ކުޅިވަރު

ފުރަތަމަ ލަންކާ މެޗު، ކުރިއަށް ވިސްނާނީ އެއަށްފަހު

ސާފް ޗެމްޕިއަންޝިޕާ މެދު ވިސްނާނީ މެޗަކަށް ފަހު މެޗަކުން ކަމަށް ގައުމީ ޓީމުގެ ކޯޗް ޕީޓާ ޝެގަޓް ބުނެފި އެވެ.

ސެޕްޓެމްބަރު މަހު ބަންގުލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި، ރާއްޖެ ހިމެނެނީ، މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އާއި ލަންކާ އާ އެކު ގުރޫޕް "ބީ" ގަ އެވެ. ރާއްޖޭގެ ފުރަތަމަ މެޗުގައި، ވާދަ ކުރާނީ ލަންކާ އާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ ސެޕްޓެމްބަރު މަހު ހަތް ވަނަ ދުވަހު އެވެ.

"މިހާރު އަހަންނަށް އެންމެ އުނދަގޫ ޓީމަކީ ލަންކާ، އެއީ އަބަދުވެސް އެންމެ ފުރަތަމަ ކުޅެން ޖެހޭ މެޗު އުނދަގޫ ވާނެ،" ޝެގަޓްގެ މެސެޖުގައި ބުނެފައި ވެއެވެ. "މުބާރާތާ މެދު ވިސްނާނީ މެޗަކަށް ފަހު މެޗަކުން މިވަގުތު އަހަރެމެންގެ ކުރިމަތީގައި އޮތީ ލަންކާ މެޗު."

ރާއްޖެ އާއި އިންޑިއާ މެޗު ވާނީ ގުރޫޕްގެ އެންމެ ފަހު މެޗަށެވެ. އެ މެޗު އޮންނާނީ ސެޕްޓެމްބަރު މަހު ނުވަ ދުވަހު އެވެ.

އިންޑިއާ އިން ވަނީ މުބާރާތް ހަތް ފަހަރު ކާމިޔާބު ކޮށްފަ އެވެ. ރާއްޖެ އާއި ބަންގުލަދޭޝް، ސްރީލަންކާ އަދި އަފްގާނިސްތާން ކޮންމެ ޓީމެއް ވަނީ އެއް ފަހަރު މުބާރާތް ކާމިޔާބު ކޮށްފަ އެވެ. ރާއްޖެއިން ވަނީ މުބާރާތުގެ ފައިނަލުގައި ހަތަރު ފަހަރު ކުޅެފަ އެވެ.

ގުރޫޕް އޭ މެޗު ޝެޑިއުލް

  • ސެޕްޓެމްބަރު 04: ނޭޕާލް - ޕާކިސްތާން
  • ސެޕްޓެމްބަރު 04: ބަންގުލަދޭޝް - ބޫޓާން
  • ސެޕްޓެމްބަރު 06: ނޭޕާލް - ބޫޓާން
  • ސެޕްޓެމްބަރު 06: ބަންގުލަދޭޝް - ޕާކިސްތާން
  • ސެޕްޓެމްބަރު 08: ޕާކިސްތާން - ބޫޓާން
  • ސެޕްޓެމްބަރު 08: ބަންގުލަދޭޝް - ނޭޕާލް

ގުރޫޕް ބީ މެޗު ޝެޑިއުލް

  • ސެޕްޓެމްބަރު 05: އިންޑިއާ - ޝްރީލަންކާ
  • ސެޕްޓެމްބަރު 07: ދިވެހިރާއްޖެ - ޝްރީލަންކާ
  • ސެޕްޓެމްބަރު 09: އިންޑިއާ - ދިވެހިރާއްޖެ