ހަބަރު

ތުއްތު ކުއްޖާ ސަލާމަތްކޮށްދިން ފުލުސް މީހާގެ އަގު ވަޒަންކޮށްފި

ޓްރެފިކްގައި ޖެހިފައި އޮތް ކާރެއްގައި އޮތް ހާލުބޮޑު ތުއްތު ކުއްޖާ ކޮނޑުމަތީގައި ހޮސްޕިޓަލަށް ގެންގޮސްދީ އެކުއްޖާ ސަލާމަތްކޮށްދިން ޓެރެފިކް ޕޮލިސް، ލާންސް ކޯޕަރަލް މުހައްމަދު ރިފާއުގެ ހިދުމަތުގެ އަގު ވަޒަންކޮށް ފުލުހުންގެ އިދާރާއިން އޭނާއަށް އެވޯޑެއް ދީފި އެވެ.

ފުލުހުންގެ އިދާރާއިން ދެންމެ ކުރި ޓުވީޓެއްގައި ވަނީ އެކްޓިން ކޮމިޝަނާ އަބްދުﷲ ނަވާޒްގެ އަތްޕުޅުން ރިފާއުގެ ހިދުމަތުގެ އަގު ވަޒަންކޮށް އޭނާއަށް ހަނދާނީ ލިޔުމެއް ދެއްވި ރަސްމިއްޔާތެއްގެ ފޮޓޯތަކެއް ހިއްސާކޮށްފަ އެވެ.

ހޯމަ ދުވަހުގެ ހަވީރު ފާތުމަތު ޝިފްނާ މުހަންމަދުގެ ހަތަރު އަހަރުގެ ދަރިފުޅު ފިޓްޖެހިގެން އެމަޖެންސީގައި އޭޑީކޭ ހޮސްޕިޓަލަށް ކާރުގައި ގެންދަނިކޮށް ހެންވޭރު ދަނޑާ ހަމައިން ކާރު ޓްރެފިކްގައި ޖެހި ކުރިއަށް ދެވޭގޮތް ނުވުމުން އެވަގުތު އެތަނުގެ ޓްރެފިކް ބަލަހައްޓަން ހުރި ރިފާއު ވަނީ ކުއްޖާ ކޮނޑުމަށްޗަށް ލައިގެން ދުވެފައި އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްދީފަ އެވެ. އޭނާގެ އެ އިހުސާންތެރިކަމަށް އެތައް ބައެއްގެ ތައުރީފާއި ލޯބި ދަނީ ލިބެމުންނެވެ. ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ އޭނާއަށް މަރުހަބާ ކިޔާފަ އެވެ.

ރިފާއުގެ މަސައްކަތަށް ތުއްތު ކުއްޖާގެ މަންމަވެސް ވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފަ އެވެ.