ކުޅިވަރު

ރާއްޖެ އިންޑިއާ ގުރޫޕު ބީގައި، ފުރަތަމަމެޗު ލަންކާއާ ދެކޮޅަށް

ސެޕްޓެމްބަރު މަހު ބަންގުލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި، ގުރޫޕް ބީ ގައި ވާދަވެރި އިންޑިއާ އާއި ޝްރީލަންކާއާ އެއް ގުރޫޕެއްގައި ރާއްޖެ ލައްވާލައިފި އެވެ. ރާއްޖޭގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ލަންކާއާ ދެކޮޅަށެވެ.

ސްޕެޓެމްބަރު ހަތަރަކުން 15 ގެ ނިޔަލަށް ކުރިއަށްދާ މުބާރާތުގައި، މުބާރާތް ބާއްވާ ގައުމު ބަންގުލަދޭޝް އާއެކު ގުރޫޕް "އޭ" ގައި ހިމެނެނީ، މެދުކެނޑުމަކަށް ފަހު މުބާރާތަށް އައި ޕާކިސްތާން އާއި ނޭޕާލް އަދި ބޫޓާން އެވެ.

ކޮންމެ ގުރޫޕަކުންވެސް ސެމީ ފައިނަލަށް ދާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. ސެމީފައިނަލުގައި ގުރޫޕް "އޭ" ގެ އެއް ވަނަ ޓީމު ވާދަ ކުރާނީ ގުރޫޕް "ބީ" ގެ ދެ ވަނަ ޓީމާ ދެކޮޅަށެވެ. ގުރޫޕް ބީ ގެ އެއް ވަނަ ޓީމު ގުރޫޕް އޭ ގެ އެއް ވަނަ ޓީމަކާ ދެކޮޅަށެވެ.

މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ، އިންޑިއާ އެވެ. އެ ޓީމުން ވަނީ މުބާރާތް ހަތް ފަހަރު ކާމިޔާބު ކޮށްފަ އެވެ. ރާއްޖެ އާއި ބަނަގުލަދޭޝް ޝްރީލަންކާ އަދި ސާފް ކުރީގެ މެންބަރު އަފްގާނިސްތާން ވަނީ އެއް ފަހަރު މުބާރާތް ކާމިޔާބު ކޮށްފަ އެވެ.

މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީވެސް އިންޑިއާ އެވެ. އަމިއްލަ ގައުމުގައި ބޭއްވި މުބާރާތް އެ ޓީމުން ކާމިޔާބު ކުރީ އަފްގާނިސްތާން ބަލި ކުރުމަށް ފަހު އެވެ. އޭރު އަފްގާންގެ ކޯޗަކަށް ހުރީ، ރާއްޖޭގެ ގައުމީ ޓީމުގެ މިހާރުގެ ކޯޗް ޕީޓާ ޝެގަޓް އެވެ. އެފަހަރުގެ ފައިނަލަށް އިންޑިއާ ދިޔައީ ސެމީގައި ރާއްޖެ ބަލި ކުރުމަށް ފަހު އެވެ.

މުބާރާތް ހުޅުވައި ދޭނީ ބަންގުލަދޭޝް އާއި ބޫޓާން އެވެ. މި އަހަރަކީ ބަނގުލަދޭޝް އަށް ހާއްސަ ފަހަރެކެވެ. އެ ޓީމުން މުބާރާތް ކާމިޔާބު ކުރީ އަމިއްލަ ގައުމުގައި 2003 ވަނަ އަހަރު ބޭއްވި ފަހަރު އެވެ. އެ ގައުމުގެ ޓާގެޓަކީ 2003 ވަނަ އަހަރުގެ ކާމިޔާބު ތަކުރާރު ކުރުމެވެ.