ބޮލީވުޑް

ޖާންވީ އާއި އިޝާން "ދަޅަކް" ގެ ޝޫޓިން ނިންމާލައިފި

އިޝާން ކައްތަރު އާއި ޖާންވީ ކަޕޫރު ބޮލީވުޑަށް ނިކުންނަ ފިލްމު "ދަޅަކް" ގެ ޝޫޓިން ނިންމާލައިފި އެވެ.

ޝަޝަންކް ކައިތާން ޑައިރެކްޓްކޮށް، ކަރަން ޖޯހަރު ޕްރޮޑިއުސްކުރާ މި ފިލްމުގެ ޝޫޓިން ނިންމާލާފައިވަނީ އިއްޔެ އެވެ. ކަރަން ކުރި ޓްވީޓެއްގައިި ވަނީ ޑައިރެކްޓަރު ޝަޝަންކް އަކީ ކުޅަދާނަ އަދި ހިތްވަރުގަދަ ޑައިރެކްޓަރެއްގެ އިތުރުން މޮޅު ލީޑަރެއް ކަމަށެވެ. އަދި ފިލްމުގެ ހުރިހާ ވެސް ދިރުމަކީ ދެ ތަރިން ކަމަށްވާ ޖާންވީ އާއި އިޝާން ކަމަށް ބުނެފަ އެވެ.

މި ފިލްމުގެ ޝޫޓިން ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.

މި ފިލްމު ޑައިރެކްޓްކުރާ ޝަޝަންކް ވަނީ ކަރަންގެ އުފެއްދި ކާމިޔާބު ދެ ފިލްމެއް ކަމަށްވާ "ހަމްޕްޓީ ޝަރްމާ ކީ ދުލްހަނިޔާ" އާއި "ބަދްރިނާތްކީ ދުލްހަނިޔާ" ވެސް ޑައިރެކްޓްކޮށްފަ އެވެ.

"ސައިރަތް" ބިނާކޮށްފައިވަނީ މަހަރާޝްތްރަގައި ހިނގި ލޯބީގެ ހާދިސާއެއްގެ މައްޗަށް ނަމަވެސް "ދަޅަކް" ގައި ފެނިގެންދާ ލޯބިގެ ވާހަކަ ނިސްބަތް ވަނީ ރާޖަސްތާނަށެވެ.

ޝަޝަންކް އަކީ އޭނާ އުފައްދާ ފިލްމުތަކުގައި ޒަމާނީ ލޯބީގެ ރަހަ އެންމެ ފުރިހަމަ އަށް ގެނެސްދޭން ކުޅަދާނަ ޑައިރެކްޓަރެއްގެ ގޮތުގައި މަޝްހޫރު ފިލްމު އުފެއްދުންތެރި އެކެވެ.

މަރާޓީ ބްލޮކްބާސްޓާ ފިލްމު "ސައިރަތް" ގެ އަސްލަކަށް އުފައްދާ މި ފިލްމުން ބޮލީވުޑަށް ނިކުންނަ ޖާޏްވީ އަކީ ފެބްރުއަރީ މަހު މަރުވި ކުރީގެ މަޝްހޫރު ބަތަލާ ސްރީދޭވީގެ ދޮށީ އަންހެން ދަރިފުޅެވެ. އަދި އިޝާން އަކީ އެކްޓަރު ޝާހިދު ކަޕޫރުގެ އެއްބަނޑު ކޮއްކޮ އެވެ.

ޖުލައި 20 ވަނަ ދުވަހު ރިލީޒްކުރާ މި ފިލްމަކީ މި އަހަރު އަލަށް ތައާރަފުވާ ތަރިންގެ ފިލްމުތަކުގެ ތެރެއިން އެންމެ ގިނަބަޔަކު އިންތިޒާރުކުރަމުން އަންނަ ފިލްމެވެ.