އިނގިރޭސި ޕްރިމިއާ ލީގުގެ ޓޮޓެންހަމް ހޮޓްސްޕާއާ ދެކޮޅަށް މެލޭޝިއާ ލީގުން ހޮވާ ޓީމު މި މަހު ފަހުކޮޅު ކުޅޭ މެޗުން ރާއްޖޭގެ ގައުމީ ޓީމު ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އަށް ފުރުސަތު ލިބިފައިވާއިރު، އެ މެޗު ޓީވީއެމް އިން ލައިވްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ކުޅިވަރާ ބެހޭ ވަޒީރު މުހައްމަދު މަލީހު ޖަމާލް މިރޭ ވިދާޅުވީ އެ މެޗު ޓީވީއެމް އިން ލައިވްކުރެވެވޭނެ ކަމުގެ ޔަގީންކަން މިހާރު ލިބިފައިވާ ކަމަށެވެ. އަދި ރާއްޖޭގެ އިތުރު ޗެނަލްތަކުން އެ މެޗު ލައިވްކުރުމުގެ މަޝްވަރާތައް މިހާރު ކުރިއަށްދާ ކަމަށެވެ.
މި މެޗުގެ ރައިޓްސް ހޯދުމުގައި އެފްއޭއެމް އިން މުހިންމު ދައުރެއް އަދާކުރި ކަމަށް މަލީހު ވިދާޅުވި އެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލް މިރޭ ވިދާޅުވީ މި މެޗު ލައިވްކުރުމުގެ މަސައްކަތް އެފްއޭއެމް އިން ފެށީ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބްގެ އެދިލެއްވުމަކާއެކު، "ގައުމީ" ކަމެއްގެ ގޮތުގައި ދެކިގެން ކަމަށެވެ.
"މި މެޗުގައި ދަގަނޑޭ ކުޅޭނެކަން ޔަގީންވުމާއެކު އަދީބު ވިދާޅުވެއްޖެ ކޮންމެހެން ވެސް މި މެޗު ލައިވްކުރަންޖެހޭނޭ. އެ ހިސާބުން އަޅުގަނޑުމެން ވެސް މަސައްކަތްފަށައި، ގިނަ މަސައްކަތްތަކެއް ކުރިން މިކަން ކުރެވޭތޯ. މިއީ ގައުމީ ކަމެއްގެ ގޮތުގައި ދެކިގެން ކުރިއަށް ގެންދިޔައީ. ޔޫރަޕްގެ ކްލަބަކާ ދެކޮޅަށް ދަގަނޑޭ ކުޅުމަކީ މުޅި ގައުމަށް ލިބޭ ޝަރަފެއް،" ބައްސާމް ވިދާޅުވި އެވެ.
މެލޭޝިއާ ލީގުން ހޮވާލެވޭ ޓީމުގައި ހިމެނޭ ފަސް ބިދޭސީ ކުޅުންތެރިންގެ ތެރޭގައި މެލޭޝިއާގެ ޕީޑީއާރްއެމް އަށް ކުޅެމުންދާ ދަގަނޑޭ ހިމެނެ އެވެ. މި މަހުގެ 27 ވަނަ ދުވަހު ކުޅޭ މި މެޗަށް ތައްޔާރުވުމުގެ ގޮތުން މެލޭޗިއާ ލީގުން ހޮވާލެވޭ ޓީމުގެ ފަރިތަކުރުންތައް މިހާރު ވަނީ ފަށައިފަ އެވެ. ދަގަނޑޭ ދަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ.