ބޮލީވުޑްގެ ފުއްނާބުއުސް ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރްއަކީ ތަފާތު ގިނަ ފިލްމުތަކެއް ގެނެސްދީ ބެލުންތެރިން ހައިރާންކޮށްލާފައިވާ މީހެކެވެ. އޭނާގެ ފިލްމުތަކުގެ ނަގާ ވަރުގަދަ ކާސްޓުންވެސް މީހުން ހައިރާންކޮށްލަ އެވެ. އަނެއްކާވެސް މިވީ އެހެނެވެ.
ކަރަންގެ 29 އަހަރުވީ ކެރިއަރުގައި ގެނެސްދޭ އޭނާގެ އެންމެ އުއްމީދީ ޕްރޮޖެކްޓް، "ކަލަންކް" ގެ ކާސްޓު މިހާރު ވަނީ އިއުލާނުކޮށްފަ އެވެ. އިއުލާނުކުރި ކާސްޓުންގެ ތެރޭގައި ބޮލީވުޑްގައި މިހާރު ވަރަށް ނުފޫޒުގަދަ މަޝްހޫރު ގިނަ ތަރިންތަކެއް ހިމެނެ އެވެ. އޭގެ ތެރޭގައި ވަރުން ދާވަން، އާލިއާ ބަޓް، ސަންޖޭ ދަތް، މާދުރީ ދިކްޝިތް، އަދިތްޔަ ރޯއީ ކަޕޫރް އަދި ސޮނާކްޝީ ސިންހާ ހިމެނެ އެވެ.
ފިލްމުގެ ކާސްޓު އިއުލާނުކުރީ ދާދި ދެންމެ ކަރަން ކުރި ޓުވީޓެއްގަ އެވެ. ޓުވިޓާގައި ކަރަން ބުނީ އޭނާގެ "އެޕިކް ޑްރާމާ" ފިލްމުގެ ކާސްޓު އިއުލާން މިކުރަނީ ވަރަށް ފަހަރުވެރިކަމާއެކުގައި ކަމަށެވެ. މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު އޭޕްރީލް 19 ގަ އެވެ.
ކަލަންކްއަކީ ކަރަންގެ ޑްރީމް ޕްރޮޖެކްޓެވެ. މި ފިލްމަކީ ކަރަންގެ ބައްޕަ ޔަޝް ޖޯހަރް މީގެ 15 އަހަރު ކުރިން ތައްޔާރުކުރި ކޮންސެޕްޓެކެވެ. އަބީޝޭކް ވަރްމާ ޑައިރެކްޓުކުރާ މި ފިލްމުގައި ދައްކުވައިދޭނީ 1940 ގެ އަހަރުތަކުގެ ތެރޭގައި ހިނގި ކަންތައްތަކެކެވެ.
ފިލްމާއި ބެހޭގޮތުން ކަރަން ބުނީ، "ކަލަންކް ތައްޔާރުކުރުމަށް މިކުރާ ދަތުރަކީ އަހަންނަށް ވަރަށް ޖަޒުބާތީ ދަތުރެއް. މި ފިލްމަކީ މީގެ 15 އަހަރުކުރިން އަހަރެން ހިޔާލައަށް އައި އައިޑިއާއެއް. އަނެއްކާ މި ފިލްމުގެ ޕްރީ ޕްރޮޑަކްޝަންގެ މަސައްކަތްކުރީ އަހަރެންގެ ބައްޕަ. މިހާރު މި ފިލްމުގެ މަސައްކަތް އަބީޝޭކް ވަރްމާފަދަ ކުޅަދާނަ ޑައިރެކްޓަރަކާއި ހާވާލު މިކުރަނީ ފަހުރުވެރިކަމާއެކު." ކަރަން ބުންޏެވެ. ސްކްރީންޕްލޭވެސް ތައްޔާރުކުރީ ޑައިރެކްޓަރު އަބީޝެކް އެވެ. ފިލްމު ވާހަކަ ލިޔުނީ ޝިބާނީ ބަތީޖާ އެވެ.
މި ފިލްމަކީ ބޮލީވުޑްގެ ވަރުގަދަ ތިން ޕްރޮޑަކްޝަން ހައުސެއްވެސް ގުޅިގެން ގެނެސްދޭ ފިލްމެކެވެ. އެގޮތުން މި ފިލްމު ގެނެސްދޭނީ ކަރަންގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް، ދަރްމާ ޕްރޮޑަކްޝަންއާއި ފޮކްސް ސްޓާ ސްޓޫޑިއޯ އަދި ނަޑިއާޑްވާލާ ގްރޭންޑްސަން އެންޓަޓެއިންމަންޓްގެ ކުޑައިގެ ދަށުންނެވެ.