ވިޔަފާރި

ޓޫރިސްޓުން އިތުރުވަނީ މިދިޔަ އަހަރު ކުރި މަސައްކަތުން: މިނިސްޓަރު

Apr 19, 2018

މިދިޔަ މަހު ރާއްޖެއަށް އައި ޓޫރިސްޓުން އިތުރު ވެގެން ދިޔައީ މިދިޔަ އަހަރުގެ މެދުތެރޭގައި ކުރި މަސައްކަތް ތަކުން ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ފެބްރުއަރީ މަހު އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން މިމަހު ރާއްޖެ އައި ޓޫރިސްޓުން މަދުވާނެ ކަމަށް ކުރިން ލަފާކުރެވިފައިވެ އެވެ. ނަމަވެސް ޓޫރިޒަމް މިނިސްޓްރީން އިއްޔެ އާއްމުކުރި ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު 133,466 ޓޫރިސްޓުން ރާއްޖެ ޒިޔާރަތް ކުރި އެވެ. މިއީ އޭގެ ކުރީ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 112,665 މީހުން އިތުރު އަދަދެކެވެ. މި އަދަދަކީ 18.5 ޕަސެންޓް އިތުރުވުމެކެވެ.

ޓޫރިޒަމް މިނިސްޓަރު ޒަމީރު "އަވަސް" އަށް ވިދާޅުވީ މި އަހަރުގެ ވޭތުވެދިޔަ ދެތިން މަހަކީ ދުނިޔޭގައި ގިނަ އަދަދެއްގެ ޗުއްޓީ ތަކެއް އައި މަސް ދުވަސް ތަކެއް ކަމަށެވެ.

"މިދިޔަ އަހަރު ނިމުން އިރު ވަރަށް ބޮޑަށް މަސައްކަތް ކުރި. މީގެ ނަތީޖާއެއްގެ ގޮތުން ކުރިއެރުން ލިބުނީ. ނަމަވެސް އަޅުގަނޑުމެން އެކްސްޕެކްޓް ކުރި ވަރަށް ނުދިޔަ ނަމަވެސް ދައުލަތަށް ކުރި އާމްދަނީވެސް އިތުރުވެފައި ވަނީ،" ޒަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި ކާމިޔާބު ލިބިގެން ދަނީ މުޅި ޓޫރިޒަމް ސިނާއަތް ގުޅިގެން ކުރަމުންދާ މަސައްކަތްތަކުން ކަމަށެވެ. މި މަސައްކަތުގެ ނަތީޖާގެ ގޮތުން މި އަހަރު އަންނަ މީހުންގެ އަދަދު އިތުރުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޒަމީރު ވިދާޅުވި އެވެ.

"މި އަހަރުގެ ފަހު ކޮޅުވެސް ފެއާތަކެއް އެބަހުރި. ގިނަ އެއާލައިންތަކުންވެސް މަސައްކަތް އެބަކުރޭ. މި މަސައްކަތުގެ އިތުރުން ރާއްޖޭގެ ޕޮޒިޓިވް އިމޭޖު ދެއްކުމަށް ވެސް މަސައްކަތް ކުރަން. ބޭރުގެ ނޫހަކުން އާޓިކަލްއެއް ފެނިއްޖެނަމަ އެކަމަށް މަސައްކަތް ކުރެވޭ. އެ މަސައްކަތްތަކުގެ ނަތީޖާ މި ފެންނަނީ،" ޒަމީރު ވިދާޅުވި އެވެ.

މި އަހަރު އަންނަ ޓޫރިސްޓުންގެ އަދަދު އިތުރު ވާނެ ކަމަށް މިނިސްޓްރީން އަންދާޒާކުރި ނަމަވެސް، ކުރިއަށް އޮތީ ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ލޯ ސީޒަނެވެ. ޔޫރަޕުގެ ހޫނު މޫސުމާ ދިމާކޮށް ކޮންމެ އަހަރަކު ވެސް ރާއްޖެ އަންނަ މީހުންގެ އަދަދު މަދުވެއެވެ.

ރާއްޖޭގެ ޓޫރިޒަމަށް މިދިޔަ އަހަރު ވަނީ ބޮޑު ކުރިއެރުމެއް ލިބިފަ އެވެ. މިދިޔަ އަހަރު 1.3 މިލިއަން މީހުން ރާއްޖެއަށް ޒިޔާރަތް ކުރި އެވެ. އެހެންވެ، މި ކުރިއެރުން ދެމެހެއްޓުމަށްޓަކައި މި އަހަރު މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި ޓޫރިޒަމް ސިނާއަތު ގުޅިގެން މި އަހަރު 50 ފެއާއެއްގައި ބައިވެރިވާން ވަނީ ނިންމާފަ އެވެ.