ބޮލީވުޑް

ރަންބީރް އާއި ދީޕިކާ އެކުގައި ފެޝަން ޝޯއަކަށް

ރަންބީރް ކަޕޫރް އާއި ދީޕިކާ ޕަދުކޯނީ އެއްކޮށް ފެޝަން ޝޯއަކުން ފެނިގެންދާނެކަން ކުރިންވެސް އިއުލާނުކުރި އެވެ. ނަމަވެސް އެފަހަރު މި ދެ ތިރިން ސިއްހީ ހާލަތު ހުރި ގޮތުން ފެޝަން ޝޯ ނުބޭއްވިގެން ވަކި ތާރީހެއް ނެތް ގޮތަށް ޝޯ ފަސްކުރި އެވެ.

މި ދެ ތަރިން ފެނިގެންދާނީ ފެޝަން ޑިޒައިނާ މަނިޝް މަލޯތްރާ އިންޑިއާގެ މިޖްވާންގައި ބާއްވާ ފެޝަން ޝޯއެއްގަ އެވެ. މި ފެޝަން ޝޯއަކީ އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއަކުން ފަންޑްރެއިޒް ކުރުމަށް ކޮންމެ އަހަރަކު ބާއްވަމުން އަންނަ ޗެރިޓީ އިވެންޓެކެވެ.

ފެޝަން ޝޯ ބޭއްވުމަށް މިހާރު ހަމަޖެހިފައި ވަނީ އަންނަ ބުރާސްފަތި ދުވަހު އެވެ. ކުރިން މި ޝޯ ގެނެސްދިނުމަށް ނިންމާފައި އޮތީ މި މަހު ނުވައެއް ގަ އެވެ.

މި ޝޯގައި ރަންބީރް އާއި ދީޕިކާ އެކުގައި ފެނިގެން ހިނގައިދާނެ ކަމާމެދު ގިނަ ބަޔަކު ޝައްކުވެސްކުރެ އެވެ. ސަބަބަކީ މި ދެ ތަރިން ލޯބީގެ ގޮތުން ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން އުޅުމަށްފަހު ވަކިވީވެސް ގިނަ މައްސަލަތަކެއް ޖެހިގެން ކަމަށް ވާތީ އެެވެ. ނަމަވެސް މި ދެ ތަރިންގެ ތަރުޖަމާނުން މިހާރު ވަނީ އެ ފެޝަން ޝޯގައި ދެ މީހުން އެއްކޮށް ފެނިގެންދާނެކަން ކަށަވަރު ކޮށްދީފަ އެވެ.

މި ޝޯގައި ބައިވެރިވުމާއި ބެހޭގޮތުން ރަންބީރް މީގެ ކުރިން މީޑިއާއަށް ދިން އިންޓަވިއެއްގައި ބުނީ، "އަހަރެމެން ޒުވާނުން އެބަޖެހޭ ނިކަމެތި ހާލުގައި އުޅެމުންދާ މީހުނަށް އެހީވާން އަދި އަންހެން ކުދިން ބާރުވެރިކުރުމަށް މަސައްކަތްކުރަން. އަހަރެންގެ މައިންބައިފައިން އަހަންނާއި އަހަރެންގެ ދައްތަ ރިދިމާވެސް ބަލާ ބޮޑުކުރީ ހަމަހަމަ ފުރުސަތުތަކެއްދީގެން. އަހަރެން ބޭނުން އަންހެން ކުދިންނާއި އަދި ފިރިހެން ކުދިންނަށްވެސް ހަމަހަމަ ފުރުސަތުތަކެއް ލިބެން." އެވެ.

ދީޕިކާވެސް ވަނީ މި ފެޝަން ޝޯގައި ބައިވެރިވުމާއި ބެހޭގޮތުން މީޑިއާ އާއި ވާހަކަދައްކާފަ އެވެ.

"ބައިވަރު ފެޝަން ޝޯތަކަށް ދެވިއްޖެ. އެކަމަކު މި ފެޝަން ޝޯއަކީ އެ ހުރިހާ ޝޯއަކަށްވުރެ އެތަށް ގޮތަކުން ތަފާތުވާނެ ޝޯއެއް. މި ޝޯއަކީ މުޖުތަމައުއަށް ފައިދާހުރި ކަމެއް ކޮށްދިނުމަށް ރަނގަޅު ނިޔަތެއްގައި ބާއްވާ ޝޯއެއް." ދީޕިކާ ބުންޏެވެ.