ރާއްޖެ ކުޅިވަރު

މި ދެ ތަރިންނާމެދު މިފަހަރުވެސް އުންމީދު ބޮޑު

އައިޝަތު ރަފާ ނާޒިމު އާއި ލައިސާ ފަތުހުﷲގެ ޕެއާ އަކީ، ރާއްޖޭގެ ޓީޓީގައި ތިބި އެންމެ ކާމިޔަބު ދެ ކުޅުންތެރިންނެވެ.

ދެ ކުޅުންތެރިން އެކުގައި ޕެއާވެ، ޖޫނިއާ ލެވަލްގެ ސަރަހައްދީ މުބާރާތުން މިދިޔަ ދެ އަހަރުވެސް އެ ދެ ކުޅުންތެރިން ވަނީ މެޑަލް ހޯދައިދީފަ އެވެ.

އޭޝިއާގެ ޖޫނިޔާ ކެޑޭޓް ޓޭބަލް ޓެނިސް، މިއަންނަ ހުކުރު ދުވަހު ރާއްޖޭގައި ފަށަނެ އެވެ. މި ދެ ތަރިންނާމެދު އެންމެ ބޮޑު އުންމިދެއް ކުރެވޭ ސަބަބަކީވެސް އެއީ އެެވެ. އަމިއްލަ ގައުމުގައި ކުޅޭ މުބާރާތް ކަމަށްވުމުން، ކުރިގެ ކާމިޔާބުން އާ ހިތްވަރެއް ލިބޭނެތީ އެވެ.

ޕާކިސްތާންގައި 2016 ވަނަ އަހަރު ބޭއްވި މުބާރާތުން ރާއްޖެ އަށް ރިހި މެޑަލް މި ދެކުޅުންތެރިން ހޯދައިދިނެވެ. މިދިޔަ އަހަރު ޝްރީ ލަންކާގައި ބޭއްވި މުބާރާތުން ބްރޯންޒް މެޑަލް ހޯދި އެވެ.

ޓީޓީ އެސޯސިއޭޝަނުން ބުނީ، މުބާރާތުގައި ވާދަ ކުރާ އަންހެން ޓީމާ މެދު ބޮޑު އުންޟިދެއް އެބައޮތް ކަމަށެވެ. ރާއްޖޭގެ ޓީޓީގެ އެންމެ ބޮޑު ހަގަީގަތަކީވެސް އެއީ އެވެ.

ޖޫނިއާ ލެވަލްގައި ފިރިހެން ކެޓަގަރީއަށްވުރެ ހުނަރު ބޮޑަށް އޮތީވެސް އަންހެން ކެޓަގަރީގަ އެވެ. އެކުޅުންތެރިން ސީނިއާ ލެވަލަށް ދާއިރު، ދިވެހި ޓީޓީ މުޅިން ޑޮމިނޭޓް ކުރާނީ އެ ކުޅުންތެރިންނެވެ.

ރާއްޖޭގައި ބާއްވާ މުބާރާތުގައި ރަނގަޅު ކާމިޔާބަކާ ހަމަޔަށް ދެވޭނެ ކަމަށް ޓީޓީ އެސޯސިއޭޝަނުން އަންދާޒާ ކުރާ ކުޅުންތެރިންގެ ތެރޭގައި މި ދެކުޅުންތެރިން ހިމެނެ އެވެ.