމެއްނު އާނާ އައިސްގެން ނުވާނެއޭ... އާނާ އަސްލު ވެސް ޑަކްޓަރަކަށް ވީތަ؟ އަދިވެސް އޭނާގެ ނޯޓީ ގޮތްގަނޑެއް ނުކެނޑޭ ދޯ" ހަނދާންތަކެއް އާކުރަމުން އަރްސަލް ވާހަކަދެއްކިއިރު އޭނާގެ ތުންފަތުގައި ފަނޑު ހިނިތުންވުމެއް ވިއެވެ.
"އާނާ ބަދަލުވެއްޖެނަމަ އާނާއަކަށް ނުވާނެއެއްނު" ހިނިއައިސްފައި އިނދެ ރާދިން ބުނެލިއެވެ. އަރްސަލް ވެސް ހީނލަމުން އެކަމާ އެއްބަސްވިއެވެ.
ވާހަކައިގައި ތިބެފައި އެތެރެއަށް ވަންނަން ފުރަތަމަ ތެދުވީ ރާދިންނެވެ. ހޭލާ އުޅުމަށްވުރެ ތަންކޮޅެއް އަވަހަށް ނިދާލަން ބޭނުންވާ ކަމުގައި ބުނަމުންނެވެ. އޭނާގެ ފަހަތުން އަރްސަލް ވެސް އެތެރެއަށް ވަދެ ބެލްކަންޏަށް ނުކުމެވެން ހުރި ދޮރު ދަމާލާ ތަޅުލިއެވެ.
"ކޮބާ ނިމް!... އެހެންޏާ މޭޒުމަތި ރެޑީކޮއްފައި ހުންނާނީ" ކާމޭޒާ ދިމާއަށް އައި ރާދިން އެހީ އަރްސަލްގެ ގާތުގައެވެ.
"ނޭނގެ" އަރްސަލް ދޮގުހެދިއެވެ.
"ގޮވާލަންވީ ކަންނޭނގެ" ރާދިން ޚިޔާލު ފާޅުކުރިއެވެ.
"އޭނާ ބަނޑުހައިވީމަ ނުކުމެ ކާނެ. ގޮވާނެކަމެއްނެތް. އަހަރެން އެބަ އަންނަން... ރާދު ކާން ރެޑީވެލާ" އަރްސަލް ބުނެލިއެވެ. އަދި ހަލުވިކޮށް ކޮޓަރިއަށް ވަންނަން އަރްސަލް އައެވެ. ކޮޓަރީގެ ދޮރު ހުރީ އޭނާ ހުޅުވިގޮތަށެވެ. އެއާއެކު ނިމްރާ އަދިވެސް ހުރީ އޭނާގެ ކޮޓަރީގައި ކަމަށް ހީކުރެވި އަވަހަށް އެތެރެއަށް ވަނެވެ. އެހެންނަމަވެސް ފަނޑު އަލިކަމެއް ވެރރިވެފައި އޮތް އެ ކޮޓަރިތެރޭގައި ނިމްރާއެއް ނެތެވެ. އިރުކޮޅަކު އަރްސަލް މަޑުކޮށްލިއެވެ. އޭނާގެ ނަޒަރު އެކޮޓަރީގައި ނިމްރާ ހުރި ދިމާއަށް ހުއްޓިފައި ހުރިއިރު ނިމްރާއާއި އޭނާއާ ދެމެދު ހިނގައިދިޔަ ކަންތައްތައް ރިކޯޑު ކުރެވިފައިވާ ވވީޑިއޯއެއް ފަދައިން މަންޒަރުތައް ސިފަވަމުންދިޔައެވެ. ލުއި ހިނިތުންވުމަކާއެކު ނިތްކުރިއާއި އިސްތަށިގަނޑުގައި އަތް ހިންގާލަމުން އަރްސަލް ކޮޓަރިން ނުކުމެ ދޮރު ލައްޕާލިއެވެ. (ނުނިމޭ)