ހަބަރު

މާލޭހިޔާގައި އަނެއްކާވެސް ފެންބޮޑުވެ، ބޮޑެތި ގެއްލުންތަކެއް

ރޭ ފަތިހު މާލެއަށް ކުރި ވިއްސާރާގައި މާލޭހިޔާގެ ފުރާޅުން ވާރޭ ވެހި ފްލެޓްތަކެއްގެ އެތެރެ ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ. ވިއްސާރަ ދުވަސްވަރާ ދިމާކޮށް މާލޭ ހިޔާގެ ފްލެޓްތަކަށް މި މައްސަލަ ކުރިމަތިވެ އެވެ. އެ ފްލެޓްތައް ގިނަ ދުވަސްވެ މަރާމާތު ނުކުރުމުގެ ޝަކުވާ އަބަދުވެސް އޮވެ އެވެ.

މާލޭހިޔާ ފްލެޓެއްގައި ދިރިއުޅޭ ފަރާތަކުން "އަވަސް" އަށް މައުލޫމާތު ދިން ގޮތުގައި ރޭ ފަތިހު 5:45 އެހާއިރު ސީލިންގުން ފެންފައިބައި ވަރަށް ބޮޑަށް ގޭގައި ފެންބޮޑުވި ކަމަށެވެ. އަދި ހިފާ ގެންގުޅޭ ވަރަށް ގިނަ ސާމާނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

މިދިޔަ ޖެނުއަރީ މަހުވެސް ކުރި ވިއްސާރާގައި މާލޭހިޔާ އެކެއް އަދި ދޭއްގެ ބައެއް އެޕާޓްމަންޓް ތަކުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެ، ބޮޑެތި ގެއްލުން ތަކެއްވެފަ އެވެ.

"މިދިޔަ ފަހަރަށްވުރެ ބޮޑަށް މިފަހަރު ފެން ބޮޑުވި، މުޅި ކޮޓަރި ތެރެ އެއްކޮން އޮތީ ފެންބޮޑުވެފަ. ސީލިންގުވެސް އެއްކޮށް އޮތީ ހަލާކުވެފަ، ސީލިންގުގެވެސް އެއްބައި މިހާރު ވަނީ އެއްކޮށް ވެއްޓިފަ ހަލާކުވެގެން،" އެޕާޓްމެންޓްގައި ދިރިއުޅޭ ފަރާތަކުން ބުންޏެވެ.

އެފަރާތުން ބުނީ، ލާން ގެންގުޅޭ އަންނައުނާއި އެނދާއި ގޮދަޑިތައްވެސް ވަނީ ތެމި ފޯވެފަ ކަމަށާއި ބައެއް ސާމާނު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ.

"ޑްރެސިން ޓޭބަލްވެސް އޮތީ އެއްކޮން ފޮޅިފަ، މުޅި ސީލިންގުން ފެންފައިބަ ފައިބަ ހުރީ، އަދިވެސް ހަމައަކަށް ނޭޅޭ،" އެޕާޓްމެންޓްގައި ދިރިއުޅޭ ފަރާތަކުން ބުންޏެވެ.

އޭނާ ބުނީ، އެކަންކަން ހައްލުކޮށް ދިނުމަށް ހައުސިން މިނިސްޓްރީއަށާއި މުނިސިޕަލްޓީ އަދި ސިޓީ ކައުންސިލް އަށް ގޮސްފައިވާ ކަމަށާއި ނަމަވެސް މިކަމުގެ ޒިންމާ ނަގާނެ ފަރާތެއް ނެތް ކަމަށެވެ.

"މިތަނުގެ މެއިންޓެނެސްއާ ހަވާލުވެގެން އުޅޭ ފަރާތުން ބަންގާޅިން ފޮނުވައިގެން ރަނގަޅު ކުރުމުގެ މަސައްކަތް އެބަ ކުރޭ، ހައުސިން މިނިސްޓްރީއަށްވެސް ދެވިއްޖެ، މުނިސިޕަލްޓީއަށްވެސް ސިޓީ ކައުންސިލަށްވެސް ދެވިއްޖެ، އެއްވެސް ފަރާތަކުން މިތަނުގެ ޒިންމާ ނަގާކަށް ބޭނުމެއް ނުވޭ، ހަވާލުވެގެން އުޅެނީ ކޮން ފަރާތަކުން ކަމެއް ނޭންގެ،" އެޕާޓްމެންޓްގައި ދިރިއުޅޭ ފަރާތަކުން ބުންޏެވެ.