ވިޔަފާރި

އުރީދޫ އޭޖީއެމްއަށް ރަޖިސްޓްރީ ކުރުން މި މަހު 26 ގެ ކުރިން

Apr 18, 2018

އުރީދޫ މޯލްޑިވްސްގެ އަހަރީ އާއްމު ޖަލްސާގައި ބައިވެރިވެވޭނީ މިމަހުގެ 26 ގެ ކުރިން ރަޖިސްޓްރީވެފައިވާ ހިއްސާދާރުންނަށް ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އުރީދޫ މޯލްޑިވްސްއިން ބުނީ އުރީދޫ މޯލްޑިވްސް އިން މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި، އުރީދޫ މޯލްޑިވްސްގެ ހިއްސާދާރެއްގެ ގޮތުގައި 26 އެޕްރީލް 2018 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 8:00 ގެ ކުރިން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ބައިވެރިވޭނެ އެވެ. މިގޮތުން، އަމިއްލަފުޅަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ޖަލްސާގައި ބައިވެރިވެވޭނެ ކަމަށް އުރީދޫ އިން ބުންޏެވެ.

އެ ކުންފުނިން ބުނީ އަހަރީ އާންމު ޖަލްސާގެ ނޯޓިސް އަދި އެޖެންޑާ މިމަހުގެ 21 ވަނަ ދުވަސް ނިމުމުގެ ކުރިން އާންމުކުރާނެ ކަމާއި، އަދި ޖަލްސާގެ ނޯޓިސް އަދި އެޖެންޑާއާއެކު، އަހަރީ އާންމު ޖަލްސާ ބާއްވާނެ ތާރީހާއި، ގަޑި، ތަން، އެޖެންޑާ އައިޓަމްތައް އަދި ވޯޓުލުމާ ގުޅޭ އިތުރު މަޢުލޫމާތުތައް ވެސް އާންމުކުރެވޭނެ ވާހަކަ އެންމެހައި ހިއްސާދާރުންގެ މަޢުލޫމާތަށްޓަކައި ދަންނަވާ ކަމަށެވެ.

އުރީދޫން އާއްމުންގެ ހިއްސާވާ ކުންފުންޏަކަށް ބަދަލުވެފައިވަނީ ކުރިއަށް ގެންދިޔަ ކާމިޔާބު އައިޕީއޯއަކުންނެވެ. މި އައިޕީއޯ އިން 14 މިލިއަން ހިއްސާ ވަނީ ވިކިފަ އެވެ. މިއީ 421 މިލިއަން ރުފިޔާގެ ހިއްސާ އެވެ. އުރީދޫ އިން ދޫކުރި ހިއްސާގެ 9.5 ޕަސެންޓް ވަނީ ވިކިފަ އެވެ. އެ ކުންފުނިން ހިއްސާއެއް ވިއްކާފައިވަނީ 30ރ. ގެ މަގުންނެވެ. އަދި ހިއްސާ ވިއްކުމަށް ފަހު ފުރަތަމަ އަހަރީ އާއްމު ޖަލްސާއެއް އެންމެ ފުރަތަމަ ބޭއްވީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އެވެ. އަދި މިދިޔަ އަހަރު ވަނީ އެ ކުންފުނީގެ ހިއްސާއެއް ރާއްޖޭގެ ހިއްސާގެ ބާޒާރުގައި 40ރ. އަށް ވިއްކާފަ އެވެ.