ހަބަރު

1 ފެބްރުއަރީގެ އަމުރަށްފަހު ނަޝީދަކީ މުޖުރިމެއް ކަމަށް ނުބުނެވޭނެ: ގާޒީ ބާރީ

Apr 18, 2018
18

ސުޕްރީމް ކޯޓުން ފެބްރުއަރީ އެއްވަނަ ދުވަހު ނެރުއްވި އަމުރަށްފަހު ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ މުޖުރިމެއް ކަމަށް އެކަކަށްވެސް ނުބުނެވޭނެ ކަމަށް ކުރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފް ވިދާޅުވެއްޖެ އެވެ.

މިހާރު ޖުވެނައިލް ކޯޓުގެ ގާޒީކަން ކުރައްވާ ބާރީ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވީ، އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުއްވި އަމުރަށްފަހު، ރައީސް ނަޝީދަކީ މުޖުރިމެއް ކަމަށް އެއްވެސް މީހަކަށް ބުނެވިގެން ނުވާނެ ކަމަށެވެ.

"އިއްތިފާގިއްޔާ އަށްވުރެ އަގުލަބިއްޔާ ބަލިކަށިވާނެ،" ބާރީ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓްގައި ވެއެވެ.

އަމުރާ ގުޅިގެން މީގެ ކުރިން ވެސް ގާޒީ ބާރީ ވާހަކަ ދައްކަވާފައިވެ އެވެ. އެގޮތުން އޭނާ ވިދާޅުވީ، ސުޕްރީމް ކޯޓުން ނެރޭ އަމުރުތަކާމެދު ބަހުސްކޮށް ޖަދަލުކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި ޝަރުއީ ކޯޓެއްގެ އަމުރުތަކާއި ހުކުމްތައް ތަންފީޒުކުރުމުގައި ބަލަންޖެހޭނީ އެ ހުކުމްތަކާއި އަމުރުތަކުގެ ބޭރު ފުށަށް ކަމަށެވެ.

"ދަށު ކޯޓުތަކުގެ ހުކުމްތަކާ އަމުރުތަކާމެދު ހިތްހަމަނުޖެހޭނަމަ އިސްތިއުނާފު ކޮށްގެން އެއާ މެދު ވާހަކަ ދެއްކިދާނެ، އެހެން ނަމަވެސް އެންމެ މަތީ ކޯޓުގެ ހުކުމްތަކާއި އަމުރުތައް ތަންފީޒުކުރުމަށްޓަކައި ބަހުސްކޮށް ޖަދަލު ކުރުމަކީ އެއްވެސް ޝަހުސަކަށް ލިބިގެންވާ ހައްގެއް ނޫން،" ގާޒީ ބާރީ ވިދާޅުވި އެވެ.

ގާޒީ ބާރީ އިތުރަށް ވިދާޅުވީ، "އެންމެ މަތީ ކޯޓުގެ ހުކުމްތަކާއި އަމުރުތައް ތަންފީޒުކުރުމުން ދެން ނިކުންނަ ނަތީޖާއަކީ އެ ހުކުމްތަކާއި އަމުރުތައް ތަންފީޒުނުކުރުމަށް ދައްކާ އުޒުރަކަށް އަދި ބަހަނާއަކަށް ވެގެން ނުވާނެ،" ކަމަށެވެ.

ބާރީ ވަނީ، ސުޕްރީމް ކޯޓުގެ ހުކުމްތަކާއި އަމުރުތަކަށް ގާނޫނު އަސާސީގެ ބާރު ހިނގާ ސަރަހައްދުގައި ތިބި އެންމެތަކުން ތަބާވުމަށް ގޮވާލައި ހުރިހާ ކޯޓަކުން ބަޔާން ނެރުމަށް އެ ކޯޓުތަކަށް ވެސް ގޮވާލައްވާފަ އެވެ.