ބޮލީވުޑް

"ބާރަތު" ގައި ސަލްމާންގެ ބަތަލާ އަކަށް ޕްރިޔަންކާ

ހޯމަ ދުވަހު ސުޕަސްޓާ ސަލްމާން ޚާން ޝޫޓިން ފެށި ފިލްމު "ބާރަތު" ގައި އޭނާ އާއެކު ބަތަލާގެ ރޯލުން ފެނިގެންދާނީ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ ކަން ހާމަކޮށްފި އެވެ.

އަލީ އައްބާސް ޒަފަރު ޑައިރެކްޓްކުރާ "ބާރަތު" ގައި ބަތަލާގެ ރޯލު ކުޅޭނެކަން ހުދު ޕްރިޔަންކާ ވެސް ވަނީ ޔަގީންކޮށްދީފަ އެވެ. ޕްރިޔަންކާ ނެރުނު ބަޔާނެއްގައި ވަނީ މި ފިލްމުން ފުރުސަތެއް ލިބުމަކީ އުފަލެއް ކަމަށެވެ. އަދި ގިނަ އަހަރުތަކަކަށްފަހު ސަލްމާން އާއި އަލީ އާއެކު މަސައްކަތް ކުރަން ފުރުސަތު ލިބުމުން ކެތް މަދުވެފައި ހުރި ކަމަށް ބުނެފަ އެވެ.

އަދި އޭނާގެ ފިލްމަކަށް ކެތްތެރިކަމެއް ނެތި އިންތިޒާރުކުރި ހުރިހާ ސަޕޯޓަރުންނަށް ޝުކުރު އަދާކުރާ ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ.

ހޮލީވުޑަށް ޕްރިޔަންކާގެ މިސްރާބުޖެހި ފަހުން، ދެ އަހަރުގެ ބްރޭކަކަށްފަހު ކުޅޭ ހިންދީ ފިލްމު، "ބާރަތު" އާ ގުޅިގެން ޑައިރެކްޓަރު އަލީ ވަނީ ބައިނަލް އަގުވާމީ ގޮތުން ޕްރިޔަންކާ ހޯދި ކާމިޔާބީއިން އޭނާ އަކީ ދުނިޔޭގައި އެންމެ މަޝްހޫރު އިންޑިއާގެ ތަރިއަށް ވެގެން ގޮސްފައިވާ ކަމަށެވެ. އަދި މި ފިލްމަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ޝޫޓްކުރަން ހަމަޖެހިފައިވާ ފިލްމަކަށް ވުމުގެ އިތުރުން ފިލްމުގެ ބަތަލާގެ ކިބައިން ބޭނުންވާ ހުނަރުވެރި އެކްޓިން ދެއްކޭނެ ދެވަނަ ތަރިޔަކު ޕްރިޔަންކާ ނޫނީ ނެތް ކަމަށް ބުނެފަ އެވެ.

ސަލްމާން އާއި ޕްރިޔަންކާ ވަނީ މީގެކުރިން އެކުގައި ތިން ފިލްމެއް ކުޅެފަ އެވެ. އެއީ "މުޖްސެ ޝާދީ ކަރީގީ" އާއި "ސަލާމޭ އިޝްގް" އަދި "ގޯޑް ތުއްސީ ގްރޭޓް ހޯ" އެވެ.

ދިހަ އަހަރުފަހުން ސަލްމާން އާއި ޕްރިޔަންކާ އެކުގައި ކުޅޭ "ބާރަތު" އަކީ 2014 ވަނަ އަހަރު ނިކުތް ކޮރެއާ ފިލްމު "އޮޑޭ ޓު މައި ފާދާ" ގެ އަސްލަކަށް އުފައްދާ ފިލްމެކެވެ. ސަލްމާން ތަފާތު ފަސް ސިފައެއްގައި ފެނިގެންދާ މި ފިލްމުގައި އޭނާ ފުރާވަރު ޒުވާނެއްގެ ރޯލުން އުމުރުން 60 އަހަރުވެފައިވާ ދުވަސްވީ މީހެއްގެ ރޯލާ ހަމައަށް ކުޅޭނެ އެވެ.

އަންނަ އަހަރުގެ ފިތުރު އީދުގައި ރިލީޒްކުރާ ގޮތަށް ހަމަޖެހިފައިވާ މި ފިލްމުގެ ޝޫޓިން ޕްރިޔަންކާ އަދި ފަށާނެ ދުވަހެއް ހާމައެެއް ނުކުރެ އެވެ.