ހަބަރު

ހުކުމާ އެކު 188 މިލިއަން ޑޮލަރު ހޯދުމުގެ ދައުވާ ބާތިލްވާނެ: ވިލާ

ވިލާ ގްރޫޕަށް ދީފައިވާ ރަށްތައް އަތުލައި އެގްރިމަންޓްތައް ބާތިލްކުރަން ސަރުކާރުން ނިންމީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފައި ވަނިކޮށް، އެ ހުކުމްތައް ބާތިލްކޮށް އެތަންތަން ވިލާގެ އަތުން އަތުލީ ރަނގަޅަށް ނޫން ކަމަށް ސުޕްރީމް ކޯޓުން ނިންމުމާއި ގުޅިގެން ވިލާއިން ފައިސާ ހޯދުމަށް މީރާއިން ކޮށްފައިވާ ދައުވާތަކުގެ އެއްވެސް އަސާސެއް މިހާރު ނެތް ކަމަށް ވިލާގެ ގާނޫނީ ވަކީލުން ވިދާޅުވެއްޖެ އެވެ.

އެ ރަށްތަކާއި ފަޅުތަކުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 188 މިލިއަން ޑޮލަރު (2.9 ބިލިއަން ރުފިޔާ) ހޯދަން މީރާއިން ވަނީ ވިލާއާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކޮށްފަ އެވެ. އެމައްސަލަ އަދިވެސް އޮތީ ސިވިލް ކޯޓުގައި އެވެ. މިއަދު ސުޕްރީމް ކޯޓުން އިއްވި ހުކުމަށްފަހު 188 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމެއް ނުވަތަ ނޫން ކަމާ މެދު މި ވަނީ ސުވާލު އުފެދިފަ އެވެ.

ވިލާގެ ލޯޔަރަކު މިއަދު "އަވަސް" އަށް ވިދާޅުވީ މީރާއިން ސިވިލް ކޯޓުގައި ކޮށްފައިވާ ދައުވާ އަކީ ހައި ކޯޓުން ކޮށްފައިވާ އަމުރުގެ އަސްލަކަށް ބަލައިގެން ކޮށްފައިވާ ދައުވާއެއް ކަމަށާއި އެ އަމުރު ބާތިލް ކުރުމުން އެ މައްސަލަތަކުގެ އެއްވެސް އަސާސް މިހާރު ނޯންނާނެ ކަމަށެވެ. އެހެން ކަމުން ވިލާއިން މީރާ އަށް 188 މިލިއަން ޑޮލަރު މިހާރު ދައްކަން ނުޖެހޭނެ ކަމަށް ވަކީލް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގަބޫލް ކުރަނީ ވިލާއިން މީރާއަށް ދެން އެއްވެސް ފައިސާ އެއް ދައްކަން ނުޖެހޭނެ ކަމަށް، އަދި ހައިކޯޓްގެ އަމުރަށްފަހު ފުރީޒް ކޮށްފައިވާ ކުންފުނިތަކުގެ އެކަންޓްތައްވެސް ދޫކޮށްލަން ޖެހޭނެ، އެއީ ސުޕްރީމް ކޯޓުން މިހާރު އެވަނީ ހައި ކޯޓުން އިއްވާފައިވާ ހުކުމް ބާތިލް ކޮށްފަ، އެހެން ކަމުން މައްސަލަތަކުގެ އަސްލެއް މިހާރު ނެތް،" ވަކީލް ވިދާޅުވި އެވެ.

މި މައްސަލައަކީ ވިލާ ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑާއި ވިލާ ޝިޕިން އާއި ވިލާ ހޮޓެލްްސް އާއި މާނެންފުށި ޕްރައިވެޓް ލިމިޓެޑާއި ގަޒީރާ ޕްރައިވެޓް ލިމިޑެޓުން ދައުލަތާ ދެކޮޅަށް ދުއުވާކުރި މައްސަލަ އެވެ. އެ މައްސަލައަކީ އެ ކުންފުނިތަކާއެކު ޓޫރިޒަމް މިނިސްޓްރީން އެކުލަވާލި ސެޓެލްމެންޓް އެގްރިމެންޓްތައް 2015 ވަނަ އަހަރުގެ ފެބުރުއަރީ މަހު މިނިސްޓްރީން ބާތިލުކުރުމާ ގުޅިގެން އުފެދިފައިވާ މައްސަލަ އެކެވެ.

ހދ. ހަނިމާދޫގެ ބިމަކާއި ލ. ކައްދޫގެ ބިމަކާއި މާނެންފުށި އަދި ގަޒީރާއާ ގުޅިގެން ސަރުކާރުން ވަނީ ވިލާގެ ކުންފުނިތަކާއެކު "ސެޓްލްމަންޓް އެގްރިމަންޓް" އެއް ހަދާފަ އެވެ. އެ އެގްރިމެންޓްތައް ހެދީ ކައްދޫއިން އަލީ އިބްރާހިމް ކިޔާ މީހަކަށް ދޫކުރި ބިމެއްގެ މައްސަލާގައި ދައުލަތަށް 9.7 މިލިއަން ރުފިޔާ ދައްކަން ޖެހުމުންނެވެ.

އެ އެއްބަސްވުމުގައި ވަނީ ފަސް ކުންފުންޏަށް ދޫކޮށްފައިވާ ޕްލޮޓް އަދި ލޭންޑްއާ ގުޅިގެން އެއްވެސް ދައުވާއެއް ނުކުރެވޭނެ ކަމަށް ބުނެފައިވެ އެވެ. އަދި އެއްބަސްވުމުގެ ފަހުން އެމެންޑަޑް އެންޑް ރީ-ސްޓޭޓެޑް ލީޒް އެގްރިމަންޓްއެއް ފަސް ކުންފުންޏާއެކު ވަނީ ހަދާފަ އެވެ. ސެޓެލްމެންޓް އެގްރިމެންޓް ނަހަދާ ހުރި، ތ. އެލާ މައްސަލާގައި ވެސް އެމެންޑަޑް އެންޑް ރީ-ސްޓޭޓެޑް ލީޒް އެގްރިމަންޓް ހެދި އެވެ. އެ އެގްރިމެންޓްގައިވާ ގޮތުން ކަމަކާ ދެބަސްވެއްޖެނަމަ އެކަން ހައްލުކުރާނީ ވާހަކަ ދައްކައިގެންނެވެ. އެ އެގްރިމެންޓްތަކުގެ ދަށުން ހަނިމާދޫ ބިމާއި ކައްދޫގެ ބިމުގެ ބަދަލުގެ ގޮތުގައި މާލެ އަތޮޅުން ހަތަރު ފަޅެއް އެ ކުންފުނިތަކަށް ދިނެވެ. އެހެން ނަމަވެސް އެ އެގްރިމަންޓްތައް ބާތިލްކޮށް އެ ތަންތަން ވިލާގެ އަތުން ފަހުން އަތުލި އެވެ.