މަތިންދާބޯޓުގައި ދަތުރުކުރާއިރު ގިނަ ވަގުތު އިށީނދެގެން އިންނަޖެހޭތީ ޝަކުވާކުރާ މީހުން އުޅެ އެވެ. މިއީ އެ ފަރާތްތަކަށް އުފާވެރި ހަބަރަކަށް ވެދާނެ އެވެ.
އިޓަލީގެ ސީޓު އުފައްދާ ކުންފުންޏެއް ކަމަށްވާ "އެވިއޯއިންޓީރީއޯސް" އިން މިހާރު ވަނީ މަތިންދާބޯޓުގައި ކޮޅަށް ތިބެން ބޭނުންވާ މީހުންނަށް ހާއްސަ ސީޓެއް ތައްޔާރުކޮށްފަ އެވެ. މި ސީޓަށް ދީފައިވާ ނަމަކީ "ސްކައިރައިޑާ 2.0" އެވެ.
އެ ކުންފުނިން ސްކައިރައިޑާ 2.0 ދައްކާލީ ހޭމްބާގްގައި އޮތް މިއަހަރުގެ އެއާކްރާފްޓް އިންޓީރިއޯސް އެކްސްޕޯގަ އެވެ
އެ ކުންފުނިން މިފަދަ ސީޓެއް 2010 ވަނަ އަހަރުވެސް ތައާރަފުކުރި އެވެ. ހަމަ ސްކައިރައިޑާގެ ނަމުގައި ނެރުނު އެ ސީޓު އެމެރިކާގެ ފެޑަރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުންގެ މިންގަނޑުތަކަށް ނުފެތޭތީ ބަލައެއް ނުގަތެވެ. ސްކައިރައިޑާ 2.0 އަކީ އެ ސީޓުގެ އަޕްޑޭޓެޑް ވާޝަންއެކެވެ.
އަޕްޑޭޓެޑް ސީޓުގައި ކުރީގެ ސީޓަށްވުރެ ގިނަ ޕެޑެލް ހަރުކޮށްފައިވެ އެވެ. އެއް ބަރިއެއްގައި ހިމެނޭ ހުރިހާ ސީޓެއް ގުޅުވާލުމަށް ހޮޅިދަނޑިއަކުން ސީލިންގާއި ގުޅުވާލާފައިވެ އެވެ. ކޮޅަށް ހުންނަޖެހުނަސް މި ސީޓުތަކުގައި ދަތުރުވެރިންނަށް ފަސޭހަކަމާއެކު އެއްވެސް ވަރުބަލިކަމެއް ނެތި ހަމަޖެހިލައިގެން ތިބެވޭނެ ކަމަށް އުފެއްދި ފަރާތުން ބުނެ އެވެ.
މި ސީޓުގެ އެހީގައި އެއާލައިންތަކުގައި ޖާގަ އިތުރުކުރުމަށް ފަސޭހަވެގެންދާނެ ކަމަށްވެސް އެ ކުންފުނިން ބުނެ އެވެ. މީގެ އިތުރުން މި ސީޓުތަކަކީ މިހާރު އެއާލައިންތަކުގައި އިށީނދެ ތިބުމަށް ބޭނުންކުރާ ސީޓުތަކަށްވުރެ 50 އިންސައްތަ ލުއި ސީޓުތަކެކެވެ.
ސްކައިރައިޑާ އެއާލައިންތަކުގައި ބޭނުންކޮށްފާނެކަން އަދި ކަށަވަރެއް ނުވެ އެވެ. މީގެ ކުރިން ބައެއް އެއާލައިންތަކުން ސްކައިރައިޑާ ބޭނުންކުރުމާއި މެދު ވިސްނާނެ ކަމަށް ބުނެފަިވެ އެވެ. އެކްސްޕޯގައިވެސް މި ސީޓުތަކަށް އަންނަނީ ތަރުހީބު ލިބެމުންނެވެ.