ޝޯޝަލް މީޑިއާ ބޭނުންކުރާ މީހުން މިހާރު އެންމެ ޝައުގުވެރިކަން ހުންނަ ކަމަކީ މި އެވެ. "މީމްސް" ހެދުމާއި އެ އެއްޗެހި ޝެއާ ކުރަނީ އެވެ. ބައެއް މީހުން ޝޯޝަލް މީޑިއާއަށް ވަންނަނީވެސް ހަމައެކަނި މީމްސް ބަލައިލުމަށްޓަކަ އެވެ.
މި ކުޅިވަރު ވައިގައިހިފީ މީގެ ދެ އަހަރެއްހާއި ދުވަސް ކުރިންނެވެ. ނަމަވެސް މިހާ ހިސާބަށް އައިރުވެސް އެންމެ ގިނަ ބަޔަކު ފޫހިކަމެއް ނެތި ޝޯޝަލް މީޑިއާގައި ކުރަމުން އަންނަ ކަމަކީ މި އެވެ.
އާންމުކޮށް މީމްސްއަކީ މީހުން ފޫހިފިލުވުމަށާއި މަޖާކޮށްލާއި އަދި ހިތްހަަމަޖެހުން ހޯދުމަށް ބޭނުންކުރާ އެއްޗެކެވެ. މީމްސް ހަދާފައި ހުންނަނީ މީހަކު ބުނި އެއްޗެއް، ކުރި ކަމެއް ނުވަތަ ހިނގި ކަމެއް މީހުން ހެއްވާލާ ގޮތަކަށް ގެނެސްދީގެންނެވެ.
"މުޅި ދުވަސް ވަރަށް ބިޒީކޮށް އުޅެފައި ހުސް ވަގުތުކޮޅެއް ލިބޭއިރު ހުންނަނީ ވަރުބަލިވެ ސްޓްރެސް ވެފައި. އެ ލިބޭ ވަގުތު ކޮޅުގައި މީމްސް އެއްޗެހި ބަލާލައި ހެދީމާ މީހާއަށް ކޮންމެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބޭ." މީމްސްއަށް ލޯބިކުރާ ކުއްޖަކު ބުންޏެވެ.
ރައްޓެހިންނާއި ގާތް މީހުން މީމްސްތަކުގެ ޓެގުކޮށްލާއި މަޖާކޮށްލުމަކީ ވަރަށް ގިނައިން މީހުން މިހާރު ކުރަމުން އަންނަ ކަމެކެވެ.
މީގެކުރިން ގިނައިން ފެންނަނީ ބޭރު ގައުމުތަކުގެ މީމްސް ޕޭޖުތަކެވެ. ހާއްސަކޮށް އިންޑިއާ އަދި ޕާކިސްތާނުގެ މީމްސް ޕޭޖުތައް ދިވެހިންގެ މެދުގައި މަގުބޫލުކަން ބޮޑެވެ. ބަޒްފީޑް، ވައިރަލް އިންޑިއަން، އަދި ހެޕެންސް އިން ޕާކިސްތާންފަދަ ޕޭޖުތައް ދިވެހިންނަށް ވަރަށް ކަމުދެ އެވެ.
ނަމަވެސް މިހާރު ދިވެހިންވެސް އަމިއްލަ މީމްސް ޕޭޖުތައް ހަދާއި ތަފާތު ޕޯސްޓުތައް އާންމުކުރަމުން އާދެ އެވެ.
"އަހަރެން ފުރަތަމަ ހީކުރީ ދިވެހި މީމްސް ޕޭޖެއްވީމަ މީހުނަށް އެހާ ކަމަކުނުދާނެ ކަމަށް. ޕޭޖު ފުރަތަމަ ހެދި ދުވަސްކޮޅު މީހުންގެ މަލާމަތްވެސް ރައްދުވި. އެކަމަކު މިހާރު ވަރަށް ސަޅި." ދިވެހި މީމް ޕޭޖެއް ހިންގާ ފަރާތަކުން ބުންޏެވެ.
މީމްސްގެ ފޯރި ގަދައިރު ވަކި ދުވަސްކޮޅެއްގައި ވަކި މީމްއެއް ވައިގަހިފާ ފަހަރުވެސް އާދެ އެވެ. އެދުވަސްކޮޅެއްގައި ފެންނާނީ ހަމަ އެ މީމެއް އެކި ގޮތްގޮތައް ހަދައިގެން މީހުން އާންމުކުރާ ތަނެވެ. މިގޮތުން ރާއްޖެއަށް ބަލާނަމަ އެންމެފަހުން އާންމުވި ޓޯކިޔޯ މީމްސްތަަކަކީ ގިނަ ބައެއްގެ ޝައުގުވެރިކަން ދަމައިގަނެ ހެއްވާލި މީމްސްތަކެކެވެ.
އެންމެފަހުން ޝޯޝަލް މީޑިއާގައި އާންމުވީ ފޭސްބުކްގެ ބާނީ މާކް ޒަކަބާގް އާއި ގުޅުވައިގެން ތައްޔާރުކުރި މީމްސްތަކެވެ.
ޝޯޝަލް މީޑިއާ ފަޅުފިލުވާލަދިން މީމްސްގެ ފޯރި ދުވަހެއް ދުވަހަކަށް މި އަންނަނީ މަޑުޖެހުމެއް ނެތި އިތުރުވަމުންނެވެ.