ބިދޭސީ ކޮންމެ ކޯޗެއް ރާއްޖެ އަންނަ އިރު، ކޮންމެ ކޯޗެއްވެސް އަންނަނީ، ޓެކްޓިކަލް ބޮޑެތި ޕްލޭންތަކާ އެކު އެވެ. ނަމަވެސް ރާއްޖޭގެ ޓީމުތައް ޕްރެކްޓިސް ކުރާ ގްރައުންޑް އޮންނަނީ އެ ކޯޗުން ހީކުރި ގޮތަކަށް ނޫނެވެ.
ދަނޑު ދެ ފަޅިއަށް ބަހައިލައިގެން ދެ ޓީމު އެއް ގަޑިއަކަށް ޕްރެކްޓިސް ކުރަން ޖެހެ އެވެ. ހާފު ދަނޑުގައި ޕްރެކްޓިސް ކުރަން ޖެހުމުން، ޓެކްޓިކަލީ އެންމެ މުއްސަނދި ކުޅުމެއް ނުދެއްކޭކަން ބައެއް ކޯޗުން ފާހަގަ ކުރި އެވެ.
ޔުނައިޓަޑް ވިކްޓަރީގެ ކޯޗް މުހައްމަދު ނަޒީހް ބުނީ، ހާފު ދަނޑުގައި ޕްރެކްޓިސް ކުރަން ޖެހުމުން ޓީމުގެ ހާލަތު މުޅިން ރަނގަޅު ނުކުރެވޭނެ ކަމަށެވެ.
"މުޅި ފުލު ޕިޗެއް ނުލިބުނު ނަމަވެސް ޕިޗެއްގެ ތިން ބައި ކުޅަ ދެ ބައިގައި ރަނގަޅަށް ޓެކްޓިކަލީ ވޯކް ކޮށް ލެވޭނީ." ހާފު ދަނޑުގައި ޕްރެކްޓިސް ކުރަން ޖެހުމުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ނަޒީހް ބުންޏެވެ.
އޭނާ ބުނީ ފުލް ޕިޗެއްގައި ޕްރެކްޓިސް ކުރުމުގެ ބޭނުމުގައި އޭނާގެ ޓީމުގެ ޕްރެކްޓިސް ހެނދުނަށްވެސް ތާވަލު ކުރި ކަމަށާއި ނަމަވެސް ހެދުނަށް ދަނޑު ހޯދަން އެދުނު ނަމަވެސް ލިބެނީ ދަނޑުގެ ހާފު ކަމަށެވެ.
"އެއަށް ރިކްއެސްޓް ކުރީމަވެސް އަޅުގަނޑުމެންނަށް މި ދެނީ ހާފު ޕިޗް، އެ ގަޑީގައިވެސް ކޮންމެވެސް ވައިޑީޕީއެއް، ނަމަވެސް ކޮންމެވެސް ބަޔަކު އަނެއް ހާފަށް ލާ، ސަރުކާރު އޮފީހެއް ލައިގެން ނަމަަވެސް ޕިޗް އެބަ ބައި ކުރޭ،" ނަޒީހް ބުންޏެވެ.
"މިކަން ބަދަލުވާ އެބަޖެހޭ، އަޅުގަނޑު މި ބުނަނީ ގަސްތުގަ އެކަން ކުރަނީއެކޭ ނޫން، ހެނދުވެސް ކޮންމެވެސް ބަޔަކު އެބަ އާދޭ އަނެއް ހާފަށް، ދެން ފުރަތަމަ ޑިވިޝަންގެ ޓީމުތަކަށް ފޯކަސް ކޮށްގެން މިކަން ކޮށްދީފިއްޔާ އެއީ ޓީމުތަކަށް ލިބޭ ވަރަށް ބޮޑު ކުރި އެރުމެއް."
އޭނާ ބުނީ ހާފް ޕިޗުގައި ޓެކްޓިކަލީ މަސައްކަތް ކުރެވޭނީ 30 ޕަސަންޓް ކަމަށެވެ. އަދި ދަނޑު ބަހައިލުމުން ލިބެނީ 40 މީޓަރު ކަމަށާއި، އެއީ ޓެކްޓިކަލީ މުޅި ޓީމު އޮގަނައިޒް ކޮށްގެން މަސައްކަތް ކުރަން އެކަށޭނެ ވަރެއް ނޫން ކަމަށެވެ.
"ފުލު ޕިޗެއްގައި ޕްރެކްޓިސް ކުރެވޭ ކަމަށް ވަންޏާ ރާއްޖޭގެ ފުޓްބޯޅަ ޓެކްޓިކަލީ ވަރަށް ބޮޑަށް މުއްސަނދިވާނެ ކަން ޔަގީން،" އޭނާ ބުންޏެވެ. "އޭރުން ހުރިހާ އެންމެންނަށްވެސް ކުރި އެރުން ލިބޭނެ، އަބަދުވެސް މިތަނަށް ނޭންގޭ މީހަކު އައީމަ ބުނާނެ، އެމީހުން ފިޒިކަލީ ދަށޭ، ތެކްޓިކަލީ ދަށޭ، ކޮންމެ މީހަކުވެސް ބޭރުން އައިސްފައި އާ ވީމަ މިކަހަލަ ވާހަކަތަކެއް ދައްކާނެ."
އޭނާ ބުނީ، ޓާފް ދަނޑުގެ ދެކުނު ސަރހައްދުގައި މިނީ ޕިޗްތަކެއް އެޅުމުގެ ބަދަލުގައި ފުލު ދެ ދަނޑު އެޅި ނަމަ، މާބޮޑަށް އޭގެ ބޭނުން ހިފޭނެ ކަމަށެވެ.