ސިއްހަތު

ދުނިޔޭގެ އަބާދީގެ 95 ޕަސެންޓް ނުސާފު ވައިގެ ތެރޭގައި

ޖައްވު ނުސާފުވުމަކީ ވެރި ރަށް މާލެއަށް ބެލި ނަމަވެސް ކުރިމަތި ވަމުންދާ މައްސަލައެކެެވެ. މާލޭގައި މި މައްސަލަ އެންމެ ބޮޑަށް ކުރިމަތި ވަނީ އިންޖީނުލީ ދުއްވާ އެއްޗެހިން ޖައްވުގެ ތެރެއަށް ބޭރުވާ ވިހަ ގޭސްތަކުގެ ސަބަބުންނެވެ. މިގޮތަށް ބޭރުވާ ވިހަ ގޭސްތަކުގެ ސަބަބުން ސިއްހީ އެތަށް މައްސަލަތަކަކާއި ކުރިމަތިލާންޖެހެ އެވެ.

ޖައްވުގައި ހުންނަ ތަފާތު ވިހަ މާއްދާތަކާއި ބެހޭގޮތުން ތަފާތު ދިރާސާތައްކޮށް ކޮންމެ އަހަރަކު އެމެރިކާގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ "ހެލްތް އިފެކްޓްސް އިންސްޓިޓޫޓް" އިން "ސްޓޭޓް އޮފް ގްލޯބަލް އެއާ"ގެ ނަމުގައި ރިޕޯޓެއް އާންމުކުރެ އެވެ.

އެ ޖަމިޔައްޔާ އިން މި އަހަރު އާންމުކުރި ރިޕޯޓުގައި ބުނާގޮތުން، ދުނިޔޭގެ އާބާދީގެ 95 އިންސައްތަ މީހުން ނޭވާލަނީ ނުސާފު ވައިގެ ތެރެއަށް ކަމަށާއި ހާލަތު އެންމެ ދަށީ ފަގީރު ގައުމުތަކުގައި ކަމަށެވެ. އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން 2016 ވަނަ އަހަރު އެކަނިވެސް ނުސާފުވައިގެ ސަބަބުން 6.1 މިލިއަން މީހުން ދުނިޔޭގެ އެކި ހިސާބުތަކުގައި މަރުވެފައިވެ އެވެ.

ނުސާފުވައިގެ ސަބަބުންޖެހޭ ސިއްހީ މައްސަލަތަކުގެ ތެރޭގައި ސްޓްރޯކް ނުވަތަ ހިތް ހުއްޓުމާއި، ފުއްޕާމޭގެ ކެންސަރާއި އަދި ފުއްޕާމޭއަށް ޖެހޭ ތަފާތު ބަލިތައް ހިމެނެ އެވެ. މީހުން މަރުވާން މެދުވެރިވަނީ މިފަދަ ނުރައްކާތެރި ބަލިތަކުގެ ސަބަބުންނެވެ.

ދުނިޔޭގައި މީހުން އެންމެ ގިނައިން މަރުވާން މެދުވަރިވާ ސަބަބުތަކުގެ ތެރެއިން ހަތަރު ވަަނައަށް އެންމެ ގިނައިން މީހުން މަރުވަނީ ނުސާފު ވައިގެ ސަބަބުން ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. އެންމެ ގިނަ އިން މީހުން މަރުވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމުންނާއި ލޭ މައްޗަށް ދިއުމުންނެވެ.

ޖައްވުގެ ތެރެއަށް ނުސާފު ވައި އެންމެ ގިނައިން ބޭރުކުރަނީ ދުނިޔޭގެ އާބާދީ އެންމެ ބޮޑު ދެ ގައުމު ކަމަށްވާ ޗައިނާ އަދި އިންޑިއާ އިންނެވެ. ޖައްވުގައިވާ ނުސާފު ވައިގެ 50 އިންސައްތަ ހިއްސާކުރަނީ މި ދެ ގައުމުން ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. ޗައިނާއަށް ވުރެވެސް ގިނައިން މިހާރު އިންޑިއާގައި ޖައްވު ނުސާފުވުމުގެ މައްސަލަ ބޮޑު ކަމަށްވެސް ބުނެފައިވެ އެވެ. ހަމައެކަނި 2016 ވަނަ އަހަރުވެސް އެ ގައުމުގައި ޖައްވު ނުސާފުވުމާއި ގުޅިގެން 1.1 މިލިއަން މީހުން މަރުވެފައިވެ އެވެ.

ޗައިނާ އިން މިހާރު ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމަށް މަސައްކަތް ކުރަމުން އަންނަކަން ފާހަގަކޮށްފައިވެ އެވެ. އެ ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައި ވަނީ، 2010 ވަނަ އަހަރުން ފެށިގެން ޖައްވުގައި ނުސާފު ވައި އެންމެ ގިނައިން އިތުރުވީ ޕާކިސްތާން، ބަންގްލަދޭޝް އަދި އިންޑިއާގައި ކަމަށެވެ.

ޖައްވު ނުސާފުވުމުގެ މައްސަލަ އެންމެ ގިނަ އިން ކުރިމަތިވެފައި ވަނީ ފަގީރު އަދި ތަރައްގީވަމުން އަންނަ އޭޝީއާ އަދި އެފްރިކާގެ ގައުމުތަކުގަ އެވެ.

މި ރިޕޯޓަކީ ޖައްވުގެ ނުސާފުކަމާއި ބެހޭގޮތުން ތައްޔާރުކޮށްފައިވާ އެންމެފަހުގެ ރިޕޯޓެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން މި މަހު ކުރީކޮޅުގައި ރިޕޯޓުކުރި ގޮތުގައި ޖައްވު ނުސާފުވުމުގެ ސަބަބުން ދުނިޔޭގައި ފަސް އަހަރުން ދަށުގެ 1.7 މިލިއަން ކުދިންނަށް ތަފާތު ސިއްހީ މައްސަލަތައް ކުރިމަތިވަމުންދާ ކަމަށެވެ.

ދަ ލެންސެޓްގައި ޝައިއުކޮށްފައިވާ ލިޔުމެއްގައި ބުނެފައި ވަނީ، 2015 ވަނަ އަހަރު ދުނިޔޭގެ އެކި ހިސާބުތަކުގައި މަރުވި މީހުންގެ ތެރެއިން ކޮންމެ ހަ މީހަކުން އެކަކު މަރުވީ ހަށިގަނޑަށް ވިހަ މާއްދާތަކުގެ އަސަރުކޮށްގެންނެވެ. އޭގެ ތެރޭގައި ވައި ނުސާފުވާމައި، ފެން ތަގައްޔަރުވުމާއި ވިހަ މާއްދާތަކުގެ ސަބަބުން ކުރިމަތިވާ ތަފާތު މައްސަލަތައް ހިމެނެ އެވެ.