ހަބަރު

އެކެއް ފެބުރުއަރީ އަމުރަކީ އަލިރަސްގެފާނުގެ ޝަހީދުކޮށްލުން ފަދަ ކަމެއް: މިނިސްޓަރު

Apr 18, 2018
12

އެކެއް ފެބްރުއަރީގައި މިގައުމުގައި ހިނގައިގެންދިޔަ ކަންކަމާއި އަލި ރަސްގެފާނުގެ ޝަހީދުކޮށްލި ދުވަހު ހިނގި ހާދިސާއާ މާ ބޮޑު ތަފާތެއްނެތް ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި މިނިސްޓަރު ވިދާޅުވީ، އަލި ރަސްގެފާނުގެ ޝަހީދުކޮށްލި ދުވަހުުވެސް ހިނގާދިޔަ ކަންކަމާއި މިއަދުވެސް ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް ބުރޫއަރާނެ އެތައް ކަމެއް ހިގަމުން މިދަނީ ވެރިކަމުގެ ދަހިވެތިކަމުގެ ތެރޭގައި ކަމަށެވެ. އަދި ވިދާޅުވީ، މިއަދުވެސް ފެނިގެންދާ އެއް ހަގީގަތަކީ ވެރިކަމުގެ ދަހިވެތިކަމުގައި ކޮށްފަ ނުކުރާނެ އެއްވެސް ކަމެއް ނެތުން ކަމަށެވެ.

"ގާނޫނީ ގޮތުން އައްޔަން ކޮށްފައިވާ ވެރިއަކު އަވާހަރަކޮށްލުމަށްޓަކައި ލޯންޗް ގޮއްވާލަންވެސް އަޅުގަނޑުމެން ތައްޔާރަށް ތިބީ، އެކަންވެސް މިގައުމުގައި ކޮށްފި، މަޖިލީހުގެ ތެރެއިން 57 ވޯޓް ހޯދަންވެސް މަސައްކަތް ކޮށްފި، ވެރިކަމުގައި ހުރި ބޭފުޅަކު ކުރި ކުށެއް އަދި އެއްވެސް ބޭފުޅަކަށް އަދި ނުއެއްދެއްކެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އޭގެ ފަހުން އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ހިޔާލަށްވެސް ނާންފަދަ ހާލަތެއް ގައުމަށް މެދުވެރިވެގެން ދިޔަ މަންޒަރު ކަމަށާއި ވެރިކަމުގެ ދަހިވެތި ކަމުގައި ވަރަށް މުގައްދަސް ތަންތަނުގެ ތެރެއިން ބެލި ތަންތަނުގެ އަބުރާ އިއްޒަތް ގެއްލި ތަނުގެ އަގުވެއްޓިގެން ދިޔަ މަންޒަރު ކަމަށެވެ. އަދި ގައުމުގެ ރީތިނަން ކިލަނބު ކޮށްލި މަންޒަރު ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެކެއް ފެބްރުއަރީގެ ހާދިސާއަކާ އަލި ރަސްގެފާނު ޝަހީދު ކޮށްލުމުގެ ހާދިސާ އަކާ މާބޮޑު ތަފާތެއް ނެތް، އެކެއް ފެބްރުއަރީ ރާވާފައި އޮތީ ހަތެއް ފެބްރުއަރީ މިސާލަކަށް ނަގައިގެން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިިދާޅުވީ، ފެބްރުއަރީ އެއްވަނަ ދުވަހު ރާވާފައި އޮތީ ދިވެހި ސިފައިންނާއި ފުލުހުންގެ މެދުގައި ހަމަނުޖެހުން އުފައްދައިގެން އެ ހަމަނުޖެހުމުގެ ތެރެއަށް ގާނޫނީ ހުކުމްތައް އިއްވާފައިވާ ކުށްވެރިންތައް ދޫކޮށްލައިގެން މާލެ ތެރެ ހަލަބޮލި ކުރުމަށް ކަމަށެވެ. އަދި އެ ހަލަބޮލިކަމުގެ ތެރޭގައި ރައީސް އަބުދުﷲ ޔާމީނާއި ވަޒީރުންނާއި އިތުރު ފަރާތްތައް ހައްޔަރު ކުރުމަށްފަހު ރައީސް ޔާމީން ހަވަރަށް ދިނުމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، މިފަހަރުވެސް ފެނިގެން ދިޔައީ ނަސްރު ލިބޭނީ ހައްގަށްކަން ކަމަށެވެ. އަދި ރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލް ގެއްލިގެން ދަނިކޮށް ރައީސް ޔާމީންގެ ހިކުމަތާއެކު މިފަހަރު ގައުމު ސަލާމަތް ކުރެއްވި މަންޒަރު ކަމަށާއި އެހުރިހާ ކަމެއް ހިނގި އިރުވެސް ދިފާއީ ބާރުގެ ތެރޭގައި އިންނެވައި ވަރަށް ސާބިތު ކަމާއެކު ގައުމުގެ ކަންކަން ރުކުރުވާލައި ހަމަ މަގަށް އެޅުވި ކަމަށެވެ. ފެނިގެންދިޔައީ ގައުމު ހަމަ މަގަށް އެޅުވުމަށް މަސައްކަތްކުރި މަންޒަރު ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެރޭ ރައީސް ޔަމީން މަސައްކަތް ކުރީ އިންޑިއާގެ މަހާތުމާ ގާންދީ މަސައްކަތް ކުރި ގޮތަށް، އެންމެ ހައެއްކަ މީހުން ގޮވައިގެން އަލި ރަސްގެފާނު ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތް ކުރުމަށް މަސައްކަތް ކުރި ގޮތަށް، މަދު ބޭފުޅަކާއެ ނަމަވެސް މަސައްކަތް ކުރެއްވީ ގައުމު ހަމަ މަގަށް އެޅުވުމަށް، އެންމެ ފަހުވަގުތުގައި ބޭނުން ކުރެއްވީ، މަޝްރޫއު އުތުރު ގަޑުބަޑުގައި މާލެ ތަޅާލަން އައި އިރު އޭރު ގައުމުގެ އިސްވެރިން ބޭނުން ކުރި އުކުޅު،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އެކެއް ފެބްރުއަރީގެ ބަޣާވާތް ކާމިޔާބުވި ނަމަ މިގައުމުގައި ބޭރުގެ އަސްކަރީ ބޭހެއް ހުރުމަކީ ވަރަށް ކައިރީގައި އޮންނާނެ ކަމެއް ކަމަށެވެ. ނަމަވެސް އެއިން އެއްވެސް ކަމަކަށް ފުރުސަތު ދިނުމެއް ނެތި، ބައިނަލް އަގުވާމީ މައިދާނުގައި ދިވެހީންދެކެ ލޯބިވާ ފަރާތްތަކާއި ގުޅިގެން މި ގައުމަށް ކާމިޔާބު ހޯއްދެވި މަންޒަރު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މިއަދު ހޯއްދެވި ކާމިޔާބީ އަކީ ރައީސް ޔާމީން މިގައުމަށް ވެވަޑައިގެން ވަރަށް ބޮޑު ގުރުބާނީ އެއް ކަމަށެވެ. އަދި ރައީސް ޔާމީން އެދުވަހު ކުރެއްވީ މިއަދު ފަހުރުވެރިވުން ހައްގު ޖިހާދެއް ކަމަށެވެ. އަދި އެ ބަޣާވާތުގެ ބައިވެރިންނަށް ހައްގު އަދަބުދޭން ޖެހޭނެ ކަަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.