ހަބަރު

ބަންދުގައި ތިބި ފުލުހުންގެ ބޯ ބޭލުވި މައްސަލައެއް ވަކީލުން ފެންމަތިކޮށްފި

އެސްއޯއީގެ ދަށުން ހައްޔަރުކުރި އެސްއޯ ފުލުހުންނާމެދު މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އެންޓި ޓޯޗާގެ ގާނޫނާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށްބުނެ އެބޭފުޅުންގެ ވަކީލުން ފުލުހަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ވަކީލުންގެ ފަރާތުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އިއްޔެ ބަންދުގައި ތިބި ފުލުހުންގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރިއިރު އެ ހުރިހާ ފަރާތްތަކުގެ އިސްތަށިގަނޑު ކޮށާލާފައިވާ ކަމަށެވެ. އެންޓި ޓޯޗާގެ ގާނޫނުގެ ދަށުން ދައުލަތުގެ ބެލުމުގެ ދަށުގައިވާ މީހެއްގެ ހުއްދައަކާނުލައި ބޯ ބޭލުމަކީ ޓޯޗާގެ އަމަލެއް ކަމަށް ބަޔާނުގައިވެ އެވެ.

ބަޔާނުގައި ވަނީ، ފުލުހުންނާއި ކަރެކްޝަނަށްވެސް މީހަކު ހައްޔަރުކުރުން ފިޔަވައި އެމީހަކަށް އަދަބެއްގެ ގޮތުގައި އޭނާގެ ގަޔަށް އަތްލައި އޭނާގެ ގުނަވަންތައް ބުރިކޮށް ހެދުމުގެ އެއްވެސް ގާނޫނީ އަދި ޝަރުއީ ހައްގެން ނޯންނާނެ ކަމަށެވެ. އަދި ބަންދުގައި ބެހެއްޓުން ފިޔަވައި އިތުރަށް ތުރާ ކުރުމަށް ކުރާ ކަންކަމަކީ ދެވޭ އަނިޔާއެއް ކަމަށް ބަޔާނުގައި ވެއެވެ.

"އިސްލާމީ ނަޒަރަކުން ބަލާއިރުވެސް އިސްތައްޓަކީ ދިޔަ ދިނުން ލާޒިމްވާ ގުނަވަނެއް، ރުހުމަކާ ނުލައި އިސްތައްޓެއް ބުރި ކުރުމަކީ އަތެއް ތަނެއް ބުރި ކުރުން ފަދަ ކަމެއް، މިހާރު ދިމާވެފައިވާ ހާލަތުގައި ކަރެކްޝަންގެ ވެރިންނާއި މުއައްޒަފުންގެ ފަރާތުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި އެސްއޯ ފުލުހުންނަށް ޝަރުއީ ދިޔަ ދިނުން ލާޒިމްވާނެ،" ބަޔާނުގައި ވެއެވެ.

ބަޔާނުގައި ވަނީ، ކަރެކްޝަން ސާވިސް ހަވާލުވެ ތިއްބެވި ބޭފުޅުން ވަނީ އެންޓި ޓޯޗާ ގާނޫނާއި ގާނޫނުލް އުގޫބާތާއި ކަނޑައެޅިގެން ހިލާފުވެ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ފުލުހުންނާމެދު ޓޯޗާގެ އަމަލެއް ހިންގާފައި ކަމަށެވެ. އެމައްސަލަ ބައްލަވައިދެއްވުމަށް އެދި ފުލުހަށް މިއަދު ހުށަހަޅާފައިވާ ކަމަށްވެސް ބަޔާނުގައި ވެއެވެ.

ބަންދުކޯށްފައިވާ އެސްއޯ ފުލުހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެމީހުންގެ ބަންދަށް އިތުރު ނުވަ ދުވަސް ވަނީ އިތުރުކޮށްފަ އެވެ.

މި ހުރިހާ ފުލުހުން ވެސް މިހާރު ވަނީ މާފުށީ ޖަލަށް ކަރެކްޝަންސްގެ ބެލުމުގެ ދަށަށް ބަދަލުކޮށްފަ އެވެ. އެ އެންމެން އިއްޔެ ކޯޓަށް ހާޒިރުކުރީ ވެސް ޖަލު ޔުނީފޯމްގަ އެވެ.

ހައްޔަރު ކޮށްފައިވާ ފުލުހުންގެ ތެރޭގައި ހިމެނެނީ އެސްއޯގެ ކުރީގެ ކޮމާންޑަރު އިނިސްޕެކްޓާ އޮފް ޕޮލިސް ސައިފު ހުސައިންއާއި، ސްޓޭޝަން އިނިސްޕެކްޓަާ ފާއިޒު މުހައްމަދާއި ފުލުހުންގެ ސްވޮޓު ޓީމުގައި މަސައްކަތް ކުރި ސާޖަންޓު އަބްދުﷲ ރިޔާޒާއި ކޯޕްރަލް އަލީ ނަސީރާއި ކޯޕްރަލް ހަސަން ނަސީރާއި ކޯޕްރަލު މުހައްމަދު ޝާމިންއާއި ސާޖެންޓު އަހުމަދު އާސިމް އަދި ސާޖެންޓް މުހައްމަދު ރިޝްވާނެވެ.

އެ މީހުންގެ މައްޗަށް ތުހުމަތު ކުރަނީ އިތުރު ބަޔަކާއި ބައިވެރިވެގެން، ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާ ހިލާފަށް ބަދަލުކުރަން މަސައްކަތްކޮށް، ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކާއި ދެކޮޅަށް ނިކުމެ، ޣައިރު ގާނޫނީ އެއްވުންތަކުގެ ތެރެއިން އަމަން ބަލަހައްޓަން ތިބި ފުލުހުންނާއި މެދު މާރާމާރީ ހިންގައި ރައްޔިތުންގެ މެދުގައި ސަލާމަތީ ބާރުތަކާމެދު އިތުބާރު ގެއްލުވާލަން އުޅުނުކަމުގެ ތުހުމަތެވެ.