ކުޅިވަރު

90 މިނެޓުން މެޗު ނުނިމޭނެ، މިއީ ދަސްކުރަންޖެހޭ ފިލާވަޅެއް: ނިޒާމްބެ

މެޗުގެ 90 މިނެޓާ ހަމަޔަށް ދާއިރު ދިވެހި ކުޅުންތެރިންނަށް ތިބެވެނީ މެޗު ނިންމާލައިގެން ކަމަށާއި، ނަމަވެސް މިހާރު 90 މިނެޓުން މެޗު ނުނިމޭނެ ކަން ދިވެހި ކުޅުންތެރިން ދަސް ކުރަން ޖެހޭ ކަމަށް ޓީސީގެ ކޯޗް މުހައްމަދު ނިޒާމު ބުނެފި އެވެ.

އޭއެފްސީ ކަޕްގައި، މިދިޔަ ދެ އަހަރުވެސް އަދި މި އަހަރުވެސް، އިންޑިއާގެ ކުލަބު ތަކާ ދެކޮޅަށް ދިވެހި ޓީމު ތަކަށް ދެރަ ލިބެނީ މެޗުގެ އެންމެ ފަހު ވަގުތުގަ އެވެ. ބެންގަލޫރާ ދެކޮޅަށް ނިއު ރޭޑިއަންޓް ކުޅުނު މެޗުގައިވެސް ބޯލް ޕޮޒިޝަން އާއި ޕާސް އުފެއްދި ރޭޓްވެސް ކުރީގައި އޮތީ ނިއު ރޭޑިއަންޓެވެ. ނަމަވެސް މެޗުގެ އެންމެ ފަހު ވަގުތުގައި ކާމިޔާބު ކުރި ލަނޑުން މެޗު ކާމިޔާބު ކުރީ ބެންގަލޫރެވެ.

ނިޒާމު ބުނީ މެޗުގެ ފަހު ކޮޅަށް ދިއުމުން މެޗު ނިމުނީކަމަށް ވިސްނައިގެން ތިބެވެން ނެތް ކަމަށެވެ. އެގޮތަށް ވިސްނައިފިނަމަ ކިތަންމެ ބޮޑެތި ޓީމަކަށްވެސް ދެރަ ލިބޭނެ ކަމަށް، ޔޫއެފްއާ ޗެމްޕިއަންސް ލީގްގެ ކްއާޓާ ފައިނަލުގެ ކުޅެނު މެޗުތަކުން މިސާލު ދައްކަމުން ނިޒާމް ބުންޏެވެ.

"ފުޓްބޯޅައިގައި ކޯޗުންވެސް އަދި ކުޅުންތެރިންވެސް ސިކުނޑިއަށް ލާން އެބަޖެހޭ މިއަދުގެ ގޭމަކީ 90 މިނެޓެއް ނޫން ކަން، މިހާރުގެ ގޭމަކީ ފުރަތަމަ ކަށިގަނޑުން ފެށިގެން ފަހު ކަށި ގަނޑާ ހަމަޔަށްކަން ވިސްނަން ޖެހޭ،" ނިޒާމު ކިޔައި ދިނެވެ.

"އެއީ ކުރީ ޒަމާނުގައި ވަރަށް ބޮޑަށް މި އޮންނަނީ ބޯޅަ 90 މިނެޓް ތެރެއަށް ސެޓް ވެފައި، މިހާރު އެޑިޝަނަލް ޓައިމް ފަސް މިނެޓަށް ދިނަސް އެ އެޑިޝަނަލް މިނެޓް ތެރޭގައި ގެއްލިގެންދާ ވަގުތުވެސް ރަނގަޅު ރެފްރީއެއް ހުރެއްޖެ ކަމުގައި ވާނަމަ އިތުރަށް ދޭނެ، އެ ކޮންސަންޓްރޭޝަން އެވަރަށް ބަހަޓަން ޖެހޭނެ."

އޭނާ ބުނީ ބެންގަލޫރާ ދެކޮޅަށް ނިއު ރޭޑިއަންޓް ކުޅުނު މެޗުގައި ބޮޑެތި މިސްޓޭކުތަކެއް ޖެހުނަ ނުދީ ވަރަށް ރަނގަޅަށް މެޗު ކުރިއަށް ގެންދިޔަ ކަމަށެވެ. ނަމަވެސް ލަނޑު ވަނީ ފަހު ވަގުތު ހެދުނު ކުޑަ މިސްޓޭކަކުން ކަމަށެވެ.

"ކޮންމެހެން ބުންވަރު ދަށް ވެގެނެއްވެސް ނޫން، ކުޅުންތެރިންގެ ކޮންސަންޓްރޭޝަން ދައްވެގެނެއްވެސް ނޫން،" ނިޒާމް ބުންޏެވެ. "މިއީ އާންމުކޮށް ރާއްޖޭގެ ފުޓްބޯޅަ އިން ނޯޓިސް ކުރެވޭ ކަމެއް، މެޗު ނިމުގެ މިނެޓެއްހާ ވަރު ކުރިން ކުޅުންތެރިންނަށް މެޗު ރިލެކްސް ކޮށްލެވޭތަން އާދޭ."

މިދިޔަ އަހަރު އޭފްސީކަޕްގެ ގުރޫޕް ސްތޭޖުގައި، މާޒިޔާއިން ބެންގަލޫރާ ޕއޮިންޓްގެ ގޮތުން އެއްވަރެވެ. ގޯލްގެ ތަފާތުން ކުރި ލިބުނީވެސް މާޒިއާ އަށެވެ. ނަމަވެސް މާޒިއާއަށް އަނެއް ބުރަށް ނުދެވުނީ ބެންގަލޫރު އަތުން ޕޮއިންޓެއް ނުލިބުމުންނެވެ. މާލޭގައި ބެންގަލޫރާ ދެކޮޅަށް ޕޮއިންޓެއް ލިބުމާ ވަރަށް ގާތަށް މާޒިއާ އަށް ދެވުނެވެ. ނަމަވެސް ބެންގަލޫރުން ލަނޑު ޖެހީ މާޒިޔާގެ ކުޅުންތެރިންނަށް މެޗުގެ އިތުރު ވަގުތޔގެ ފަހު މިނެޓްގައި ހެދުނު މިސްޓޭކަކަުންނެވެ.